ވިޔަފާރި

އިސްލާމިކް ބޭންކުން "މާފުރިހަމަ"ކޮށް ކޮން ކަމެއް؟

May 5, 2018
5

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ފޭސްބުކް ޕޭޖު ހުޅުވައިލުމާއެކު ފެނުނީ އެނިމޭޓެއް ވީޑިއޯ އެކެވެ. "#މާފުރިހަމަ" މި ޓެގުގައި ފެންނަ ތަފާތު ވީޑިއޯ ކޮޅެކެވެ. އެއް ވީޑިއޯގައި ޖައްވުގެ ތެރެއަށް ސެޓެލައިޓެއް އުދުއްސާލަނީ އެވެ. އަނެއް ވީޑިއޯގއި ކާރެއް ބާރު ދުވެލީގައި ދުއްވަނީ އެވެ. އެކަމަކު އެއީ ކޮން ކަމެއް ކަމެއް އެމްއައިބީއިން ބުނެފައެއް ނުވެ އެވެ. އެހެންވެ ގިނަ ބަޔަކު އެކަމާ މެދު ސުވާލު އުފައްދަ އެވެ. އަނެއްކާ އިސްލާމިކް ބޭންކުން "މާފުރިހަމަ" ކުރަން އުޅެނީ ކޮން ކަމެއް ހެއްޔެވެ؟

މި ވީޑިއޯ ކޮޅުތަކުގައި މިހާތަނަށް "މި ނައްޓައިލަނީ" އަދި "މި ކައިރި ކުރަނީ" ފަދަ ޓެގްލައިންތައް ޖަހަމުން އެބަދެ އެވެ. އެހެންވެ މިއީ ރައްޔިތުންނާ ކައިރި ކަމެއްގެ ގޮތުގައި ބެލިދާނެ އެވެ. ނޫނީ އަވަސް ފަސޭހަ ހިދުމަތެއް އަންނަނީއޭ ވެސް ބުނެވިދާނެ އެވެ. ހަމަ ގައިމުވެސް އެނގޭ އެއް ކަމަކީ ބޭންކުގެ ހިދުމަތްތަަކުގެ ފެންވަރު ހަލުވި ދުވެލީގައި ރަނގަޅު ކުރަމުންދާ ކަމެކެވެ.

އެމްއައިބީ އިން ވަނީ މި ރޯދަ މަހަށް ހާއްސަކޮށް މީގެ ކުރިން ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށާފަ އެވެ. މި ޕްރޮމޯޝަނުގެ ދަށުން، 250،000ރ. އާ ހަމަ އަށް ގޭތެރެއަށް ބޭނުންވާ ސާމާނު ފަސޭހަކަމާއެކު ނަގައި ލެވޭނެ އެވެ. ކުރިން ނެގެނީ 100،000ރ. ގެ މުދަލެވެ. ނަމަވެސް މި އަހަރު ވަނީ ނެގޭ މުދަލުގެ އަދަދު ދެ ގުނަ މަތިކޮށްފަ އެވެ. މި ޕްރޮމޯޝަންގެ ދަށުން ނަގާ މުދަލަށް ފައިސާ ދައްކަން ތިން އަހަރު ލިބޭނެ އެވެ.

އެމްއައިބީ އިން ވަރުގަދަ ޕްރޮމޯޝަނެއް ކުރިއަށް ދަނިކޮށް އަލަށް "މާފުރިހަމަ" ކޮށް ފަށަން އުޅޭ ކަމެއް އަދި ނޭނގެ އެވެ. އެކަން އެނގޭނީ ތަންކޮޅެއް ފަހުންނެވެ.