ހަބަރު

މައުމޫންގެ ހާލުކޮޅު ރަނގަޅެއް ނޫން: އާއިލާ

  • މައުމޫނާއި ނަސްރީނާ މިއަދު ބައްދަލުކުރެއްވި
  • ސިއްހީ ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ވިދާޅުވޭ
  • އެޗްއާރްސީއެމްއަށް ނަސްރީނާގެ ސިޓީއެއް

ދޫނިދޫގައި ޖަލުގައި ބަންދުގައި ކޮށްފައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ހާލުކޮޅު ރަނގަޅު ނޫން ކަމަށް އެމަނިކުފާނުގެ އާއިލާއިން ބުނެފި އެވެ.

މިއަދު އޮތް އާއިލީ ބައްދަލުވުމަށްފަހު ރައީސް މައުމޫން ހާލުކޮޅު ރަނގަޅު ނޫން ކަމަށް އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ވިދާޅުވި ކަމަށް ދަރިކަނބަލުން ޔުމްނާ މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ. މިއަދުގެ އާއިލީ ބައްދަލުވުމަށް ޔުމްނާ ވަޑައެއްނުގަންނަވަ އެވެ.

ރައީސް މައުމޫންގެ ހާލުކޮޅު މިއަދު ގޯސް ކަމަށް ނަސްރީނާ އިބްރާހިމް ވިދާޅުވުމާ ގުޅިގެން އެމަނިކުފާނު އާއިލާ ބޭފުޅުންނާއި ސަޕޯޓަރުން ގެންދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ރައީސް މައުމޫންގެ ހާލުކޮޅު ގޯސްވެފައިމިވަނީ އެމަނިކުފާނަށް ސިއްހީ ކުއްލި ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް އެމަނިކުފާނު ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވެފައިވަނިކޮށެވެ.

ރައީސް މައުމޫން ވަނީ އެމަނިކުފާނުގެ އުމުރުފުޅަށާއި ސިއްހީ ހާލަަތަށް ރިޔާއަތްކޮށް އެންމެ ކުޑަމިނުން ގޭބަންދަށް ބަދަލުކޮށްދިނުމަށް ތަކުރާރުކޮށް ގާޒީގެ އަރިހުގައި އެދިވަޑައިގެންފަ އެވެ. ނަމަވެސް އެންމެފަހުން އޮތް ޓެރަރިޒަމް މައްސަލާގެ ޝަރީއަތުގައި ގާޒީ ހައިލަމް ވަނީ ރައީސް މައުމޫންގެ ބަންދު ރިވިއުކުރަންޖެހޭ ތަނެއް ނެތް ކަމަށް ނިންމަވާފަ އެވެ. މާދަމާ ވެސް އެމަނިކުފާނުގެ ޝަރީއަތުގެ އަޑުއެހުމެއް ވަނީ ތާވަލުކޮށްފަ އެވެ.

ނަސްރީނާ އިބްރާހިމް މިއަދު ވަނީ ހިއުމަން ރައިޓްސް ކޮމިޝަން، އެޗްއާރްސީއެމްގެ ރައީސް އައިމިނަތު އީނާސަށް ސިޓީއެއް ވެސް ފޮނުއްވާފަ އެވެ. އެއީ ރައީސް މައުމޫން ގޭބަންދަށް ބަދަލުކޮށްދިނުމަށް އެ ކޮމިޝަނުން މަސައްކަތްކޮށްދިނުމަށް އެދިވަޑައިގެން ކުރެއްވި ބައްދަލުވުމުގައި ދެއްކި ވާހަތަކަށް އެއްވެސް ފިޔަވަޅެއް އެޗްއާރްސީމެމްއިން އަޅާފައިނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ފޮނުއްވި ސިޓީއެކެވެ.

ރައީސް މައުމޫން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާއިރު އެމަނިކުފާނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާގެ އިތުރުން އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާވެސް ވަނީ ރައީސް މައުމޫނަށް އުފުލާފަ އެވެ. އެ ދައުވާ ރައީސް މައުމޫންގެ މައްޗަށް ކޮށްފައިވަނީ އެ ބޭފުޅުން ފޯނު ފުލުހުންނަށް ދީފައިނުވާތީ އާއި ފޯނު އޮތް ތަނެއް ބުނެ ނުދިން ކަމަށް ބުނެ އެވެ.