ދަރިމައިވުމުގައި ތަފާތު މައްސަލަތައް މިހާރު އާންމެވެ. ދަރިން ނުލިބިގެން ބޭސްކުރާ ދިވެހިންގެ އަދަދު ދަނީ ގިނަވަމުންނެވެ. ބައެއް ފަހަރު މިހެންވާން މެދުވެރި ވަނީ އުފެދުމުގައި ހުންނަ ބައްޔެއްގެ ސަބަބުން ނޫނީ ހަށިގަނޑަށް ފަރުވާތެރިވާންޖެހޭ ވަރަށް ނުވެވުމުންނެވެ. ހާއްސަކޮށް ކެއިން ބުއިމުގައިވާ އިހުމާލުވުން ފާހަގަކުރެވެ އެވެ.
ފާސްޓް ފުޑް ނުވަތަ ތައްޔާރީ ކާނީ ލިބޭ ރެސްޓޯރެންޓުތައް ރާއްޖޭގައި މިހާރު އިތުރުވެއްޖެ އެވެ. ތައްޔާރީ ކާނާ ކާ މީހުންގެ އަދަދުވެސް ކަންބޮޑުވާޖެހޭ ދަރަޖައަށް ދަނީ އިތުރުވަމުންނެވެ. ތައްޔާރީ ކާނާ ކެއުމުގައި ވިސްނާލަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. ހާއްސަކޮށް ދަރިން ހޯދުމަށް މަސައްކަތްކުރާ އަންހެނުން މިކަމަށް ހާއްސަ ސަމާލުކަމެއްދޭން އެބަޖެހެ އެވެ.
"ދަ ހިއުމަން ރިޕްރޮޑަކްޝަން" ޖާނަލް އިން ހެދި ފަހުގެ ދިރާސާއަކުން ދައްކާގޮތުގައި މާ ގިނައިން ތައްޔާރީ ކާނާ ކާނަމަ އަންހެނުނަށް ދަރިމައިވުމުގައި ތަފާތު ހުރަސްތަކާއި ކުރިމަތިވެ އެވެ. އެ ޖާނަލް އިން މި ދިރާސާ ތައްޔާރުކުރީ ދަރިން ހޯދުމަށް މަސައްކަތްކުރި ފަސްހާހަށްވުރެ ގިނަ އަންހެނުން ކެއިން ބުއިމުގެ ފައްޓަފާޅިތައް ބަލާއި ދިރާސާތައް ކޮށްގެންނެވެ.
ދިރާސާގައި ބުނާގޮތުން ކޮންމެ ހަފްތާއަކު ހަތަރު ފަހަރަށްވުރެ ގިނައިން ތައްޔާރީ ކާނާ ކާ އަންހެނުން މާބަނޑުވުމަށް މަހަކަށްވުރެ ގިނަ ދުވަސް ހޭދަވި އެވެ. ނަމަވެސް އެއަށްވުރެ މަދުން އަދި އެއްވެސް ވަރަކަށް ނުކާ އަންހެނުން މާބަަނޑުވުމަށް މަހަކަށްވުރެ މަދު ދުވަސް ހޭދަވި އެވެ. ތަޖުރިބާކާރުން ބުނީ ސިއްހަތަށް ފައިދާކުރާ ރަނގަޅު ޑައިޓެއްކުރާނަމަ މާބަނޑުުވުމުގެ ފުރުސަތު އަވަސްކޮށްދޭނެ ކަމަށެެވެ.
މި ދިރާސާ ތައްޔާރުކޮށްފައި ވަނީ އޮސްޓްރޭލިއާ، ނިއުޒިލޭންޑް، އިނގެރޭސިވިލާތް އަދި އައިލޭންޑުގެ އަންހެނުން ބޭނުންކޮށްގެންނެވެ. މިއިން އެއްވެސް އަންހެނަކަށް ދިރާސާ ހެދުމުގެ ކުރިން ކުއްޖެއް ލިބިފައެއް ނުވެ އެވެ. ކޮންމެ އަންހެނަކު ލައްވާއި އެމީހުން މާބަނޑުވުގެ މަހެއް ކުރިން ކައިބޮއި އުޅުނު ތަކެތީ ލިސްޓެއް ތައްޔާރުކުރި އެވެ.
ބަނޑަށް 14 އަދި 16 ހަފްތާވުމުން އެމީހުން ކައިބޮއި އުޅޭ ތަކެތި ނޯޓުކުރުމަށް ފޫޅުމައިން ފޮނުވި އެވެ. މޭވާ އާއި ފެހި ކުލަ ގަދަ ތަރުކާރީއާއި މަސް ކަނީ ކިހާ މިންވަރަކަށްތޯ ބެލި އެވެ. ތައްޔާރީ ކާނާ ކަމަށްވާ ބާގާ، ޕިއްޒާ އަދި ފްރައިޑް ޗިކަންއާއި ޗިޕްސްފަދަ ތަކެތި ކޭ މިންވަރުވެސް ބެލި އެވެ.
އެއްކުރި މައުލޫމާތުން އެނގުނު އެއްޗަކީ މޭވާ ގިނައިން ކޭ މީހުން ބަނޑުބޮޑުވުމަށް އެވްރެޖުގޮތެއްގައި ނެގީ މަހަކަށްވުރެ ކުޑަ ދުވަސްކޮޅެއް ކަމެވެ. މޭވާ މަދުން ކާމީހުން ދަރިމައިވުމުގެ ފުރުސަތު 12 އިންސައްތަ ދަށްއިރު، މޭވާ ކެއުން މަދު އަދި ގިނައިން ތައްޔާރީ ކާނާ ކާ މީހުން ދަރިމައިވުމުގެ ފުރުސަތު 16 އިންސައްތަ ދަށެވެ.
ދިރާސާކުރި ފަރާތުންވަނީ މި ދިރާސާގައި ބަލިކަށިވި ބައެެއްވެސް ހާމަކޮށްފަ އެވެ. އެއީ މި އަންހެނުނަށް ލިބޭ ކުއްދިންގެ ބައްޕަގެ ކެއިން ބުއިމުގެ އުސޫލުތައް ހުންނަ ގޮތް ނުބެލުމެވެ. އެހެން ދިރާސާއަކާއި ހަވާލީ މި ދިރާސާ ތައްޔާރުކުރި ފަރާތުން ބުނީ ކެއިން ބުއިމުގައި ފިރިހެން މިހާ ގެންގުޅޭ އުސޫލަތަކުގެ ސަބަބުންވެސް ދަރިމައިވުމަށް އަސަރުކުރާނެ ކަމަށެވެ.