"ރެޑްބުލް ގިވްސް ވިންގްސް" މީ ރެޑްބުލްގެ ޕްރޮޑަކުޓްތައް އެ ކުންފުނިން އިސްތިހާރު ކުރުމަށް ބޭނުން ކުރާ ތީމް އެވެ. ހުޅުމާލޭގައި މިއަދު ހުޅިވި ރެޑްބުލް ސްކޭޓް ޕާކުގައި ސްކޭޓްކުރި ފަރާތްތަކުން ރެޑްބުލްގެ އެހީގައި މިއަދު އުދިހިލައިފިއެވެ.
މިއީ ރާއްޖޭގައި ސްކޭޓްކުރުމަށް ހާއްސަކޮށް ހުޅުވި ފުރަތަމަ ސްކޭޓް ޕާކެވެ. ރެޑްބުލް އާއި ޔޫރޯ ސްޓާރުގެ އެހީ އާއެކު ހުޅުވި ސްކޭޓް ޕާކުގައި އުދުހިލަން، ބ. ގޮއިދޫ ސްކޫލުގައި ކިޔަވަމުންދާ ބައެއް ކުދިން ވެސް އައެވެ.
ގޮއިދޫ ސްކޫލްގެ ބެޖު މޭ މަތީގައި ޖަހާފައިވާ، އެކްޓިވިޓީ ޔުނީފޯމުގައި އެ ސްކޫލް ކުދިން ސްކޭޓް ކުރަމުން ދިަޔައިރު ގިނަ ބަޔަކު ވަނީ އެކަމަށް ތަރުހީބު ދީފަ އެވެ. ކުޅިވަރާއި ތައުލީމުގައިވެސް ގޮއިދޫ ސްކޫލް ހަމަ އެއް ވަނަ އެވެ.
ރެޑްބުލްގެ ސްކޭޓް ޕާކު ހުޅުވުމުގެ ރަސްމިއްޔާތައް، އެ ކުންފުނިން ވަނީ ބޭރުގެ ތަޖުރިބާކާރުންވެސް ގެނެސްފަ އެވެ. އަލްބަލްޓް ހެޗްވެލް އާއި ޕެޓްސީ އަވަސްއާ ވާހަކަ ދައްކަމުން ބުނީ ސްކޭޓް ކުރުމަކީ ވާދަވެރި ކުޅިވަރަކަށްވުރެ ބޮޑަށް އެކުވެރިކަން ދޭހަ ކޮށްދޭ ބޮޑު ހަރަކާތެއް ކަމަށެވެ.
"މީ ކުޅިވަރަކަށް ވުރެ ބޮޑު ކަމެއް، ދުނިޔޭގެ ސްކޭޓް ކުރުމުގެ ދާއިރާގެ މީހުންންނަކީ ބޮޑު އެއް އާއިލާ، އަަހރެމެން އުންމީދު ކުރަން ރާއްޖެއިންވެސް ގިނަ އަދަދެއްގެ އާ ބަޔަކު މި އާއިލާއާ ގުޅޭނެ ކަމަށް،" ހެޗްވެލް ބުންޏެވެ. "ހަގީގަތުގައި މިއަދުވެސް ވަރަށް ޒުވާން ކުދިން މިތަނުގައި ސްކޭޓްކޮށްފި ވަރަށް ހުނަރުވެރި ކުދިންތަކެއް އެއީ."
"މި ލިބުނީ ސްކޭޓް ކުރާނެ ހާއްސަ ތަނެއް، އަހަރެން އުންމީދު ކުރަން ރާއްޖޭގެ ގިނަ އަދެއްގެ ޒުވާނުން ބައިނަލްއަގްވާމީ ލެވަލްގެ މުބާރާތްތަކުގައި ވާދަ ކުރަން އަންނާނެ ކަމަށް، އަހަރެން ބޭނުން ރާއްޖެއިން ގިނަ އަދަދެއްގެ ޒުވާނުން ފެންނަން." ޕެޓްސީ ބުންޏެވެ.
މާޅޭގައި ސްކޭޓް ކުރާނެ ތަނެއް ގޮތަށް އެންމެ ފުރަތަމަ ބޭނުން ކުރީ ތާޖުއްދީން ސްކޫލު ފުރަގަހުގައި އޮތް ޕާކެވެ. ފަހުން ލޮނު ޒިޔާރަރް ކޮލު ސަރަހައްދުގައިވެސް އަދި ކާނިވަލު ސަަރހައްދުގައިވެސް ސްކޭޓް ކުރުމަށް ވަގުތީގޮތުން ޕްލެޓްފޯމތައް ބޭނުން ކޮށްފައި ވެއެވެ.
ހުޅުމާލޭގައި ރެޑްބުލްގެ ސްކޭޓް ޕާކެއް ހެދުމުގެ ވާހަކަތައް ފެށުނީ 2014 ވަނަ އަހަރު އެވެ. މިއަދު ސްކޭޓް ޕާކު ހުޅުވުމަށް ބޭއްވި ހަރަކާތް ކުރިއަށް ގެންދިޔައީ މާހެފުމަކާވެސް އެކު އެވެ.