ކުޅިވަރު

ސެންޓޭގެ ހެޓްރިކާއި ދަގޭގެ ލަނޑުތަކުން، ނިއުއަށް ބޮޑު މޮޅެއް

ވައިސް ކެޕްޓަން އަލީ ފާސިރު (ސެންޓޭ) ކާމިޔާބު ކުރި ހެޓްރިކާއެކު، ބަންގަލަދޭޝްގެ ޗެމްޕިއަން ޑާކާ އަބާހަނީގެ މައްޗަށް 5-1 ގެ ނަތީޖާއަކުން ނިއު ރޭޑިއަންޓުން ބޮޑު މޮޅެއް ހޯދައިފި އެވެ.

މޮޅާއެކު ނިއު ރޭޑިއަންޓް ވަނީ އޭއެފްސީ ކަޕް ގުރޫޕް "އީ" ގެ އެއް ވަނައިގައި 12 ޕޮއިންޓް ހޯދާފަ އެވެ. ގުރޫޕްގެ ދެ ވަނައިގައި އޮތް އިންޑިއާގެ ގަދަ ބާރު ބެންގަލޫރު އެފްސީއަށް ލިބިފައި ވަނީ ނުވަ ޕޮއިންޓެވެ. މިރޭ ބެންގަލުރު އިންޑިއާގެ އައިޒޯލް އަތުން ބަލި ވެއްޖެނަމަ ނިއު ރޭޑިއަންޓަށް އޭއެފްސީ ކަޕުގެ އަނެއް ބުރުން ޖާގަ ލިބޭނެ އެވެ.

މެޗުގައި ސެންޓޭ އާއި ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ)ގެ ކޮމްބިނޭޝަން ބޭނުން ކޮށްގެން ނިއު އިން ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފަ އެވެ. އަބާހަނީގެ ކޯޗް ސައިފުލް ބާރީ ޓިޓޫވެސް ބުނީ ސެންޓޭ އާއި އަޝްފާގް ހުއްޓުވުމުގައި އަބަހާނީގެ ޑިފެންސަށް ކުރެވުނު މާބޮޑު ކަމެއް ނެތް ކަމަށެވެ.

މެޗުގެ 16 ވަނަ މިނެޓްގައި އަޝްފާގް ބޯޅަ ހިފައިގެން އަބަހާނީގެ ޕެނަލްޓީ އޭރިއާތެރެއަށް ވަނުމުން، އޭނާ ހުއްޓުވުމަށް ޓަކައި އަބާހާނީގެ ޑިފެންސަށް ހެދޭނެ އެހެން ގޮތެއް ނެތެވެ. އޭނާ ހުއްޓުވަން ޖެހުނީ އޭނާ އަށް ފައުލު ކޮށްގެނެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ކުރި އެ ފައުލާ ގުޅިގެން ނިއު އަށް ލިބުނު ޕެނަލްޓީ ކާމިޔާބު ކުރީ ސެންޓޭ އެވެ.

ލަނޑަށް ފަހު ނިއުގެ ކުޅުންތެރިން ވަނީ މެދުތެރެއިން ގިނަ ޕާސްތަކެއް ޖަހައިގެން، އެ ޓީމުގެ ކޮންޓްރޯލުގެ ދަށުގައި ގިނަ އިރު ބޯޅަ ބޭއްވުމަށް މަސައްކަތް ކޮށްފަ އެވެ. އަދި ތަނަވަސްކުރި ފުރުސަތުގައި ސެންޓޭ އާއި އަޝްފާގް ވަނީ އަބަހާނީގެ ފަހަތަށް ބާރު ބޮޑުކޮށްފަ އެވެ.

ދެ ވަނަ ހާފު ފެށީ އަބަހާނީންނެވެ. ކުޅުން ފެށި ގޮތަށް ފުރަތަމަ މިނެޓް ތެރޭގައި އެ ޓީމުން ނަތީޖާ ހަމަހަމަ ކުރި އެވެ. އެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ ކޮޖިމާ ސިޔާއެވެ. އެ ލަނޑު ޖެހިއިރު ނިއުގެ ކުޅުންތެރިންނަށް ތިބެވުނީ ރަނގަޅަށް ސަމާލު ނުވެވި އެވެ. ނިއުގެ ޑިފެންސްގެ ތެރެއިން ކޮޖިމާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު އިމްރާން މުހައްމަދު ދިފާއު ކުރަން އުޅުނު ނަމަވެސް އޭނާގެ އަތުގައި ޖެހިފަ އެވެ.

ނަތީޖާ ހަމަހަމަ ކުރުމުން ނިއުގެ ކުޅުންތެރިން މަސައްކަތް ދެ ގުނަ ކުރި އެވެ. ނަތީޖާ ހަމަހަމަ ކުރިތާ ހަތަރު މިނެޓް ފަހުން ސެންޓޭ ވަނީ ނިއު އަށް އަލުން ލީޑް ނަގައި ދީފަ އެވެ. އަބާހަނީގެ ހާފުގެ ތެރެއިން މުހައްމަދު އުމޭރު ދިން ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ސެންޓޭ ވަދެގެން ދިޔައިރު އަބަހާގެ ޑިފެންޑަރުން ތިބީ އޮފްސައިޑް ކަމަށް އެޕީލް ކޮށްގެންނެވެ.

އޭގެ ފަސް މިނެޓް ފަހުން އަޝްފާގް ދިން ފުރުސަތެއްގައި، ސެންޓޭ އޭރިއާ ތެރެއަށް ވަދެ ހެޓްރިކް ހެދިއިރުވެސް، އަބަހަނީގެ ޑިފެންސަށް ތިބެވުނީ އޮފްސައިޑް ވާނެ ކަމަށް ބަލަހައްޓައިގެންނެވެ. ނަމަވެސް އަބާހަނީގެ ކޯޗް ޓީޓީ ބުނީ އެ ދެ ލަނޑުވެސް އޮފް ސައިޑް ނޫން ކަމަށާއި ޑިފެންސުން ފެނުނީ ވަރަށް ދަށް ކުޅުމެއް ކަަމަށެވެ.

އޭގެ ދެ މިނެޓް ފަހުން އަޝްފާގް ލަނޑު ޖެހީ، އަބަހާގެ ޑިފެންސަށްވެސް ފުރުސަތު ނުދީ އޭރިއާ ހަމައަށް ގޮސް ގޯލްގެ ކަނަށް ވާގަޮތަށް ބޯޅަ ފޮނުވާލައިގެންނެވެ. އެ ބޯޅަ ގޯލަށް ވަނީ ގޯލްގެ ދަނޑިގައި ޖެހިފަ އެވެ. މެޗުގެ 88 ވަނަ މިނެޓްގައި އަޝްފާގް އޭނާގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ އުމޭރު ދިން ބޯޅަ އޭނާ ކޮންޓްރޯލުގެ ދަށަށް ގެނެސް ކުޅެމުން ގޮސް އަބަހާނީގެ ޑިފެންސަށްވެސް ފުރުސަތު ނުދީ ގޯލްގެ މެދަށް ފޮނުވާލައިގެންނެވެ.