ކުޅިވަރު

އެތުލެޓިކޯ އާއި މާސޭގެ ފައިނަލެއް

އާސެނަލްގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި އެތުލެޓިކޯ މެޑްރިޑުން ޔޫރޮޕާ ލީގްގެ ފައިނަލަށް ދަތުރު ކޮށްފި އެވެ. ފައިނަލުގައި އެތުލެޓިކޯއާ ދެކޮޅަށް ނިކުންނާނީ އޮސްޓްރިއާގެ ސްލަޒް ބާގްގެ އަތުން 3-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވި އޮލިމްޕިކް މާސޭ އެވެ.

އާސެނަލްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގް މެޗު 1-1 ން އެއްވަރުވުމުން، އެތުލެޓިކޯ މެޗަށް ނިކުތީ އަވޭގޯލްގެ ފައިދާއާ އެކު އެވެ. ފުރަތަމަ ލެގް މެޗުގައި ރެފްރީގެ ނިންމުންތަކާ މެދު ހިތްހަމަ ނުޖެހުމުން ދަނޑުން ފޮނުވާލި އެތުލެޓިކޯގެ ކޯޗް ޑިއޭގޯ ސިމިއޯނޭ ހުރީ ރޭ ގެ މެޗަށްވެސް ސަސްޕެންޑް ކޮށްފަ އެވެ. އޭނާ ވަނީ ދަނޑުގެ ސްޓޭންޑްގައި ހުރެގެން މެޗު ބަލާފަ އެވެ.

އެތުލެޓިކޯގެ ލަނޑު ކާމިޔާބު ކުރީ ޑިއޭގޯ ކޮސްޓާ އެވެ. އެންޓްއާން ގްރީޒްމަން އާއި ކޮސްޓާގެ ކޮމްބިނޭޝަން ބޭނުން ކޮށްގެން ކޮސްޓާ ލަނޑު ޖެހީ، ގްރިޒްމަން ދިން ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ގޯލްގެ މެދަށް ފޮނުވާލައިގެންނެވެ.

ސްލްޒްބާގްގެ ދަނޑުގައި ކުޅުނު ދެ ވަނަ ލެގް މެޗަށް މާސޭ ކުރިމަތިލީ އަމިއްލަ ދަނޑުގައި ކުޅުނު މެޗު 2-0 ން ކާމިޔާބު ކޮށްގެން އެކަމުގެ ހިތްހަމަ ޖެހުމާއެކު އެވެ. ނަމަވެސް ސަލްޒް ބާގުން ދެ ލަނޑު ޖެހުމުން އެގްރިގޭޓް ނަތީޖާ އެއް ވަރުވުމުން ޖެހުނީ އިތުރު ވަގުތުގެ ދެ ހާފު ކުޅޭށެވެ.

ސަލްޒްބާގްގެ ފުރަތަމަ ލަނޑު 53 ވަނަ މިނެޓްގައި ކާމިޔާބު ކުރި އަމަޑޫ ހައިޑަރާ އެވެ. އެ ޓީމުގެ ދެ ވަނަ ލަނޑަކީ މާސޭގެ ބައުނާ ސާރް އަތުން ބައިކޮޅަށް ވަން ލަނޑެވެ.

އިތުރު ވަގުތުގެ ދެ ވަނަ ހާފުގައި މާސޭގެ ލަނޑު ކާމިޔާބު ކުރީ ރޮލާންޑޯ އެވެ. އެކްސްޓްރާ ޓައިމްގެ އެންމެ ފަހު ވަގުތުގައި ސްލްޒްބާގް އަމަޑޫ ހައިޑަރާ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކާފަ އެވެ.