ބޮލީވުޑް

މާދުރީ އަދިވެސް ޒުވާންކަން މަތީ؟!

މާދުރީ ޑިކްޝީޓްގެ ފުރަތަމަ މަރާޓީ ފިލްމު "ބަކެޓް ލިސްޓް" ޓްރެއިލާ އިއްޔެ ރިލީޒް ކުރީއްސުރެ އެންމެ ގަދައަށް މިހާރު ދެކެވެމުން އަންނަނީ އެ ވާހަކަ އެވެ. މާދުރީގެ އުމުރު މައްޗަށް ދާއިރު ވެސް އޭނާ އަންނަނީ ދުވަހެއް ދުވަހަކަށް ޒުވާންވަމުން ކަމަށް ފޭނުން ބުނެ އެވެ.

މި ފިލްމުގައި މާދުރީ ކުޅެނީ ގޭގައި އިންނަ އަންބެއްގެ ރޯލެވެ. ފިލްމުގެ ވާހަކަ ބިނާވެފައި އޮންނަނީ މާދުރީގެ ހިތް ފެއިލްވުމުން، ޓްރާންސްޕްލާންޓް ކުރުމަށް އޭނާއަށް ހިތެއް ހަދިޔާ ކުރާ ސައީ ކިޔާ އަންހެން ކުއްޖެއް ހާސިލު ކުރަން ބޭނުންވި ހުވަފެންތަކެއް ނުވަތަ "ބަކެޓް ލިސްޓެއް"ގެ މައްޗަށެވެ.

އެ ކުއްޖާ ބަކެޓް ލިސްޓުގައި ލިޔެފައި ހުރި ހުރިހާ ކަމެއް ހާސިލްކޮށް ދިނުމަށް މާދުރީ މަސައްކަތްކުރެ އެވެ. ޓްރެއިލާއިން ފެންނަ މަންޒަރުތަކުން ހާމަވާ އެކައްޗަކީ މިއީ މާދުރީ މިހާތަނަށް ފެނިގެންދާނެ އެންމެ ތަފާތު އެއް ރޯލެވެ. ފަނޑުވުމެއް ނެތް އޭނާގެ ޒުވާންކަމާއި ރީތިކަން ވެސް ފެނިގެންދެ އެވެ. ފިލްމުގައި ހާއްސަ ފެނިލުމަކުން ރަންބީރް ކަޕޫރްވެސް ފެނިގެންދާނެ އެވެ.

"ބަކެޓް ލިސްޓް" ގެ ޓްރެއިލާ.

ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަނުން ޕްރޮޑިއުސްކުރާ މި ފިލްމު ޑައިރެކްޓް ކުރަނީ ތީޖަސް ޕްރައްބާ ވިޖޭ ދިއޯސްކަރް އެވެ. މަރާޓީ އަދި އިނގެރޭސި ބަހުން ގެނެސްދޭ މި ފިލްމު ސިނަމާތަކުގައި ދައްކަން ފަށާނީ މި މަހު 25 ގަ އެވެ.

މާދުރީ މިހާރު ވަނީ ކަރަން ޖޯހަރުގެ ޑްރީމް ޕްރޮޖެކްޓް، ފިލްމު "ކަލަންކް" ކުޅުމަށްވެސް އެއްބަސްވެފަ އެވެ. އެ ފިލްމުގައި މާދުރީއާއެކު، ސަންޖޭ ދަތް، އަނިލް ކަޕޫރް، އާލިއާ ބަޓް، ވަރުން ދާވަން އަދި ސޮނާކްޝީ ސިންހާއާއި މަޝްހޫރު އިތުރު ތަރިންތަކެއް ފެނިގެންދާނެ އެވެ.