ކުޅިވަރު

ފައިނަލު މެޗަށްވެސް ސިމިއޯނޭ ސަސަޕެންޑް

ޔޫރޮޕާ ލީގް ސެމީ ފައިނަލު ފުރަތަމަ ލެގް މެޗުގައި، ރެފްރީގެ ނިންމުންތަކާ މެދު ހިތްހަމަ ނުޖެހުން ފަޅު ކުރި އެތުލެޓިކޯ މެޑްރިޑްގެ ކޯޗް ޑިއޭގޯ ސިމިއޯނޭ ހަތަރު މެޗަށް ސަސްޕެންޑް ކުރުމަށް ޔޫއެފްއިން ނިންމައިފި އެވެ.

އެހެންވެ މި މަހު 16 ވަނަ ދުވަހު، ކުޅުމަށް ހަމަޖެހިފައިވާ ޔޫރޮޕާ ލީގްގެ ފައިނަލު މެޗުގައި ވެސް ޓީމަށް އިރުޝާދު ދޭން ސިމިއޯނޭ އަށް ބެންޗުގައި ނުހުރެވޭނެ އެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު ސެމީ ފައިނަލުގެ ދެ ވަނަ ލެގް މެޗުގައި ވެސް ސަސްޕެންޝަންގެ ސަބަބުން، ސިމިއޯނޭ އަށް ބޭންޗުގައި ނުހުރެވުނެވެ.

އޭނާ ހުރީ އެތުލެޓިިކޯގެ ސްޓޭޑިއަމް ވަންޑާ މެޓްރޯޕޮލިޓާނޯގެ ސްޓޭންޑް (ބެލްކަނީ) ގައެވެ. އެ ތަނުގައި ހުރެގެންވެސް އޭނާ ވަނީ ޓީމުގެ ކުޅުންތެރިންނަށް އިޝާރާތްކޮށް އިރުޝާދު ދީފަ އެވެ. އާސެނެލް ކޮޅަށް ޑިއޭގޯ ކޮސްޓާ ލަނޑު ޖެހުމުން ސިމިއޯނޭ ވަނީ ވަރަށް ބޮޑަށް އުފާ ފާޅު ކޮށްފަ އެވެ.

ސިމިއޯނޭ އަށް އެޅި ސަސްޕެންޝަންގެ އަދަބު ނިމޭނީ އަންނަ ސީޒަންގައި ފުރަތަމަ ތިން މެޗުންނެވެ. އެތުލެޓިކޯ ޔޫރޮޕާ ލީގް ކާމިޔާބު ކޮށްފިނަމަ ޔޫއެފްއާ ސްޕަ ކަޕުގައި ވެސް ސިމިއޯނޭ އަށް ބެންޗުގައި ނުހުރެވޭނެ އެވެ.

ސިމިއޯނޭ އަށް ކުރިމަތި ކުރި ސަސްޕެންޑްގެ އިތުރުން 10000 ޔޫރޯއިން އޭނާ ޖޫރިމަނާ ކުރުމަށްވެސް ޔޫއެފްއާއިން ވަނީ ނިންމާފަ އެވެ. ޔޫއެފްއާއިން ވަނީ އެތުލެޓިކޯވެސް 10000 ޔޫރޯއިން ޖޫރިމަނާ ކޮށްފަ އެވެ.