ހަބަރު

މަސައްކަތް ކުރާނީ ރާއްޖޭގެ ގާނޫނީ ސަރުކާރާއެކު: އޯއައިސީ

May 2, 2018
3

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯއައިސީއިން އަބަދުވެސް މަސައްކަތް ކުރާނީ ރާއްޖޭގައި އޮތް ގާނޫނީ ސަރުކާރާއެކު ކަމަށް އެ އޯގަނައިޒޭޝަންގެ ސެކްރެޓަރީ ޖެނެރަލް ޑޮކްޓާ ޔޫސުފް ބިން އަހުމަދު އަލް އޮތައިމީން ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ އަރިހަށް މިއަދު ކުރެއްވި ޒިޔާރާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިއަދު ހަވީރު އޮތް ބައްދަލުވުމުގައި އޯއައިސީގެ ސެކްރެޓަރީ ޖެނަރަލް ވިދާޅުވީ، ދިވެހި ރައްޔިތުންގެ ހެވާއި ލާބަޔަށާއި، މަންފާއަށްޓަކައި ވެދެވެން އޮތް ކޮންމެ އެހީތެރިކަމެއް ވެދެއްވާނެ ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި، އޯއައިސީ އަކީ އިސްލާމީ ގައުމުތަކުގެ މެދުގައި އޮންނަ އެންމެ ވަރުގަދަ ޖަމުއިއްޔާކަން ފާހަގަކުރައްވައި، ރާއްޖެއާއި އެހެން އިސްލާމީ ގައުމުތަކާ އޮންނަ ގުޅުން، އޯއައިސީ މެދުވެރިކޮށް އިތުރަށް ވަރުގަދަކުރުމާއެކު، ބައިނަލްއަގުވާމީ މައިދާނުގައި އޯއައިސީގެ ދައުރު އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތަކާމެދު ރައީސްއާއެކު ޔޫސުފް ބިން އަހުމަދު އަލް އޮތައިމީން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

އަދި، މި އަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު އޮބްޒާވްކުރުމުގައި އޯއައިސީގެ މަންދޫބުން ހަރަކާތްތެރިވެވަޑައިގަތުމާއި، ރާއްޖޭގެ މިހާރުގެ މައްސަލަތައް ހައްލުކުރުމުގައި ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް އޯއައިސީއިން އެހީތެރިވެވަޑައިގެންނެވޭނެ ގޮތްތަކާމެދުވެސް ދެބޭފުޅުންގެ މެދުގައި މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.