ދުނިޔެ

އިންތިހާބުން ބަލިވެއްޖެ ނަމަ ސުލްހަވެރިކަމާ އެކު ބާރުތައް ހަވާލުކުރާނަން: ރާޖަޕަކްސަ

އަންނަ މަހު ސްރީ ލަންކާގައި ބާއްވާ ރިޔާސީ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިވެ ވަޑައިގެންފި ނަމަ، އިންތިހާބު ކާމިޔާބުކުރައްވާ ކެންޑިޑިޑޭޓަކަށް ވެރިކަމުގެ ބާރުތައް ސުލްހަވެރިކަމާ އެކު ހަވާލުކުރައްވާނެ ކަމަށް އެ ގައުމުގެ ރައީސް މަހިންދަ ރާޖަޕަކްސް ވިދާޅުވެއްޖެ އެވެ.

ފައިނޭންޝަލް ޓައިމްސް އަށް ދެއްވި އިންޓަވިއުއެއްގައި ރާޖަޕަކްސަ މިހެން ވިދާޅުވެފައި ވަނީ އިދިކޮޅު ފަރާތްތަކުގެ ކެންޑިޑޭޓުގެ ކެމްޕޭނު ވަރަށް ވަރުގަދަކޮށްފައި ވާއިރު ރާޖަޕަކްސަ އަށް ނާކާމިޔާބުވެ ވަޑައިގެންފާނެ ކަމަށް، މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނަމުން ދަނިކޮށެވެ. ބައެއް ފަރާތްތަކުން ބުނަމުން ދަނީ ރާޖަޕަކްސަ އަށް ނާކާމިޔާބީއާ ކުރިމަތިވެ ވަޑައިގެންފި ނަމަ ވެރިކަމުގެ ބާރުތައް ރާޖަޕަކްސަ ހަވާލު ނުކުރައްވަފާނެ ކަމަށެވެ.

"ފުރަތަމަ ކަމަކީ، އަޅުގަނޑަށް ނާކާމިޔާބެއް ނުވާނެ،" ފައިނޭންޝަލް ޓައިމްސް އަށް އީމެއިލް ކުރެއްވި ޖަވާބުތަކުގައި ރާޖަޕަކްސަ ވިދާޅުވެފައިވެ އެވެ.

ރައީސް ވިދާޅުވެފައި ވަނީ ސްރީ ލަންކާ އަކީ ތަހުޒީބު ޑިމޮކްރަސީއެއް ކަމަށާއި މީގެ ކުރިން ވެސް އިންތިހާބުތަކުގައި ކާމިޔާބުވާ ފަރާތަކާ ވެރިކަން ހަވާލުކޮށްފައި ވަނީ ސުލްހަވެރިކަމާ އެކު ކަމަށެވެ. ނަމަވެސް ތަކުރާރުކޮށް ވިދާޅުވެފައި ވަނީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ.

ޗައިނާއާ އެކު ގާތް ގުޅުންތަކެއް ބާއްވާ ރާޖަޕަކްސަ ވިދާޅުވެފައި ވަނީ އޭނާ އަށް އިންތިހާބު ކާމިޔާބު ކުރެއްވިއްޖެ ނަމަ ބޭރުގެ އިންވެސްޓްމަންޓްތައް އިތުރަށް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ރިޔާސީ ދައުރު ހަމަވުމުގެ ކުރިން އަވަސް އިންތިހާބެއް ބޭއްވުމަށް ރާޖަޕަކްސަ ނިންމެވީ މިދިޔަ މަހު އެވެ. ދިރާސާކުރާ ފަރާތްތަކުން ބުނަނީ އަވަސް އިންތިހާބެއް ބޭއްވުމުގެ މަގްސަދަކީ ބޭރުުގެ އިންވެސްޓްމަންޓްތަކާ އެކު ރާޖަޕަކްސް އަށް ލިބިފައިވާ މަގުބޫލު ކަމުގެ ފައިދާ ނެގުން ކަމަށެވެ. ނަމަވެސް ފަހުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރާޖަޕަކްސަގެ ޕާޓީ އަށް ވަނީ ބޮޑެތި ނާކާމިޔާބީތަކާ ކުރިމަތިވެފަ އެވެ.