ހަބަރު

ނަޝީދުގެ "އެއްބަސްވެވޭ އިންގިލާބު" ފޮތް ނެރެފި

ދިވެހި ތާރީހުގެ މައްޗަށް ބިނާކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވާފައިވާ "އެއްބަސްވެވޭ އިންގިލާބު" ފޮތް ނެރެފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވެވޭ އިންގިލާބު ފޮތް ނެރެދެއްވީ 97 މިނިވަންގެ ފަރާތުން އަހުމަދު ނަސީރު އެވެ. 97 މިނިވަނަކީ މި ފޮތް ޕަބްލިޝްކުރި ފަރާތެވެ.

ފޮތާ ގުޅޭގޮތުން "އަވަސްް" އަށް މައުލޫމާތު ދެއްވަމުން އަހުމަދު ނަސީރު ވިދާޅުވީ، މި ފޮތުގައިވާ ކަންކަމުގެ ސައްހަކަން ނުވަތަ ޕްރޫފް ބެއްލެވި ފަރާތަކީ މަޑުލު މުހައްމަދު ވަހީދު ކަމަށެވެ. މި ފޮތަކީ ރާއްޖެ އިނގިރޭސީންގެ އަތް ދަށަށް ދިޔަ ގޮތް ކަމަށް މަޑުލު މުހައްމަދު ވަހީދު މި ފޮތާ ގުޅޭގޮތުން ވިދާޅުވެފައިވާ ކަމަށްވެސް ނަސީރު ވިދާޅުވި އެވެ.

"އިނގިރޭސީންގެ ދަށަށް ރާއްޖެ ދިޔަގޮތާ ބެހޭ ގޮތުން މީގެ ކުރިން ނަޝީދު ވާނެ ލިޔުއްވާފަ "ދަގަނޑު ދަހަނާ" ކިޔާ ފޮތެއް، އެހެން ކަމުން ތާރީހަށް ލޯބި ކުރައްވާ ފަރާތްތަކުން ރަނގަޅުވާނެ ކަންނޭނެ މި ފޮތް ކިޔާލުމުގެ ކުރިން ނުވަތަ ކިޔާލުމަށްފަހު ދަގަނޑު ދަހަނާ ފޮތް ކިޔާލުން، އޭރަށް މުޅި ޕިކްޗާ ލިބިގެންދާނެ" ނަސީރު ވިދާޅުވި އެވެ.

ރައީސް ނަޝީދާއެކު ސަންގު ނޫހުގައި މަސައްކަތް ކުރެއްވި ނަސީރު ވިދާޅުވީ، މި ފޮތުގެ މަސައްކަތް ނަޝީދު ފައްޓަވާފައިވަނީ މީގެ ދެއަހަރު ކުރިީން ކަމަށެވެ. މިއީ މިފޮތުގެ ފުރަތަމަ ބައި ކަމަށާއި ވަރަށް އަވަހަށް ދެވަނަ ބައެއްވެސް ނެރޭނެ ކަމަށް ނަސީރު ވިދާޅުވި އެވެ.

"މީގެ ދެއަހަރު ކުރިން މި ފޮތުގެ މަސައްކަތް ނަޝީދު ފެއްޓެވީ، ވަކި ހިސާބަކަށް ދިޔަ ތަނުން ނަޝީދު ހިޔާލުފުޅު ކުރެއްވީ މީގެ އެއްބައި ޕަބްލިޝް ކުރަން، މިއީ ފުރަތަމަ ބައި، ދެވަނަ ބައި ވަރަށް ވަހަށް އަންނާނެ،" ނަސީރު ވިދާޅުވި އެވެ.

ފޮތާ ގުޅޭގޮތުން ނަސީރު ވިދާޅުވީ، މި ފޮތް ކިޔާލުމުން ރާއްޖޭގެ ވެރިކަން އަށާރަސަތޭކައިގެ އަހަރުތަކުގެ ތެރޭގައި ބަދަލުވަމުންދިޔަ ގޮތާއި އެކަމަށް މެދުވެރިވި ސަބަބުތައް ވަރަށް ރަނގަޅަށް އެނގިގެންދާނެ ކަމަށެވެ. އަދި މި ފޮތުން ރާއްޖޭގެ ވެރިކަމަށް ބޭރުގެ ފަރާތްތަކުގެ ނުފޫޒު ވަންނަން ދިމާވި ގޮތް ވަރަށް ރަނގަޅަށް އިނގިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މި ފޮތް މިރެއިން ފެށިގެން ގިނަ ބުކްޝޮޕްތަކުން ލިބެން ހުންނާނެ އެވެ. މި ފޮތުގެ އަގަކީ 100 ރުފިޔާ އެވެ.