ކުރިގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ކޮންމެ ރަމްޟާން މަހަކު ބާއްވާ ރަމަޒާން ވެޓަރަންސް ކަޕް މިމަހު 19 ގައި ފަށާ ގޮތަށް މުބާރާތް އިންތިޒާމު ކުރާ މޯލްޑިވްސް ސޮކަ މޭޓްސްއިން ނިންމައިފި އެވެ.
މި އަހަރުގެ މުބާރާތުގައި އަށް ޓީމު ވާދަ ކުރެ އެވެ. ފުރަތަމަ ޑިވިޝަންގެ އަށް ކުލަބުގެ ތެރެއިން ޓީސީ އާއި ޔުނައިޓަޑް ވިކްޓަރީ ފިޔަވައި އަނެއެ ހަ ޓީމު މުބާރާތުގައި ވާދަ ކުރާނެ އެވެ. ދެން މުބާރާތުގައި ވާދަ ކުރާނީ ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އާއި ޕޮލިސް ކުލަބެވެ.
މުބާރާތް ކުރިއަށް ގެންދާނެ ފޯމެޓް ސޮކަ މޭޓްސްއިން އަދި މުޅިން ފައިނަލެއް ނުކުރެ އެވެ.
"މުބަރާތް ކުރިއަށް ދަނީ ލީގެއް ގޮތަށް ނުވަތަ ގުރޫޕް އުސޫލުންތޯ އަދި އަޅުގަނޑުމެން މުޅިން ފައިނަލެއް ނުކުރަން، އަޅުގަނޑުމެން މި ވިސްނަނީ ރޯދަ މަހަށް ފިޓްކޮށްގެން ވީހާވެސް ގިނަ މެޗުތަކެއް ކުޅެން ފުރުސަތު ލިބޭނެ ގޮތަކަށް އެކުލަވާލަން،" ސޮކަ މެޓްސްގެ ޖެނަރަލް ސެކެޓްރީ ކުލަބު ވެލެންސިއާގެ ކުރިގެ މިޑްފީލްޑާ އަބްދުﷲ އާމިރު ވިދާޅުވި އެވެ.
މިދިޔަ އަހަރު ވެޓަރަންސް ކަޕު ފެށުމުގެ ކުރިން ސޮކާ މޭޓްސްއިން ވަނީ ރާއްޖޭގެ އުފެދުނު ފުޓްބޯޅަ ލެޖެންޑުންގެ ހާއްސަ މެޗެއް ކުޅެފަ އެވެ. އަބްދުﷲ އާމިރު ވިދާޅުވީ މިއަހަރު މުބަރާތް ހުޅުވަން ހާއްސަ ހަރަކާތެއް ނުބާއްވާނެ ކަމަށެވެ.
"މިއަހަރު ބޭރުގެ ޓީމެއް ގެނެސްގެން މާލޭގައި މެޗެއް ކުޅެވިއްޖެ، އޭދަފުށީ ވެޓަރެންސް ޓީމާ ދެކޮޅަށް ވެސް މެޗެއް ކުޅެވިއްޖެ، އެހެންވީމަ ވެޓަރަންސް ކަޕު ހުޅުވަން ހާއްސަ ހަރަކާތެއް ނުބައްވަން އަޅުގަނޑުމެން ވިސްނުން ގެންގުޅުނީ، އެހެން ނަމަވެސް ކުރިއަށް އޮތް އަހަރުތަކުގައި ވެންޓަރަންސް ކަޕަށް ހާއްސަ ހަރަކާތްތައް ބާއްވާނަން."
މިދިޔަ އަހަަރު ވެޓަރަންސް ކަޕު މާޒިޔާ ބަލިކޮށް ކާމިޔާބު ކުރީ ނިއު ރޭޑިއަންޓުންނެވެ.