ކުޅިވަރު

ފައިނަލުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ލިވަޕޫލް

ސެމީ ފައިނަލުގައި ރޯމާގެ މައްޗަށް 7-6 ގެ އެގްރިގޭޓް ނަތީޖާއަކުން ކާމިޔާބު ހޯދައި ޗެމްޕިއަންސް ލީގްގެ ފައިނަލަށް ލިވަޕޫލް ދަތުރު ކޮށްފި އެވެ. ފައިނަލުގައި ލިވަޕޫލް ނިކުންނާނީ މިދިޔަ ދެ އަހަރުގެ ޗެމްޕިއަން ރެއާލް މެޑްރިޑާ ދެކޮޅަށެވެ.

ރޯމާގެ ދަނޑުގައި ރޭ ކުޅުނު މެޗުން ލިވަޕޫލް 4-2 ން ބަލިވި ނަމަވެސް ލަނޑު ގެ ތަފާތުން ލިވަޕޫލަށް އެގްރިގޭޓް ހަތް ލަނޑު ލިބެ އެވެ. އެއީ އަމިއްލަ ދަނޑުގައި ކުޅުނު މެޗު 5-2 ން މޮޅުވެފައި ވުމުންނެވެ.

ރޭގެ މެޗު ފެށިގެން ނުވަ ވަނަ މިނެޓްގައި ސެޑިއޯ މާނޭ ވަނީ ލިވަޕޫލަށް ލީޑް ނަގައިދީފަ އެވެ. އޭރިއާގެ އަރިމަތިން އަރައި އޭނާ ލަނޑު ޖެހީ ރޮބާޓޯ ފިރުމީނޯ ދިން ޕާހަކުންނެވެ.

އޭގެ ހަ މިނެޓް ފަހުން ރޯމާއިން ނަތީޖާ ހަމަހަމަ ކުރީ، އެ ޓީމުން އުފައްދަން އުޅުނު ހަމަލާއެއް، ލިވަޕޫލްގެ ޖޭމްސް މިލްނާގެ ބޮލުގައި ޖެހިފައި އަމިއްލަ ގޯލްގެ ތެރެއަށް ވަނުމުންނެވެ.

25 ވަނަ މިނެޓްގައި ލިވަޕޫލުން ވަނީ ޖޯޖީނިއޯ ވައިނާލްޑަން ބޮލުން ކާމިޔާބު ކުރި ލަނޑުން ލީޑް ނަގާފަ އެވެ. ދެ ވަނަ ހާފުގައި ރޯމާއިން ތިން ލަނޑު ޖެހި އެވެ. އެ ޓީމުގެ ދެ ވަނަ ލަނޑު 52 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އެޑެން ޒެކޯ އެވެ. ރޯމާއިން އުފެއްދި ހަމަލާއެއް ލިވަޕޫލްގެ ކީޕަރު ދިފާއު ކުރުމުން ރީބައުންސަށް ނިކުތް ބޯޅަ ޒެކޯ ފޮނުވާލީ ގޯލްގެ މެދަށެވެ.

ރޯމާގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރީ ނައިންގޮލާން އެވެ. އޭރިއާގެ ބޭރުގައި ހުރެފައި އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ގޯލްގެ ދަނޑިގައި ޖެހިފައި މިސްރާބު ބަދަލުވެގެންނެވެ. ހަތަރު ވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުންވެސް ކާމިޔާބު ކުރީ އޭނާ އެވެ.

ރެއާލް އާއި ލިވަޕޫލް ބައްދަލު ކުރާ ފައިނަލު މެޗު އޮންނާނީ މި މަހު 26 ވަނަ ދުވަހުގެ ޔޫކްރޭންގެ ވެރިރަށް ކިއޭވްގެ އެންކޭ އޮލިމްޕިކާ ސްޓޭޑީއަމްގަ އެވެ. ލިވަޕޫލާއި ރެއާލް މެޑްރިޑް ވަނީ 1981 ފައިނަލުގައި ކުޅެފަ އެވެ. ލިވަޕޫލް މެޗު ކާމިޔާބު ކުރީ 1-0 ންނެވެ.