ޓީމުގެ ކުޅުމާ ހެދި އޭނާ މުޅިން ލަދު ގަންނަވާލައިފި ކަމަށް، ނިއު ރޭޑިއަންޓާ ދެކޮޅަށް ނިކުތް ބަނގުލަދޭޝްގެ ޑާކާ އަބަހާނީގެ ކޯޗް ސައިފުލް ބާރީ ޓިޓޫ ބުނެފި އެވެ.
އޭނާ ބުނީ އަބަހާނީ ޓީމު މެޗަށް ނިކުތީ މެޗުން މޮޅުވުމަށް ކަމަށެވެ. އެއީ އެނޫން އެހެން ގޮތަކަށް ކުރިއަށް ދިއުމުގެ ފުރުސަތު ނެތުމުން ކަމަށެވެ. މޮޅު ވުމަށްޓަކައި ސްޓައިކަރުންގެ ފަރާތުން ލަނޑު ފެންނަން ޖެހޭ ކަމަށް އޭނާ އުންމީދު ކުރި ކަމަށާއި ނަމަވެސް އެކުޅުންތެރިންގެ ފަރާތުން ފެނުނީ ދަށް ކުޅުމެއް ކަމަށް ޓިޓޫ ބުންޏެވެ.
ޓިޓޫ ބުނީ ނިއުގެ ތަފާތަކަށް ވީ އަލީ އަޝްފާގް (ދަގަނޑޭ) އާއި އަލީ ފާސިރު (ސެންޓޭ) ކަމަށެވެ. އެ ކުޅުންތެރިން ހުއްޓުވުމުގައި އޭނާގެ ޓީމުގެ ޑިފެންސަށް ކުރެވުނު ކަމެއް ނެތް ކަމަށެވެ. އެ ޓީމުގެ ނައިޖީރިއާގެ ދެ ފޯވަޑުން ކަމަށްވާ އެމެކާ އޮނޫހާ އާއި ސަންޑޭ ޗިޒޯބާއަށްވެސް ކުރެވުނު މާބޮޑު ކަމެއް ނެތް ކަމަށް ޓިޓޫ ބުންޏެވެ.
"ދެ ގޯލް ޖެހިއިރުވެސް އަަހރެންގެ ކުޅުންތެރިން އެ ބުނަނީ އޮފްސައިޑް ކަމަށް، އަހަންނަށް ޔަގީން އޮފްސައިޑް ނޫން ކަން، ޑިފެންސް ވަރަށް ދަށްކޮށް ދިޔައީ، އަހަރެމެންގެ ޑިފެންސް ކުރުން ވަރަށް ގޯސް،" ސެންޓޭ ފަހުން ޖެހި ދެ ލަނޑަށް އިޝަރާތް ކޮށް ޓީޓޫ ބުންޏެވެ. " ހުރިހާ ލަނޑެއް ޖެހީވެސް މެދުތެރެއިން އަރައިގެން ގޮސް އެހެންވީމަ އަހަންނަށް ބުނަން ޖެހޭނީ އަހަރެން ލަދު ގަންނަވާލައިފި އޭ ދަށް ކުޅުމާ ހެދި."
"ދެ ވަނަ ހާފުގެ 13 ވަނަ މިނެޓުން ފެށިގެން އަހަރެމެންގެ ޓީމުގެ ކަންކަން ނިމިއްޖެ، މިއީ އަހަރެން ހިތް ހަމަޖެހޭ ކަމެއް ނޫން، މީ އަހަންނަށް ވަރަށް ބޮޑަށް އަސަރު ކުރި ކަމެއް."
ޓީޓޫ ބުނީ އޭނާ އަކީ 1991 ވަނަ އަހަރު ބަންގުލަދޭޝްގެ ކުލަބަކާއެކު އައިސް ނިއު ރޭޑިއަންޓާ ދެކޮޅަށް ގަލޮޅު ދަނޑުގައި ކުޅުނު ކުޅުންތެރިޔެއް ކަމަށާއި އެ މެޗު ބަންގާޅުގެ ކުލަބު 2-0 ން ކާމިޔާބު ކުރި އިރު އޭނާ ލަނޑު ވެސް ޖަހައި އަނެއް ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށް ދީފައި ވާނެ ކަމަށެވެ.
"އެހެންވެ އަހަރެންގެ ޓީމުގެ ކޮޅަށް ނިއު ރޭޑިއަންޓުން ފަސް ލަނޑު ޖެހީމަ އަހަންނަށް ބުނާނެ އެއްޗެއްވެސް ނޭންގެ."
"އަހަރެން ލަނޑު ޖެހީ މި ގޯލަށް،" ގަލޮޅު ދަނޑުގެ އުތުރު ފަރާތު ގޯލަށް އިޝާރާތް ކޮށް އޭނާ ބުންޏެވެ. އަހަރެން އެސިސްޓް ކުރީ ދެކުނު ފަރާތު ގޯލަށް ކޮންމެވެސް އެހެން ކުޅުންތެރިޔަކު އެ ގޯލް ޖެހީ، އޭރު ރާއްޖޭގެ ފުޓްބޯޅަ އޮތީ މިހާރު މިއޮތްހާ ވަރުގަދަ ކޮށެއް ނޫން."
"މި ކަމުން އެނގިގެން ދަނީ އޭރުން ފެށިގެން އަހަރެމެންގެ ފުޓްބޯޅަ މާ ބޮޑަށް ކުރި އަރާފައި ނެތް ކަން، ނަމަވެސް ބަލާ ރާއްޖޭގެ ފުޓްބޯޅަ އަހަރެމެންނަށް ވުރެ މާ ރަނގަޅަށް މިހާރު ކުޅޭ."