ކުޅިވަރު

ފިރިހެން ޓީމު ބްރޯންޒް މެޑަލް ހޯދައިފި

އަވަށްޓެރި ޝްރީލަންކާގައި މިހާރު ކުރިއަށްދާ ދެކުނު އޭޝިއާގެ ޖޫނިއާ ޗެމްޕިއަންޝިޕްގެ ހަތަރެއް ގުނަ 100 މީޓަރު އިވެންޓުން ރާއްޖޭގެ ފިރިހެން ޓީމު ބްރޯންޒް މެޑަލް ހޯދައިފި އެވެ.

ހަތަރެއް ގުނަ 100 މީޓަރު އިވެންޓްގައި ވާދަ ކުރި ދިވެހި ޓީމުގައި ހިމެނެނީ މުހައްމަދު ނާއިލް، އިބްރާހިމް އަޝްފާން އަލީ، އަހްމަދު އަލީގެ އިތުރުން އިބާދުﷲ އެވެ. ފައިނަލުގައި ރާއްޖޭގެ އިތުރުން އިންޑީއާ، ޕާކިސްތާން އަދި ޝްރީލަންކާއިން ވާދަ ކުރި އެވެ.

ދިވެހި ޓީމުން ރޭސް ނިންމީ 44.68 ސިކުންތުންނެވެ. އެއް ވަނަ ހޯދި އިންޑިއާ ޓިމުން ރޭސް ނިންމީ 42.85 ސިކުންތުންނެވެ. ދެ ވަނަ ހޯދީ ޕާކިސްތާނުންނެވެ. އެ ޓީމުން ރޭސް ނިންމީ 43.03 ސިކުންތުންނެވެ. ޝްރީލަންކާއިން ރޭސް ފަށައިގެން ކުރީގައި އޮތް ނަމަވެސް ތިން ވަނަ ބެޓަން އަނެއް ދުވުންތެރިޔާ އަތަށް ހަވާލު ކުރުމުގައި ދުވެފައި އައި ކުޅުންތެރިޔާގެ ބޫޓުން އެހެން ދުވުންތެރިޔެއްގެ ފައިގައި ޖެހުމުން ޝްރީ ލަންކާ ޑިސްކޮލިފައިވީ އެވެ.

މިއަދު 400 މީޓަރު އިވެންޓްގައި ދުވެ ދެ ވަނަ ހޯދައި ރާއްޖޭގެ ނާއިލް ފައިނަލަށް ދަތުރު ކޮށްފަ އެވެ. ދެ ވަނަ ހީޓްގެ ދެ ވަނައިގައި ނާއިލް ރޭސް ނިންމީ 49.62 ސިކުންތުންނެވެ. އެ ހީޓްގެ އެއް ވަނަ ހޯދީ ލަންކާގެ އަރުނާ ދަރުޝަނާ އެވެ. އޭނާ ރޭސް ނިންމީ 48.1 ސިކުންތުންނެވެ. އެ ހީޓްގެ ތިން ވަނަ ހޯދީ 50.23 ސިކުންތުން ރޭސް ނިންމި ބަންގުލަދޭޝްގެ މުހައްމަދު ޖާހިރު ރައިހާން އެވެ.

ހީޓް އެކެއްގައި ދުވެ ރާއްޖޭގެ ޒުވާން އެތުލީޓް އަހްމަދު އަލީއަށް ރޭސް ނިންމުނީ 55.01 ސިކުންތުންނެވެ. އޭނާ ދިޔައީ އެ ހީޓްގެ ފަސް ވަނަ އަށެވެ. އެ ހީޓްގެ އެއް ވަނަ ހޯދީ ލަންކާގެ ޕީއެމްޕީއެލް ކޮޑިކަރާ އެވެ. އޭނާ ރޭސް ނިންމީ 47.33 ސިކުންތުންނެވެ. ދެ ވަނަ އަށް ދިޔައީވެސް ލަންކާގެ ދުވުންތެރިޔެކެވެ. ލަންކާގެ ޕަބަޝަރާ ނިކޫ ރޭސް ނިންމީ 47.74 ސިކުންތުންނެވެ. ތިން ވަނަ ހޯދި އިންޑީއާގެ ނިހާލް ޖޮއެލް ވިލިއަމް ރޭސް ނިންމީ 48.85 ސިކުންތުންނެވެ.

ހަތަރުސްތޭކަ މީޓަރު ފައިނަލުގެ ތިން މެޑަލްވެސް ގެންދިޔައީ ލަންކާގެ ދުވުންތެރިންނެވެ. ވާދަ ކުރި ހަތް ދުވުންތެރިންގެ ތެރެއިން ނާއިލް އަށް ލިބުނީ ފަސް ވަނަ އެވެ. އޭނާ ރޭސް ނިންމީ 48.67 ސިކުންތުންނެވެ.