ފަހު ވަގުތާ ޖެހެންދެން ވެސް އަލް ގައިދާގެ ލީޑަރު އުސާމާ ބިން ލާދިންގެ ހުރިހާ ފޯކަސްއެއް ހުރީ އެމެރިކާއާ ދެކޮޅު ހަރަކާތްތައް ހިންގުމަށްކަން ހާމަވެއްޖެ އެވެ.
އެކަން ހާމަވެފައި ވަނީ ބިން ލާދިން ޕާކިސްތާނުގައި ފިލައިގެން އުޅުނު ގެ އިން ހޯދި ލިއެކިއުންތަކުންނެވެ. އޭގެ ތެރެއިން ގިނަ އަދަދެއްގެ ލިއެކިއުންތަކާއި ވީޑިއޯތައް އެމެރިކާ ސަރުކާރުން ވަނީ އިއްޔެ ފުރަތަމަ ފަހަރަށް އާއްމުކޮށްފަ އެވެ.
ބިން ލާދިން އޭނާގެ ނައިބަކަށް ފޮނުވާފައިވާ ސިޓީއެއްގައި އެމެރިކާ ސިފަކޮށްފައި ވަނީ ހުރިހާ ނުބައިކަމެއް "އަޅާ ގަހުގެ ބުޑުގަނޑު"ގެ ގޮތުގަ އެވެ. އެހެންވެ، ވަކިވަކި ގައުމުތަކުގެ ސަލާމަތީ ބާރުތަކަށް އަމާޒުކޮށް ހަމަލާތައް ދިނުމުގެ ބަދަލުގައި، އެ "ބުޑުގަނޑު ނައްތާލުމަށް" މަސައްކަތް ކުރުމަށް "އަހަރުމެންގެ އަހުންނަށް" އެންގުމަށް ބިން ލާދިން ވަނީ ބާރުއަޅާފަ އެވެ.
އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރުގެ އޮފީހުން އާއްމުކުރި ތަކެތީގެ ތެރޭގައި، އަލްގައިދާގެ ހަރަކާތްތަކާ ގުޅޭ ތަފްސީލުތައް ހިމެނޭ ނޯޓުތަކާއި އެކި ފަރާތްތަކަށް އުސާމާ ފޮނުވާފައިވާ ކަމަށް ބުނާ ސިޓީތަކެއްގެ އިތުރަށް، އަސްކަރީ ހަރަކާތްތައް ހިންގާނެ ގޮތާއި އިގްތިސާދީ ކަންކަމާ ގުޅޭ ގޮތުން ހުޅަނގުގެ މަޝްހޫރު އިލްމުވެރިން ލިޔެފައިވާ ބައެއް ފޮތްތައް ވެސް ހިމެނެ އެވެ. އަދި ޗާޓުތަކާއި ބައެއް ވީޑިއޯ ގޭމުތައް ކުޅޭނެ ގޮތް ލިޔެފައިވާ ގައިޑުތަކެއް ވެސް ވަނީ އާއްމުކޮށްފަ އެވެ.
"މި ތަކެތި އާއްމުކުރުމުގެ ކުރިން ވަރަށް ރަނގަޅަށް ބަލައި ދިރާސާކުރެވުނު،" ގައުމީ ސަލާމަތާ ބެހޭ މުޝީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ބިން ލާދިން މަރާލާފައި ވަނީ ޕާކިސްތާނުގައި ފިލައިގެން އުޅެނިކޮށް މޭ 2، 2011 ވަނަ ދުވަހުގެ ފަތިހު އެވެ. ޕާކިސްތާނު ސަރުކާރަށް ވެސް އެންގުމަކާ ނުލައި އެމެރިކާ ސިފައިން ހިންގި ހާއްސަ ހަރަކާތެއްގައި ބިން ލާދިން މަރާލާފައި ވަނީ ޕާކިސްތާނުގައި އުޅޭތާ އަހަރުތަކެއް ފަހުންނެވެ. އޭރު ބިން ލާދިން ހޯދަން މަސައްކަތް ކުރާތާ ވަނީ ދިހަ ވަރަކަށް އަހަރު ވެފަ އެވެ.
ބިން ލާދިން މަރާލުމަށް ފަހު އޭނާގެ ހަށިގަނޑު އެމެރިކާ އިން ވަނީ ގާތްގަނޑަކަށް 24 ގަޑިއިރުގެ ތެރޭގައި ކަނޑުފައްތާފަ އެވެ. އަދި ބިން ލާދިން މަރާލާފައި ވަނިކޮށް ނަގާފައިވާ އެއްވެސް ފޮޓޯއެއް ވެސް މިހާތަނަށް އާންމުކޮށްފައެއް ނުވެ އެވެ.