ހަބަރު

ޕީޕީއެމް އިން މާލޭގައި "ހެސްކިޔާފަ" ޖަލްސާ ބާއްވަނީ

"ހެސްކިޔާފައި"ގެ ނަމުގައި ޕީޕީއެމް އިން މާލޭގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ނިންމައިފި އެވެ.

ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޕާޓީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޕީޕީއެމްގެ މެންބަރުން ގިނަ ރަށްތަކަށް ގޮސް ކެމްޕެއިން ހަރަކާތްތައް ހިންގަމުން އަންނަ ކަމަށާއި ނަމަވެސް އަންނަ ރޯދަ މަހަށް އެ މައްސަލަ މަޑު ޖައްސާލުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް އޭގެ ކުރިން މާލޭގައި ބޮޑު ޖަލްސާއެއް ބާއްވަނެ ކަމަށް ރާވާފައިވާ ކަމަށާއި އެގޮތުން "ހެސްކިޔާފަ"ގެ ނަމުގައި މާލޭ ކާނިވާ ސަރަހައްދުގައި އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު ޕީޕީއެމްގެ ބޮޑު ޖަލްސާއެއް އޮންނާނެ ކަމަށް އަބްދުއްރަހީމް އިއުލާން ކުރެއްވި އެވެ.

"އަޅުގަނޑުމެން ދައުވަތު އަރުވަން ޕާޓީގެ ހުރިހާ މެންބަރުން ވެސް މި ރެލީގައި ބައިވެރިވާން، އެ ރެލީގައި ރައީސް ޔާމީން އާއި މެޑަމް ފާތުމަތު އިބްރާހިމް ވެސް ބައިވެރިވެވަޑައި ގަންނަވާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގައި މިހާރު ހިންގަމުންތާ ސިޔާސީ ޕާޓީތަކުގެ ތެރެއިން ޕާޓީ އުފެއްދި މަަގްސަދުގައި މަސައްކަތް ކުރާ ހަމައެކަނި ޕާޓީއަކީ ޕީޕީއެމް ކަމަށެވެ. ދެން ހުރި އެއްވެސް ޕާޓީއެއް ހިނގާތަން ނުފެންނަ ކަމަށާއި ފެންނަނީ މުޅިން ވެސް އަމިއްލަ ކަންކަމުގައި އުޅުއްވާ ތަން ކަމަށް އަދުރޭ ވިދާޅުވި އެވެ.