ޕްރިޔާންކާ ޗޯޕްރާ

ޕްރިޔަންކާ މިފަހަރު ތަފާތު މަސައްކަތަކަށް

ބޮލީވުޑް އަދި ހޮލީވުޑްގައި ފިޔަޖަހަމުން އަންނަ ބަތަލާއި ޕްރިޔަންކާ ޗޯޕްރާ އަނެއްކާވެސް އާ މަސައްކަތަކަށް ތައްޔާރުވާން ފަށައިފި އެވެ. މިފަހަރު ފިލްމެއްގެ މަސައްކަތްތެއް ނޫނެވެ. އޭނާ މިފަހަރު މިސްރާބުޖެހީ ޔޫޓިއުބް އޮރިޖިނަލް ޝޯއެއްގެ މަސައްކަތަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޕްރިޔަންކާ ފެނިގެންދާނީ ޔޫޓިއުބުން ގެނެސްދޭ "އިފް އައި ކުޑް ޓެލް ޔޫ ޔޯ ޖަސްޓް ވަން ތިންގް" ކިޔާ ޝޯއެއްގެ ހޮސްޓެއްގެ ގޮތުގަ އެވެ. މި ޝޯގައި ޕްރިޔަންކާ މަޝްހޫރު އަދި ކާމިޔާބު ގިނަ ފަރާތްތަކާއި ބައްދަލުކޮށް، މުޖުތަމައުގެ ތަފާތު އުސޫލުތަކަށް ރަނގަޅު ބަދަލުތައް ގެނައުމަށް ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން އެމީހުނާއި ސުވާލުކުރާނެ އެވެ.

މި ޝޯ ގެނެސްދެނީ ޔޫޓިއުބާއި ސަންޑޯގް ޕިކްޗާސް ގުޅިގެންނެވެ. ޝޯ ސްޓްރީމް ކުރާނެ ދުވަހެއް އަދި އިއުލާނު ކޮށްފައެއް ނުވެ އެވެ.

ޔޫޓިއުބުން ކޮށްފައިވާ ޓުވީޓެއް.

ގޫގުލް އިން ހިންގަމުން އަންނަ ޔޫޓިއުބުން ވަނީ ތަފާތު ގިނަ އޮރިޖިނަލް ޝޯތަކެއް ގެނެސްދޭކަން އިއުލާނުކޮށްފަ އެވެ. އެގޮތުން ހޮލީވުޑްގެ މަޝްހޫރު އެކްޓާ ވިލް ސްމިތާއި ލެބްރޯ ޖޭމްސްއާއި ލަވަކިޔުންތެރިޔާ ޑެމީ ލަވާޓޯއާއައި އިތުރު ތަރިންނާއެކު ޝޯތައް ގެނެސްދިނުމަށް ތައްޔާރުވަމުން އަންނަކަން ހާމަކޮށްފައިވެ އެވެ.

ދާދިފަހުން ޕްރިޔަންކާ ވަނީ ގިނަ އަހަރުތަކަކަށްފަހު އޭނާ މަސައްކަތްކުރާނެ ބޮލީވުޑްގެ ފިލްމުވެސް އިއުލާނުކޮށްފަ އެވެ. ޕްރިޔަންކާ ފެނިގެންދާނީ ސަލްމާން ހާންގެ ފިލްމު "ބާރަތް" އިންނެވެ. މި ފިލްމަކީ ސަލްމާން އާއި ޕްރިޔަންކާ ދިހަ އަހަރުފަހުން އެއްކޮށް ފެނިގެންދާނެ ފުރަތަމަ ފިލްމެވެ. "ބާރަތް" ރިލީޒްކުރާނީ އަންނަ އަހަރު ކުޑަ އީދުގަ އެވެ.