ކުޅިވަރު

ދަގަނޑޭ ދިނީ މެސެޖެއް، ޓީމުން ބޭރުވާންޖެހޭ ސަބަބެއްނެތް!

އޭއެފްސީ ކަޕުގައި ނިއު ރޭޑިއަންޓްގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ދައްކަމުންދާ ކުޅުމުން އޭނާ އެ ދިނީ ގައުމީ ޓީމަށް މެސެޖެއް ކަމަށާއި އޭނާ ގައުމީ ޓީމުން ބޭރުވާން ޖެހޭ ސަބަބެއް ނޭންގޭ ކަމަށް ނިއު ރޭޑިއަންޓްގެ ކޯޗް އޮސްކާ ބުރުޒޮން ބުނެފި އެވެ.

އިއްޔެގެ މެޗުގައި ދަގަނޑޭ ވަނީ ދެ ލަނޑު ޖަހައި، އިތުރު ދެ ލަނޑު ޖަހަން މަގުފަހި ކޮށްދީފަ އެވެ. ބުރުޒޮން ބުނީ ދަގަނޑޭ އަކީ ދެކުނު އިރުމަތީ އޭޝިއާގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ކަމަށެވެ. އޭނާ މިހާރުވެސް ކުޅެމުން ދަނީ އޭނާގެ އެންމެ ޕީކު އުމުރުގައި ކުޅުނު ފަދައިން ކަމަށް ބުރުޒޮން ބުންޏެވެ.

"މިއި ގައުމީ ޓީމާ ގުޅުވައި ދަގޭ އާ ބެހޭގޮތުން ދައްކަމުންދާ ވާހަކަތަކަށް އޭނާ ދިން މެސެޖެއް، ބަލަމާ ހިނގާ ކޮން ކުޅުންތެރިންނެއްކަން ގައުމީ ޓީމަށް އަރަން ތައްޔާރަށް ތިބީ ނުވަތަ ކޮން ކުޅުންތެރިޔެއްތޯ ކުޅެން ތައްޔާރު ނުވަނީ، ދަގަނޑޭ ހުނަރުވެރި މޮޅު ކުޅުންތެރިޔެއް،" ބުރުޒޮން ބުންޏެވެ. "ދަގޭގެ މެޗުތައް ދެތިން އަހަރު ކުރިން ފެށިގެން އަހަރެން ބަލަން ފަށައިފިން، މިހާރުވެސް އޭނާ ކުޅެމުންދަނީ އެންމެ ޕީކުގައި ކުޅެމުންދާހެން، އޭނާ އަ ބެހޭޣޮތުން ދެކެވުމުންދާ ވާހަކައެއް އަހަންނަކަށް ނޭންގެ އެނގޭ ކަމަކީ ދަގޭ އަކީ ދެކުނު އަދި އިރުމަތީ އޭޝިއާގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާކަން، އަހަރެމެންނަށް ނަސީބެއް އޭނާ މި ޓީމުގައި ހުރިކަން."

އިއްޔަގެ މެޗުގައި އަޝްފާގް ވެސް ވަނީ ޕްރެސް އަށް ހާޒިރުވެ "ބައެއް ސުވާލު" ތަކަށް ޖަވާބު ދީފަ އެވެ. އަޝްފާގް ޕްރެސްއަށް ގެންނަން އޭނާ އަމަލު ކުރަނީ ކިހިނެއްތޯ ބުރުޒޮން އާ ސުވަލު ކުރުމުން އޭނަ ބުނީ އަޝްފާގް ޕްރެސްއަށް އައިސް ހުރުމަކީ އޭނާ ރަނގަޅު ކަންތައްތަކެއް ކުރަމުންދާ ކަމުގެ ހެއްކެއް ކަމަށެވެ.

"އަޝްފާގް މިތާންގައި [ޕްރެސް ގައި] ހުރުމަކީ އަޝްފާގް ރަނގަޅު މޫޑެއްގައި ހުރި ކަމުގެ ހެއްކެއް، މާނައަކީ އަޝްފާގް އެހުރީ ޓީމަށްޓަކައި ކޮންމެކަމެއްވެސް ކުރުމަށް ފުރިހަމައަށް ތައްޔަރު ވެގެންނޭ."

އޭނާ ބުނީ ނިއު ރޭޑިއަންޓް ފައިނަލު ބުރަށް ދާވާހަކަ މުބާރާތުގެ ކުރިން ދެއްކި ނަމަވެސް އޭނަ އެ ވާހަކަ ނުދައްކާ ކަމަށާއި ނަމަވެސް މިހާރު ނިއު އަށް ފައިނަލު ބުރަށް ދާނެ ވާހަކަ އޭނާވެސް ދައްކަން ބޭނުންވާ ކަމަށެވެ.

"އަހަންނަކަށް މިހާރު ނުފެނޭ އަހަރެމެން ޓީމަށްވުރެ ވަރުގަދަ ޓީމެއް، އަހަންނަކަށް ނުފެނޭ އަހަރެމެންނަށް ބަލި ނުކުރެވޭނެ ޓީމެއް." ޔަގީން ކަމާއެކު ބުރުޒޮން ބުންޏެވެ.

އަޝްފާގް ބުނީ، ބޮޑު ނަތީޖާއަކުން މޮޅުވެވުނީ މުޅި ޓީމުގެ މަސައްކަތުން ކަމަށެވެ.