ކުޅިވަރު

ފައިނަލުމެޗު ރޯދަމަހު، މި ކުޅުންތެރިން ހަދާނީ ކިހިނެއް؟

ޗެމްޕިއަންސް ލީގްގެ ފައިނަލަށް ރެއާލް މެޑްރިޑް ދަތުރު ކުރީ ބަޔާން މިޔުނިކުގެ މައްޗަށް 3-2 ގެ އެގްރިގޭޓުން ކުރި ހޯދައިގެންނެވެ. ފައިނަލުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ނިކުންނަ ލިވަޕޫލް ފައިނަލަށް ދަތުރު ކުރީ ރޯމާގެ މައްޗަށް 7-6 ގެ އެގްރިގޭޓް ނަތީޖާއިން ކުރި ހޯދައިގެންނެވެ.

ލިވަޕޫލާއި ރެއާލް މެޑްރިޑް ފައިނަލަށް ނިކުންނަނީ 37 އަހަރަށް ފަހު އެވެ. ފައިނަލު މެޗު އޮންނާނީ މި މަހު 26 ވަނަ ދުވަހު ޔޫކްރޭންގެ ވެރިރަށް ކިއޭވް އެވެ. ފައިނަލު މެޗު މިއޮތީ ރޯދަ މަހުގަ އެވެ. ފައިނަލު މެޗު އަންނަ އިރު ރޯދަ މަހުން 11 ދުވަސް ވާނީ ފާއިތު ވެފަ އެވެ.

ދެ ޓީމުގައި ވެސް އެ ކަމަށް ސަމާލުކަން ދޭން ޖެހޭނެ ކުޅުންތެރިން އެބަތިއްބެވެ. ލިވަޕޫލުގައި ތިން ކުޅުންތެރިން އެބަތިއްބެވެ. މި ސީޒަންގައި އެ ޓީމުގައި އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ މުހައްމަދު ސަލާހް އާއި ސެޑިއޯ މާނޭ އެވެ. މިއީ ލިވަޕޫލުގެ ހަމަލާތަކުގައިވެސް އެންމެ މުހިންމު ދައުރެއް އަދާ ކުރަމުން އަންނަ ދެ ކުޅުންތެރިންނެވެ. އަނެއް ކުޅުންތެރިޔަކީ މިޑްފީލްޑާ އެމްރޭ ޗާން އެވެ.

ރެއާލް މެޑްރިޑްގައި ދެ ކުޅުންތެރިން އެބަތިއްބެވެ. ފޯވަޑް ކަރީމް ބެންޒެމާ އާއި ކަނާތު ބެކް އަޝްރަފު ހަކީމީ އެވެ.

ފައިނަލު މެޗު އޮތީ ރޭގަނޑު އެވެ. އެހެންވެ އެކަމަކާ މާބޮޑަށް ވިސްނާކަށް ނުޖެހޭނެ އެވެ. ނަމަވެސް ދުވާލު މެޗަށް ތައްޔާރު ވުން އޮންނާނެ އެވެ. ދުވާލު ރޯދަ އަށް ތިބެފައި މި ކުޅުންތެރިން މެޗަށް ތައްޔާރު ވާނީ ކިހިނެއް ހެއްޔެވެ.

ރެއާލް މެޑްރިޑަށް މި މައްސަލަ ދިމާވުން ކުޑަ ވާނެ އެވެ. އެއީ ބޮޑެތި މެޗުތަކުގައި ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން އަޝްރަފް ހަކީމީ،19 އަށް ފުރުސަތު ދެނީ ބެންޗުންނެވެ. ޗެމްޕިއަންސް ލީގްގައި ފުރަތަމަ 11 ގައި އޭނާ ކުޅުނީ ވެސް އެންމެ މެޗެކެވެ. އެއީ ގުރޫޕް ސްޓޭޖުގައި ޓޮޓެންހަމް އާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ މެޗުން އޭނާ އަށް ފުރުސަތު ދިނީ އޭރު ރެއާލްގެ ކަނާތު ބެކް ޑެނީ ކަރަވަހާލް ހިތުގެ ބައްޔަކަށް ފަރުވާ ހޯދަމުން ދިއުމުން އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހުމުންނެވެ.

ޒިދާން ވިސްނަން ޖެހޭނީ ބެންޒެމާ އާ މެދުގައެވެ. އެއީ ބެންޒެމާ އަކީ ކޮންމެ މެޗެއްގައިހެން ކުޅޭ ކުޅުންތެރިޔަކަށް ވުމުންނެވެ.

ލިވަޕޫލުގެ އެންމެ މުހިންމު ތިން ކުޅުންތެރިން ރޯދަ އަށް ހުރުމުން މެޗަށް ތައްޔާރު ވުމުގައި އެ ޓީމުގެ ކޯޗް ޔާގަން ކްލޕް އެކަމަށް ރިއާޔަތް ކުރާނެ އެވެ.

ބެލެވޭ ގޮތުގައި ޓީމާތަކާ އެ ކުޅުންތެރިން ކުރާނީ ލައިޓް ޕްރެކްޓިސް ތަކެކެވެ. އާންމުކޮށް މެޗުޑޭގައި މާ ވަރުގަދަ ޕްރެކްޓިސްތަކެއް އެއްވެސް ޓީމަކުން ނުކުރާނެ އެވެ. އެހެންވެ އެކަމުގެ އަސަރެއް އެ ކުޅުންތެރިންނަށް ނުކުރާނެ އެވެ. ދެން މެޗުގެ ކުރިން ބޭނުން ކުރާ ބުއިންތައް ބޭނުން ނުކޮށް ފަރު ޖައްސާ ލެވޭނެ ގޮތަށް އެ ފަސް ކުޅުންތެރިން ތައްޔާރު ވާނެ އެވެ.