ހަބަރު

ރައީސް ޔާމީން ގެނެސްދެއްވި ނުފެންނަ ތަރައްގީ އަދި މާ ބޮޑު: އަދުރޭ

މި ދައުރުގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީން ގެނެސްދެއްވާފައި ވަނީ އުމްރާނީ ތަރައްގީއެއް ނޫން ކަމަށާއި ލޮލަށް ނުފެންނަ ތަރައްގީތައް އަދި މާ ބޮޑު ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އިން މާލޭގައި ބާއްވާ ބޮޑު ޖަލްސާއެއް އިއުލާން ކުރުމަށް މިއަދު ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައ އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ރާއްޖޭގައި އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ކުރިޔަަށް ގެންގޮސްފައިވާ ކަމަށާއި ނަމަވެސް ލޮލަށް ނުފެންނަ އެތަށް ތަރައްގީތަކެއް ވެސް އެމަނިކުފާނު ގެނެސްދީފައިވާ ކަމަށެވެ. އެގޮތުން މާލޭ މަގުތައް އަމާންވެ ކުރިން އާންމުންނަށާއި ސިޔާސީ މީހުންނަށް އޮތް ބިރު ފިލައިގޮސް އަމާންތަނަކަށްވެފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ހަމައެކަނި ލޮލަށް މިފެންނަނީ ބްރިޖާ އެއާޕޯޓާއި 25 ބުރީގެ އިމާރާތް ނުވަތަ އަތޮޅުތަކު ތެރޭ ހަދަމުންދާ ބަނދަރާއި ހިއްކަމުންދާ ބިންތަކާއި ފްލެޓުތައް، ނަމަވެސް ލޮލަށް ނުފެންނަ ތަރައްގީ އަދި މާ ބޮޑު،" އަބްދުއްރަހީމް ވިދާޅުވި އެވެ. "މިއަދު އަޅުގަނޑުމެން ސިޔާސީ މީހުން މަގުމަތީ މިއުޅެނީ ސައިކަލުގައި ދުއްވާލާފައި، އެމްޑީޕީގެ ވެރިކަމުގައި އަޅުގަނޑުމެން އިދިކޮޅުގައި ތިބި އިރު ކައިރީގައި ސެކިއުރިޓީ ބަހައްޓައިގެން ނޫނީ ނުކެރޭ ނުކުމެލާކަށް، މިއީ އެންމެ ބޮޑު އެއް ތަރައްގީ، ގައުމަށް ހަމަޖެހުން އައުމަށް ވުރެ ވަކިން ބޮޑު ތަރައްގީއެއް ހިޔެއް ނުވެ އޮންނާނެހެން،"

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ގެނެސްދެއްވި ނުފެންނަ ތަރައްގީތައް ރައްޔިތުން ބަލައިގެންފައިވާ ކަން އެނގެނީ މި މަހު ފުރަތަމަ ދުވަހު "މޭޑޭ މުޒާހަރާ"އަށް އެއްވެސް ބަޔަކު ނުނިކުތުން ކަމަށެވެ. މަސައްކަތްތެރިން ވެސް މުޒާހަރާތަކަށް ނުކުތުމުގެ ބަދަލުގައި މިހާރު ބޭނުންވަނީ މަސައްކަތުގައި ޝާމިލުވެގެން ތިބެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުތަކަށް ވަމުން އަންނަ ތައްޔާރީތަކާ ގުޅޭ ގޮތުން އަބްދުއްރަހީމް ވިދާޅުވީ އެ ޕާޓީ އިން ގިނަ ރަށްތަކަށް ގޮސް ކެމްޕެއިން ހަރަކާތްތައް ކުރިޔަށް ގެންގޮސްފައިވާ ކަމަށާއި ރޯދަ އަށް މަޑު ޖައްސާލުމުގެ ކުރިން މާލޭގައި ބޮޑު ޖަލްސާއެއް ބާއްވަން ރާވާ ކަމަށެވެ. އެގޮތުން "ހެސްކިޔާފަ"ގެ ނަމުގައި މާލޭ ކާނިވާ ސަރަހައްދުގައި އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު ޕީޕީއެމްގެ ބޮޑު ޖަލްސާއެއް އޮންނާނެ ކަމަށް އަބްދުއްރަހީމް އިއުލާން ކުރެއްވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ރާއްޖޭގައި މިހާރު ހިންގަމުންތާ ސިޔާސީ ޕާޓީތަކުގެ ތެރެއިން ޕާޓީ އުފެއްދި މަަގްސަދުގައި މަސައްކަތް ކުރާ ހަމައެކަނި ޕާޓީއަކީ ޕީޕީއެމް ކަމަށެވެ. ދެން ހުރި އެއްވެސް ޕާޓީއެއް ހިނގާތަން ނުފެންނަ ކަމަށާއި ފެންނަނީ މުޅިން ވެސް އަމިއްލަ ކަންކަމުގައި އުޅުއްވާ ތަން ކަމަށް އަދުރޭ ވިދާޅުވި އެވެ.