ކުޅިވަރު

މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލު ފޯކައިދޫ އާއި ތިމަރަފުށި

މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލަށް ށ. ފޯކައިދޫ އާއި 2016 ވަނަ އަހަރުވެސް ފައިނަލުގައި ކުޅުނު ތ. ތިމަރަފުށީ ދަތުރު ކޮށްފި އެވެ.

މި ދެ ޓީމު ބައްދަލު ކުރާ ފައިނަލު މެޗު އޮންނާނީ މި އަންނަ ބުރާސްފަތި ދުވަހުގެ ރޭ މާލޭގަ އެވެ.

ފައިނަލު ބުރުގެ ގުރޫޕް އެކެއްގެ އެއް ވަނަ ހޯދި ފޯކައިދޫ ސެމީ ފައިނަލުގައި ބައްދަލު ކުރީ ގުރޫޕް ދޭ އެ ރަށެއްގައި ކުޅުނު ފ. ނިލަންދޫއާ ދެކޮޅަށެވެ. ގުރޫޕް ދޭއްގެ ދެ ވަނަ ނިލަންދޫއަށް ލިބުމުން އެ ޓީމު ޖެހުނީ މެޗު ކުޅެން ފޯކައިދޫއަށް ދާށެވެ.

ފޯކައިދޫގައި މިއަދު ހަވީރު ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-0 ން ނެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު 64 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ފާރިޝް އިބްރާހިމް އެވެ. ދެ ވަނަ ލަނޑު މެޗުގެ އެންމެ ފަހު ވަގުތުގައި ކާމިޔާބު ކުރީ ހުސައިން ނިޝާން އެވެ.

ގުރޫޕް ދޭއް ގެ އެއް ވަނަ ހޯދި ތިމަރަފުށި ވާދަ ކުރީ ގުރޫޕް އެކެއްގެ ދެ ވަނަ ހޯދި ބ. ފެހެންދޫ އާ ދެކޮޅަށެވެ. ގުރޫޕްގެ ދެ ވަނަ ލިބުމުން ދަތުރު ކުރަން ޖެހުނީ ފެހެންދޫ އަށެވެ.

ނިލަންދޫގެ ދަނޑުގައި ކުޅުނު މެޗުގައި، ތިމަރަފުށި ކާމިޔާބު ކުރީ 2-1 ން ނެވެ.

މެޗުގައި ފުރަތަމަ ލީޑް ނެގީވެސް ތިމަރަފުށިންނެވެ. އެ ޓީމުގެ ލަނޑު 15 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އަހްމަދު ތޯހިރު އެވެ. ކުރީގެ އެއް ވަނަ ޑިފެންޑަރު އިސްމާއީލް އަނިލް ކޯޗު ކޮށްދޭ، ފެހެންދޫއިން ވަނީ ތިމަރަފުށިން ލީޑް ނެގިތާ ދެ މިނެޓް ތެރޭ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ފެހެންދޫގެ ލަނޑު ކާމިޔާބު ކުރި އާދަމް ނަސީމެވެ.

ތިމަރަފުށި ފައިނަލަށް ގެންގޮސްދިން ލަނޑު ކާމިޔާބު ކުރީ ކޯއަސީ ޖިން ފްރެންކޮއިސް އެވެ. އޭނާ ލަނޑު ޖެހީ މެޗުގެ 92 ވަނަ މިނެޓްގަ އެވެ.