ހަބަރު

މިދިޔަ އަހަރުން ފެށިގެން ސަރުކާރު ވައްޓާލަން އަރީފު އުޅުނު: ދައުލަތް

މިދިޔަ އަހަރުން ފެށިގެން ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފު މަސައްކަތް ކުރައްވާފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުން ބުނެފި އެވެ. އެކަން ކުރަން އުޅުނީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކަމަށެވެ.

އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރެފައިވާ ފަސް ފަނޑިޔާރުންގެ އަމުރާ ގުޅިގެން ފުލުހުން ތަހުގީގެއް ހިންގުމަށްފަހު އަރީފުގެ މައްޗަށް ވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ ކޮށްފަ އެވެ. އެ ދައުވާގެ ފުރަތަމަ އިބްތިދާއީ އަޑުއެހުން މިއަދު ބޭއްވި އެވެ.

ފުރަތަމަ އަޑުއެހުމުގައި ދައުލަތުން ވަނީ އަރީފުގެ މައްޗަށް ކުރާ ދައުވާ އިއްވާފަ އެވެ. އެ ދައުވާގައި ބުނެފައިވަނީ 2017 ވަނަ އަހަރުން ފެށިގެން ސަރުކާރު ވައްޓާލަން އަރީފު މަސައްކަތްކޮށްފައިވާ ކަމަށެވެ. އެކަން ކޮށްފައިވަނީ މަގާމުގެ ނުފޫޒުން ކަމަށެވެ.

ދައުވާގައި އިތުރަށް ބުނީ އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރެ ދުރާލާ ރާވައިގެން ފުލުހުންގެ ތެރެއިން ބަޔަކު ލައްވައި ފުލުހުންގެ ޑިއުޓީގައި އުޅުނު އިތުރު ފުލުހުންނާ ކުރިމަތިލައި ގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތްކޮށް، ގާނޫނު އަސާސީ އާއި ގާނޫނުތަކާއި އުސޫލުތަކުގެ ބޭރުން ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ހިލާފަށް ވައްޓާލަން މަސައްކަތްކޮށް ދައުލަތަށާއި ސަރުކާރަށް ނޭދެވޭ ނުފޫޒު ފޯރުވައި އާންމުންގެ ސަލާމަތަށް ނުރައްކާވާފަދަ ހާލަތެއް މެދުވެރިކުރަން އަރީފު އުޅުނު ކަމަށެވެ.

އެ ދައުވާ އިއްވުމުން އަރީފު ވަނީ ދައުވާ ސާފުނުވާ ކަމަށާއި މައްސަލާގައި ކުރިއަށް ދާން ބޭނުން ވަނީ ގާނޫނީ ވަކީލަކާއެކު ކަމަށް ވިދާޅުވެފަ އެވެ. މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް އަރީފަށް ދެއްވީ ދެ ދުވަހެވެ. ދެ ދުވަސް ތެރޭގައި ވަކީލަކު އައްޔަންކޮށް ދައުވާއަށް ޖަވާބުދާރީވުމަށް ތައްޔާރުވުމަށް ގާޒީ އެންގެވި އެވެ. އަދި އަޑުއެހުން ނިންމާލެއްވި އެވެ.

އަރީފު މަގާމުން ވަކިކޮށްފައިވަނީ އެކެއް ފެބުރުއަރީގެ އަމުރު ނެރުނު ރޭ، ރައީސް އަބްދުﷲ ޔާމީން ގުޅުއްވުމުން ފޯނު ނުނަންގަވާ ކަމަށް ބުނެ އެވެ. އޭގެފަހުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އޭގެ ދަށުން އަރީފު ހައްޔަރުކުރި އެވެ.