ހަބަރު

މެންބަރުންނާ ގުޅިގެން ސަރުކާރު ވައްޓާލަން ނަދީމް އުޅުނު: ދައުލަތް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް 2017 ވަނަ އަހަރުން ފެށިގެން ސަރުކާރު ވައްޓާލަން ކުރަމުން އައި މަސައްކަތުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ބައިވެރިވި ކަމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން މިއަދު ޝަރީއަތުގެ މަޖިލީހުގައި ބުނެފި އެވެ.

އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރެފައިވާ ފަސް ފަނޑިޔާރުންގެ އަމުރާ ގުޅިގެން ފުލުހުން ތަހުގީގެއް ހިންގުމަށްފަހު ނަދީމްގެ މައްޗަށް ވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ ކޮށްފަ އެވެ. އެ ދައުވާގެ ފުރަތަމަ އިބްތިދާއީ އަޑުއެހުން މިއަދު ބޭއްވި އެވެ.

މިއަދު ހެނދުނު 10:00 އަށް ތާވަލުކުރި އަޑުއެހުން ފެށީ 1:00 ހާއިރު އެވެ. އަޑުއެހުން ލަސްވީ ކުރިމިނަލް ކޯޓުގެ ގާޒީންގެ ބައްދަލުވުމެއް ކުރިއަށް ދިޔުމުން ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. މިއަދުގެ އަޑުއެހުމަށް ޔުމްނާ މައުމޫނާއި އެކަމަނާގެ މަންމާފުޅު ނަސްރީނާ އިބްރާހިމްގެ ބޭބޭފުޅު އައްބާސް އިބްރާހިމް ވަޑައިގަތެވެ.

އެ ދެ ބޭފުޅުން ވެސް އަޑުއަހަން ވަދެވަޑައިގެން ތިއްބެވި އަޑުއެހުމުގައި ދައުލަތުން ވަނީ ދައުވާ އިއްވާފަ އެވެ. ދައުލަތުން އިއްވި ދައުވާގައި ބުނެފައިވަނީ 2017 ވަނަ އަހަރުން ފެށިގެން ސަރުކާރު ވައްޓާލަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް ކުރަމުން ދިޔަ މަސައްކަތުގައި ނަދީމް ބައިވެރިވެ، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން އެކަމުގައި އެންގެވި އެންގުތަކާ އެއްގޮތަށް ނަދީމް އަމަލުކޮށްފައިވާ ކަމަށެވެ.

އަދި ގާނޫނު އަސާސީއިން ދައުލަތް ހިންގުމުގެ ވަކިވަކި ބާރުތައް ލިބިދީ އުފައްދާފައިވާ މުއައްސަސާތަކުގެ ހިންގުމުގެ ނިޒާމުތަކަށް ބުރޫއަރައި، ގައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާ އެތައް މަސްހަލަތުތަކެއް ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން އެކެއް ފެބުރުއަރީގައި އަމުރެއް ނެރެއްވައިފައިވާތީ ވެސް ނަދީމަށް އެ ދައުވާ ކުރާ ކަމަށެވެ.

އޭގެއިތުރުން ގާނޫނީ އުސޫލުތަކުގެ ބޭރުން ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފް މެދުވެރިކޮށް ދުރާލާ ރާވައިގެން ފުލުހުންގެ ތެރެއިން ބަޔަކު ލައްވައި ފުލުހުންގެ ޑިއުޓީގައި އުޅުނު އިތުރު ފުލުހުންނާ ކުރިމަތިލައި ގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތްކޮށް، ގާނޫނު އަސާސީ އާއި ގާނޫނުތަކާއި އުސޫލުތަކުގެ ބޭރުން ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ހިލާފަށް ވައްޓާލަން މަސައްކަތްކޮށް ދައުލަތަށާއި ސަރުކާރަށް ނޭދެވޭ ނުފޫޒު ފޯރުވައި އާންމުންގެ ސަލާމަތަށް ނުރައްކާވާފަދަ ހާލަތެއް މެދުވެރިކުރަން ނަދީމް އުޅެފައިވާ ކަމަށް ވެސް ދައުވާގައި ބުނެ އެވެ.

މިއަދުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ވަނީ ދައުވާއާ ގުޅޭ ގޮތުން ނަދީމަށް ވާހަކަ ދައްކަން ފުރުސަތު ދީފަ އެވެ. ކޮޅަށް ތެދުވެ ނަދީމް ވިދާޅުވީ ދައުވާއާ ގުޅިގެން ކުރިއަށް ދާން ބޭނުން ވަނީ ގާނޫނީ ވަކީލަކާއެކު ކަމަށެވެ. އެކަމަށް 10 ދުވަހުގެ ފުރުސަތެއް ދެއްވުމަށް އެދުނެވެ. ނަމަވެސް ގާޒީ ދެއްވީ ދެ ދުވަހެވެ. ދެ ދުވަސް ތެރޭގައި ވަކީލަކު އައްޔަންކޮށް ދައުވާއަށް ޖަވާބުދާރީވުމަށް ތައްޔާރުވުމަށް ގާޒީ އެންގެވި އެވެ. އަދި އަޑުއެހުން ނިންމާލެއްވި އެވެ.