ހަބަރު

ސިއްރު ހެކިންގެ ވަނަވަރުތައް ވެސް ލީކްކޮށްލައިފި

May 3, 2018
2

އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ދައުވާކޮށްފައިވާ ފަރާތްތަކާ ދެކޮޅަށް ހުށަހަޅަން ނިންމާފައިވާ ސިއްރު ހެކިވެރިންގެ ވަނަވަރުތައް ރޭ ސޯޝަލް މީޑިއާގައި ލީކްކޮށްލައިފި އެވެ.

ރޭ ސޯޝަލް މީޑިއާގައި ލީކްކޮށްލާފައިވަނީ އަށް މީހެއްގެ މައުލޫމާތެވެ. ލީކްކޮށްލާފައިވަނީ ފުލުހުން ތައްޔާރުކޮށްފައިވާ ކާކުކަން އަންގައިދޭ ލިޔުންތަކެކެވެ. އެ ލިޔުންތަކުގައި އެމީހުންގެ ނަމާއި އެޑްރެސް ފަދަ މައުލޫމާތު ހިމަނާފައިވެ އެވެ. އެ ލިޔުމަކީ ސިއްރު ލިޔުމެއް ކަމަށް ވެސް ޖަހާފައި ހުއްޓެވެ. އަދި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ކޯޓަށް ލިޔުންތައް ހުށަހަޅާއިރު ޖަހާ ފޯލިއޯ ނަންބަރު ވެސް އެ ލިޔުންތަކުގައި ހުއްޓެވެ.

ލީކްކޮށްލާފައިވާ ވަނަވަރުތަކުގެ ތެރެއިން ގިނައީ ސިއްރު ހެކިވެރިންގެ ގޮތުގައި ހެކި ބަސް ދޭ ފުލުހުންގެ ވަނަވަރުތަކެވެ.

މައްސަލާގެ ސިއްރު ހެކިވެރިންގެ މައުލޫމާތުތައް އާންމުވެފައިވާއިރު މީގެކުރިން ވަނީ އެ މައްސަލާގައި ހިމެނޭ ވަރަށް މުހިންމު ސިއްރު ބަޔާންތަކެއް ވެސް ލީކްކޮށްލާފަ އެވެ. އެ ބަޔާންތަކަކީ މައްސަލާގެ ތަހުގީގުގައި ފުލުހުން ނަގާފައިވާ ތަހުގީގީ ބަޔާންތަކެވެ. އޭގެ ތެރޭގައި ބައެއް ގާޒީންނާއި ފުލުހުންގެ އިސްވެރިން ދީފައިވާ ބަޔާންތައް ހިމެނެ އެވެ.

އެ ބަޔާންތައް ސޯޝަލް މީޑިއާގައި ބާރަށް ދައުރުވަމުން ދަނިކޮށް އަދި ބަޔާންތަކުގެ ސައްހަކަމާމެދު ސުވާލު އުފައްދާފައިވަނިކޮށް ފުލުހުން ވަނީ އެ ބަޔާންތަކަކީ ސައްހަ ބަޔާންތަކެއްކަން ކަށަވަރުކޮށްދީފަ އެވެ. އަދި އެއީ ނުފޫޒުގަދަ ބަޔަކު އަޑީގައި ތިބެގެން ކޮށްފައިވާ ކަމެއް ކަމަށާއި އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.