ހޮލީވުޑްގެ މަޝްހޫރު ބަތަލް، ޖޯނީ ޑެޕްގެ ކުރީގެ ދެ ބޮޑީގާޑުން އޭނާއާއި ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅައިިފި އެވެ. ޖޯނީގެ މައްޗަށް އެމީހުން ދައުވާ ކޮށްފައި ވަނީ މުސާރަ ނުދިނުމާއި ގަދަކަމުން ބުރަ މަސައްކަތް ކުރުވި ކަމުގެ ތުހުމަތުގަ އެވެ.
ދައުވާގައި އިތުރަށް އެ ދެމީހުން ބުނެފައި ވަނީ ޖޯނީގެ ބޮޑީގާޑުންގެ ގޮތުގައި ތިބިއިރު އެމީހުން ލައްވާއި ގާނޫނާ ހިލާފު މަސައްކަތް ކުރުވިކަމަށާއި ހިފާ ގެންގުޅުން މަނާ ހަތިޔާރު ބޭނުންކުރުމަށް ޖޯނީ މަޖުބޫރު ކުރުވި ކަމަށެވެ. މީގެ އިތުރުން ޖޯނީގެ ކުޑަ ދަރިފުޅު ބެލުމަށް އެމީހުނާ ހަވާލުކުރި ކަމަށާއި އިތުރު ގަޑީގެ ފައިސާއާއި އެލަވެންސުތައްވެސް ނުދޭކަމަށް އެމީހުން ބުނެފައިވެ އެވެ.
އެ ބޮޑީގާޑުންގެ ތެރެއިން އެކަކަކީ ރިޓަޔާކޮށްފައިވާ ޑިޓެކްޓީވް ފުލުހެކެވެ. ދެންހުރި ބޮޑީގާޑު ޖޯނީއަށް މަސައްކަތްކޮށްދެން ފެށީ 2013 ގަ އެވެ. އެމީހުނަށް ވަޒީފާ ހަވާލުކުރީ ލޯކަލް ސެކިއުރިޓީ ކޯޕަރޭޝަނަކުންނެވެ. އެމީހުން ބުނީ ވަޒީފާ ހަވާކުރީ ގޭތެރޭގައި ޖޯނީ އުޅޭ ވަގުތު އޭނާއަށް ސެކިއުރިޓީ ދިނުމަށް އެކަނި ކަމަށެވެ.
އެމީހުން ބުނީ މީގެ ކުރިން ޖޯނީ ކަންތައް ކުރަމުން އައިސްފައި ވަނީ ވަރަށް ރަނގަޅަށް ކަމަށާއި ނަމަވެސް ފަހުން ފަހުން އައިސް އޭނާއަށް މަސައްކަތް ކޮށްދެމުން އަންނަ ސްޓާފުންނާއި މެދު ކަންތައް ކުރަމުން އައިގޮތް ގޯސްވެ ގިނަ މީހުނަށް މުސާރަ ނުދީ މަޖުބޫރުކޮށްގެން މަސައްކަތްކުރުވަމުންދާ ކަމަށެވެ.
ޖޯނީ ވަނީ މާލީ ގޮތުން ބޮޑު ދަތިކަމަކާއި ކުރިމަތިވެފަކަމަށް ބައެއް ރިޕޯޓުތައް ބުނެ އެވެ. ސަބަބެއް ކަމަށް ބެލެވެނީ ޖޯނީއާއި އޭނާގެ މެނޭޖަރުންނާއި ދެކޮޅަށް ކޯޓުގައި މިހާރު ބަލަމުންދާ 25 މިލިއަން ޑޮލަރުގެ ހިޔާނާތުގެ މައްސަލައަކާއި ގުޅިގެންނެވެ. އެ މައްސަލާގައި ޖޯނީއާއި އޭނާގެ މެނޭޖަރުންނާއި ދެކޮޅަށް ދައުވާކޮށްފައި ވަނީ މިދިޔަ ދިހަ އަހަރު ތެރޭގައި ޖޯނީ ހޯދި 650 މިލިއަން ޑޮލަރުގެ އާމްދަނީގެ ރެކޯޑުތައް ރަނގަޅު ގޮތުގައި ބަލަހައްޓާފައި ނުވުމުންނެވެ.