ވިޔަފާރި

ފުޓުބޯޅަ ފޯރީގެ ނަމުގައި އުރީދޫއިން އާ ވައިބަ ސްޓިކާއެއް

May 4, 2018

އުރީދޫއިން ރާއްޖެއަށް ހާއްސަކޮށް ނެރޭ 3 ވަނަ ވައިބަ ސްޓިކާ ޕެކްގެ ގޮތުގައި "ފުޓުބޯޅަ" ސްޓިކާ ޕެކް ތައާރަފްކޮށްފި އެވެ. މި ފަހަރުގެ ސްޓިކާ ޕެކްގައި ހިމަނާފައިވަނީ ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ފުޓުބޯޅަޔާ ގުޅުން ހުރި ގޮވެލި ތަކެވެ.

އުރީދޫގެ ޑިރެކްޓާ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސައިން ނިޔާޒް ވިދާޅުވީ ފުޓުބޯޅައަކީ އަބަދުވެސް އަޅުގަނޑުމެންގެ ދިރިއުޅުމުގެ ބައެއް ކަމަށެވެ.

"އެންމެ ކުޑައިރު އާއިލާ އާއި އެކުވެރިންނާއި އެކު މަގުމަތީފައި ފުޓުބޯޅަ ކުޅެން އުޅުނު ޒަމާނުންފެށިގެންގޮސް، ތަފާތު ފުޓުބޯޅަ މެޗުތަކުގައި ބައިވެރިވި ހިނދުގައި، އަދި ދުނިޔޭގެ އެންމެ ބޮޑެތި ފުޓުބޯޅައިގެ މުބާރާތްތަކާއި ލީގުތައް ކުރިޔަށް ދާ ގޮތް ކައިރިން ބަލަމުންދާ އިރުގައިވެސް އަޅުގަނޑުމެން ދިވެހިން އާންމުކޮށް ބޭނުންކުރާ ބަސްތަކެއް އެބަހުރި،" ނިޔާޒު ވިދާޅުވި އެވެ.

"ފުޓުބޯޅަ ސްޓިކާ ޕެކް މެދުވެރިކޮށް، ވައިބަރ އަށް މި ބަސްތައް ގެނެސްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ސްޓިކާތަކުގެ ސަބަބުން ފުޓުބޯޅައިގެ ވާހަކަތައް ވަރަށް ތަފާތުގޮތަކަށް ހިއްސާކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ޔަގީންކުރަން." ޑިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް."

ފެށުނީއްސުރެ ވައިބާގައި ތައާރަފްކުރެވުނު ސްޓިކާ ސެޓްތަކާއި އެއްފަދައިން، "ފުޓުބޯޅަ" ސްޓިކާ ސެޓް ވެސް މައިގަނޑުގޮތެއްގައި ފަރުމާކުރެވިފައިވަނީ ދިވެހި ބަހުންނެވެ. މީގެ ތެރޭގައި "ގޯލް"، "ހިނގާ ކުޅެން ދާން؟"، "އަދި ޖަހާނެ"، "ފައިބާ"، "ބޮޑު ބޯޅަ"، "ތަށި ނަގާނަން މިފަހަރު"، މިފަދަ ލަފްޒުތައް ހިމެނެއެވެ. "ފުޓުބޯޅަ" ސްޓިކާސެޓް އިތުރު އެއްވެސް އަގަކާ ނުލާ ވައިބާ ސްޓިކާ މާކެޓުން، އަދި މި ލިންކް މެދުވެރިކޮށް ޑައުންލޯޑު ކުރެއްވޭނެ އެވެ.

މަގްބޫލު ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ދިވެހި ބަހުރުވަޔާއި، އާދަކާދަތަކާއި، ދިވެހިންނާއި ގުޅުންހުރި ތަފާތު ކޮންޓެންޓް ހިމެނުމަކީ އުރީދޫއިން ވަރަށްވެސް އިސްކަންދޭކަމެކެވެ. މިގޮތުން، ވައިބާ އަދި އެހެނިހެން ޕާޓްނަރުންނާއި ގުޅިގެން، ދިވެހި ރަހަތައް ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކަށް ގެނައުމަށް ކުރިއަށްއޮތްތަނުގައިވެސް މަސައްކަތް ކުރަމުންދާނެއެވެ.

ސޯޝަލް މީޑިޔާގެ ޚިދުމަތްފޯރުކޮށްދޭ އުރީދޫގެ ސުމޭކީ މަދަދުގާރު ކަމަށްވާ އުރީދޫ ނެކްސްޓް ވެސް ވަނީ ދާދި ފަހުން ވައިބާގައި ތައާރަފްކޮށްފަ އެވެ. އާޓިފިޝަލް އިންޓެލިޖެންސް އާއި މެޝިން ލަރނިންގް ބޭނުންކުރާ ރިއަލް ޓައިމް އޭޕީއައި ޕްލެޓްފޯމް އެއްގެ އެހީގައި ހިނގާ އުރީދޫ ނެކްސްޓް މެދުވެރިކޮށް، ރާއްޖޭގެ ކޮންމެ މޮބައިލް ކަސްޓަމަރަކަށްވެސް، ފޭސްބުކް މެސެންޖަރ އަދި ވައިބާ ފަދަ ސޯޝަލް މީޑިޔާގައި އުރީދޫ އާއި ބެހޭ ތަފާތު މައުލޫމާތު ސާފުކޮށް، ހިދުމަތް ހޯދޭނެއެވެ ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކުރުމުގައި ކަސްޓަމަރުންނަށް އިތުރު ފަސޭހަތައް ގެނެސްދީ، ތަފާތު އުފާވެރި ތަޖުރިބާތަކާއި ގުޅުވާލަދިނުމަށް، އުރީދޫ އިން އަބަދު ވެސް މަސައްކަތް ކުރަމުންދާނެ އެވެ.