ހަބަރު

ޖެމްސް ކަނޑާލަން އުއްތަމަ ފަނޑިޔާރު އެންގެވި: ހެކިވެރިޔެއް

ދައުލަތުގެ ލިޔެކިޔުންތައް ބަދަލު ކުރުމަށް ގާއިމުކޮށްފައިވާ ނެޓްވޯކް، ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ހިދުމަތް މެދު ކަނޑާލުމަށް އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދު އެންގެވި ކަމަށް ބުނެ ހެކިވެރިއަކު ކޯޓުގައި ބުނެފި އެވެ. އެ ހެކިވެރިޔާއަކީ ސުޕްރީމް ކޯޓުގެ އިދާރީ އިސް މުވައްޒަފެކެވެ.

ޖެމްސްގެ ހިދުމަތް މެދުކަނޑާލައި ރައީސް އަބްދުﷲ ޔާމީން ފޮނުއްވި ސިޓީތަކެއް ބަލައިނުގަތް މައްސަލާގައި އުއްތަމަ ފަނޑިޔާރުގެ މައްޗަށް އުފުލާފައިވަނީ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ އެވެ. އެ މައްސަލާގައި މިއަދު އޮތީ ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހަތަރު ހެކީންގެ ބަސް ނެގުމެވެ. އޭގެ ތެރޭގައި ތިން ސިއްރު ހެއްކެއްވެސް ހިމެނެ އެވެ.

މިއަދުގެ ޝަރީއަތުގައި ހެކިބަސް ދެމުން އެއް ހެކިވެރިޔާ، ބުނީ ފެބްރުއަރީ ހަތަރެއް އަދި ފަސްވަނަ ދުވަހު ޖެމްސްގެ ހިދުމަތް މެދުކަނޑާލުމަށް އުއްތަމަ ފަނޑިޔާރު އަމުރު ކުރެއްވި ކަމަށާއި އުއްތަމަ ފަނޑިޔާރު "އިންސްޓްރަކްޝަން" ދެއްވި ގޮތަށް އަމަލު ކޮށްފައިވާނެ ކަމަށެވެ. އެގޮތުން އުއްތަމަ ފަނޑިޔާރު އެންގެވި ގޮތަށް ކަމާ ގުޅޭ މުއައްސަސާއަށް އެކަން ކުރުމަށް އެންގި ކަމަށް ވެސް އޭނާ ބުންޏެވެ.

"އުއްތަމަ ފަނޑިޔާރު އިންސްޓްރަކްޝަން ދީފައިވަނީ އެކިފަހަރު އެކި ގޮތަށް، އެއީ ފޭސްޓް ފޭސްކޮށާއި ފޯނުން ގުޅައިގެން،" ހެކިވެރިޔާ ބުންޏެވެ.

އެ ހެކިވެރިޔާ ބުނީ، ފެބުރުއަރީ މަހުގެ ހަތަރު ވަނަ ދުވަހުގެ ހަވީރު ޖެމްސްގެ ހިދުމަތް އަލުން ދިނުމަށް އުއްތަމަ ފަނޑިޔާރު އެންގެވި ކަމަށާއި އަލުން ހިދުމަތް ދިނުމަށް އެންގެވީ ބައެެއް ލިޔެކިޔުންތައް ފޮނުވުމަށް ކަމަށެވެ.

ދެން މިއަދު ހެކިބަސް ދީފައިވަނީ ސުޕްރީމް ކޯޓްގެ އައިޓީ ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ މުވައްޒަފެކެވެ. އެ ހެކިވެރިޔާ ބުނީ، ޖެމްސްގެ ހިދުމަތް މެދުކަނޑާލުމަށް އިދާރީ އިސް ފަރާތަކުން އެންގެވި ކަމަށާއި އެންގެވީ ފޯނުން ގުޅައިގެން ކަމަށެވެ. އެގޮތަށް އެންގެވުމުން ޖެމްސްގެ ކަނެކްޝަން ވާގަނޑު ނައްޓާލީ ކަމަށާއި ވާގަނޑު ނައްޓާލުމުން ޖެމްސްގެ ހިދުމަތް އެއްކޮށް މެދުކެނޑުނީ ކަމަށްވެސް ހެކިވެރިޔާ ބުންޏެވެ.

އެ ހެކިވެރިޔާ ބުނީ، ޖެމްސްގެ ހިދުމަތް ފުރަތަމަ މެދުކަނޑާލަން އިދާރީ އިސް މުއައްޒަފު އެންގެވީ ފެބްރުއަރީ ހަތަރު ވަނަ ދުވަހުގެ ހެނދުނު ކަމަށާއި އަދި އަލުން ޖެމްސްގެ ހިދުމަތް ދިނުމަށް އެދުވަހުގެ ހަވީރުވެސް އެންގެވި ކަމަށެވެ. އެގޮތަށް ފަސްވަނަ ދުވަހުވެސް އެންގެވި ކަމަށް ހެކިވެރިޔާ ބުންޏެވެ.

"ކޮންމެ ފަހަރަކުވެސް ފޯނުން ގުޅާފައި ބުނަނީ ޖެމްސްގެ ހިދުމަތް މެދު ކަނޑާލަން، ފެބްރުއަރީ ހަތަރުވަނަ ދުވަހު ޖެމްސްގެ ހިދުމަތް ކަނޑާލުމަށްފަހު އިދާރީ އިސް މުވައްޒަފު އެންގެވުމުން ހިދުމަތް ދީފައިވާނެ، ގުޅާފަ ބުނީ ކުޑަ ވަގުތުކޮޅަކަށް ހިދުމަތް ދިނުމަށް، ބުނުމުން ދީފައިވާނެ،" އެ ހެކިވެރިޔާ ބުންޏެވެ.

ދިފާއީ ވަކީލާ ހިސާން ހުސެއިން ވަނީ ޖެމްސްގެ ހިދުމަތް މެދު ކަނޑާލުމަށް އުއްތަމަ ފަނޑިޔާރު އެފަރާތަށް އެންގެވިތޯ ސުވާލު ކުރައްވާފަ އެވެ. އެއަށް ޖަވާބު ދެމުން އެ ހެކިވެރިޔާ ބުނީ، ޖެމްސް ކަނޑާލުމަށް ސީދާ އުއްތަމަ ފަނޑިޔާރު ނާންގާ ކަމަށާއި އެކަން ކުރުމަށް އެންގީ އިދާރީ އިސް މުވައްޒަފެއް ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި ސިއްރު ހެއްކެއްގެ ގޮތުގައި އިތުރަށް ހެކިބަސް ނަގާފައިވަނީ ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީގެ މުއައްޒަފެއްގެ އެވެ. އެންސީއައިޓީއަކީ ޖެމްސްގެ ހިދުމަތަށް މައްސަލައެއް ދިމާވެއްޖެ ނަމަ އެކަން ހައްލު ކުރުމާއި ހަވާލުވެގެން ތިއްބި ފަރާތެވެ.

ހެކިވެރިޔާ ބުނީ، ޖެމްސް އަށް މައްސަލަ އެއް ދިމާވެއްޖެ ނަމަ ކޮންމެ ތަނެއްގައި އެކަމަށް ހާއްސަކޮށް ކަނޑައަޅާފައިވާ ފޯކަލް ޕޮއިންޓް މުއައްޒަފެއް ހުންނާނެ ކަމަށާއި އެފަރާތާއި ގުޅައިގެން މައްސަލަ ބަލައި ސާފު ކުރާ ކަމަށެވެ.

އެގޮތުން ފެބުރުއަރީ މަހުގެ ހަތަރު ވަނަ ދުވަހާއި ފަސްވަނަ ދުވަހު ސުޕްރީމް ކޯޓުގެ ޖެމްސްގެ ފަޔަވޯލް "އަޕް" އަދި "ޑައުން" ވާކަން ފާހަގަ ކުރެވުމުން އެކަން ސާފު ކުރުމަށް ސުޕްރީމް ކޯޓުގައި ހުންނަ ފޯކަލް ޕޮއިންޓަށް ގުޅި ކަމަށެވެ. ފޯކަލް ޕޮއިންޓަށް ގުޅުމުން ބުނީ، ޖެމްސް ޑައުންވެފައި ނޫން ކަމަށާއި ޑައުން ކޮށްލާފައި ކަމަށެވެ. "އަންޑަސްޓޭންޑް" ވާނެ ކަމަށް ހީކުރަމޭ ބުނުމަށްފަހު އެފަރާތުން ފޯނު ކަނޑާލާފައިވާ ކަމަށްވެސް ހެކިވެރިޔާ ބުންޏެވެ.

"ފޯކަލް ޕޮއިންޓަށް ގުޅީ ބޮޑަަށް ހަނދާންވާ ގޮތުން ފެބުރުއަރީި ފަސްވަނަ ދުވަހު، ޖެމްސް ޑައުން ކުރުމަށް ނުވަތަ އުއްތަމަ ފަނޑިޔާރު އަންގައިގެން އެއްވެސް ކަމެއް ކުރިކަމަކަށް ނުބުނެ،" ހެކިވެރިޔާ ބުންޏެވެ.

ނަމަވެސް ސުޕްރީމް ކޯޓުގެ ފޯކަލް ޕޮއިންޓްގެ ގޮތުގައި މަސައްކަތް ކުރައްވާ ފަރާތުން މިއަދުގެ ޝަރީއަތުގައި ހެކިބަސް ދެމުން ބުނީ، ސުޕްރީމް ކޯޓުގެ ޖެމްސް ސިސްޓަމް ޑައުން ވެގެން އެންސީއައިޓީން ގުޅި ކަމަށާއި ގުޅިއިރު ހުރީ ޗުއްޓީގައި ކަމަށެވެ. އަދި ޗުއްޓީގައި ހުރުމުން އެކަން ނޭންގޭ ކަމަށާއި އެކަމާ ހަވާކުވެފައިވާ ފަރާތަކަށް ގުޅުމަށް ބުނި ކަމަށް ހެކިވެރިޔާ ބުންޏެވެ.

ދެން އަންނަ ދުވަހު ދިފާއީ ވަކީލުންގެ ފަރާތުން ހުށަހަޅާފައިވާ ހެކީންގެ ހެކިބަސް ނެގުން އޮންނާނެ ކަމަށް ފަނޑިޔާރު ވިދާޅުވެ މިއަދުގެ ޝަރީއަތް ވަނީ ނިންމާލާފަ އެވެ.