ހަބަރު

މައުމޫންގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފި

އެކެއް ފެބުރުއަރީގެ އަމުރާ ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ. އަޑުއެހުން ކެންސަލްކުރި ވަކި ސަބަބެއް ކުރިމިނަލް ކޯޓުން ނުބުނެ އެވެ.

ރައީސް މައުމޫންގެ އަޑުއެހުން މިއަދު ކެންސަލްކުރިއިރު އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ނޫން ކަމަށް އިއްޔެ އޮތް އާއިލީ ބައްދަލުވުމަށްފަހު އާއިލާއިން ވަނީ ބުނެފަ އެވެ.

މިއަދު ބާއްވަން ހަމަޖެއްސި އަޑުއެހުމަކީ ރައީސް މައުމޫންގެ މައްޗަށް ކުރާ ދައުވާއަށް ތަފްސީލްކޮށް ޖަވާބުދާރީވުމަށާއި ހެކި ހާމަކުރުމަށް ބާއްވަން އުޅުނު އަޑުއެހުމެކެވެ. މީގެކުރިން ބޭއްވި މައްސަލާގެ ފުރަތަމަ އަޑުއެހުމުގައި ވަކީލެއް ހޯދަން ރައީސް މައުމޫނަށް ދެއްވީ ދެ ދުވަހެވެ.

އެ ދުވަސް އެމަނިކުފާނު ވަނީ އެމަނިކުފާނުގެ އުމުރުފުޅަށާއި ސިއްހީ ހާލަަތަށް ރިޔާއަތްކޮށް އެންމެ ކުޑަމިނުން ގޭބަންދަށް ބަދަލުކޮށްދިނުމަށް ތަކުރާރުކޮށް ގާޒީގެ އަރިހުގައި އެދިވަޑައިގެންފަ އެވެ. ނަމަވެސް އެންމެފަހުން އޮތް ޓެރަރިޒަމް މައްސަލާގެ ޝަރީއަތުގައި ގާޒީ ހައިލަމް ވަނީ ރައީސް މައުމޫންގެ ބަންދު ރިވިއުކުރަންޖެހޭ ތަނެއް ނެތް ކަމަށް ނިންމަވާފަ އެވެ.

ރައީސް މައުމޫން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާއިރު އެމަނިކުފާނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާގެ އިތުރުން އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާވެސް ވަނީ ރައީސް މައުމޫނަށް އުފުލާފަ އެވެ. އެ ދައުވާ ރައީސް މައުމޫންގެ މައްޗަށް ކޮށްފައިވަނީ އެ ބޭފުޅުން ފޯނު ފުލުހުންނަށް ދީފައިނުވާތީ އާއި ފޯނު އޮތް ތަނެއް ބުނެ ނުދިން ކަމަށް ބުނެ އެވެ.

ރައީސް މައުމޫންގެ އަޑުއެހުން ކެންސަލްކުރި ނަމަވެސް މިއަދު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް އުފުލާފައިވާ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާގެ އަޑުއެހުމެއް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. އޭގެ އިތުރަށް މެންދުރުފަހު ވެސް އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގެ އަޑުއެހުމެއް ވަނީ ތާވަލުކޮށްފަ އެވެ.