ބޮލީވުޑް

"ސެކްރެޑް ގޭމްސް"އަށް ކުރާ އިންތިޒާރު ބޮޑުވެއްޖެ!

ސައިފް އަލީ ހާން، ރަދީކާ އަޕްތީ އަދި ނަވާޒުއްދީން ސިއްދިގީއާއެކު ފެނިގެންދާ ނެޓްފްލިކްސް އޮރިޖިނަލް ސީރީޒް "ސެކްރެޑް ގޭމްސް" ގެ ވާހަކަދެކެވެމުން އަންނަތާއި ދުވަސްކޮޅެއްވެއްޖެ އެވެ. ގިނަ ބަޔަކު މި ސީރީޒްއަށް އިންތިޒާރު ކުރަމުން އަންނަނިކޮށް މިހާރު ނެޓްފްލިކްސް އިން ވަނީ މި ސީރީޒްގެ ފުރަތަމަ ޓީޒާ އާންމުކޮށްފަ އެވެ.

ހިންދީ އަދި އިނގެރޭސި ބަހުން ގެނެސްދޭ މި ސީރީޒްއަކީ 2006 ވަނަ އަހަރު އިންޑިއާގެ ވާހަކަ ލިޔުންތެރިޔާ ވިކްރަމް ޗަންދްރާ ލިޔެފައިވާ ވާހަކައެއްގެ މައްޗަށް ބިނާކޮށް ގެނެސްދޭ އިންޓެންސް ކްރައިމް ތްރިލާ ސީރީޒްއެކެވެ.

މި ސީރީޒްގައި ސައިފް ފެނިގެންދާނީ ފުލުސް އޮފިސަރެއްގެ ރޯލުންނެވެ. ނުރައްކާތެރި މުޖުރިމެއްގެ ރޯލުން ނަވާޒުއްދީން ފެނިގެންދާނެއިރު، ރާދިކާ ފެނިގެންދާނީ ޖާސޫސް ކުރާ މީހެއްގެ ރޯލުންނެވެ. މިނެޓަކަށް ދެމިގެންދާ ޓީޒާގައި މި ތިން މީހުންގެ ކެރެކްޓާގެ ކުޑަ ތައާރަފެއް ލިބެ އެވެ.

އަށް އެޕިސޯޑު ހިމެނޭ މި ސީރީޒް ޑައިރެކްޓުކުރަނީ ކުޅަދާނަ ޑައިރެކްޓަރުން ކަމަށްވާ އާނޫރާގް ކައްޝަޕް އަދި ވިކްރަމްއަދިތްޔާ މުތްވާން އެވެ. އަނޫރާގްއަކީ "ގޭންގްސް އޮފް ވަސޭޕޫރް"، "ބްލެކް ފްރައިޑޭ" އަދި "ރަމަން ރާގަވް 2.0" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދީފައިވާ ޑައިރެކްޓަރެކެވެ.

ވިކްރަމްއަދިތްޔަގެ އެންމެ ފާހަގަކޮށްލެވޭ މަސައްކަތްތަކުގެ ތެރޭގައި ވަރަށް އަވަހަށް ރިލީޒްކުރާނެ ފިލްމު "ބާވޭޝީ ޖޯޝީ ސުޕަހީރޯ" ހިމެނެ އެވެ. މި ފިލްމަކީ އޭނާ ޑައިރެކްޓުކުރި ފުރަތަމަ ކްރައިމް ތްރިލާ ފިލްމެވެ.

"ސެކްރެޑް ގޭމްސް" ގެނެސްދެނީ ނެޓްފްލިކްސްއާއި ފެންޓަމް ފިލްމްސް ގުޅިގެންނެވެ. މި ސީރީޒް ސްޓްރީމް ކުރެވޭނީ އަންނަ ޖުލައި މަހުގެ ހަޔަކުން ފެށިގެންނެވެ.