ހަބަރު

އެމްޑީޕީގެ ޕްރައިމެރީއަށް ފަސް މެންބަރުންގެ ކޮމިޓީއެއް

އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީ އިން އަންނަ ރިޔާސީ އިންތިހާބުގައި ނެރޭނެ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ ރިޔާސީ ޕްރައިމެރީގެ ކަންކަން އިންތިޒާމް ކުރުމުގެ ގޮތުން ފަސް މެންބަރުންގެ ކޮމިޓީއެއް އެކުލަވާލައިފި އެވެ.

އެމްޑީޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން ރިޔާސީ ޕްރައިމެރީގެ ކަންކަން ހަމަޖެއްސުމުގެ ގޮތުން އެ ޕާޓީގެ ގައުމީ މަޖިލީހުން ފަސް މެންބަރުންގެ ކޮމީޓީއެއް އެކުލަވާލަން ޖެހެ އެވެ. އެކަމާ ގުޅޭ ގޮތުން "ރާއްޖެ ޓީވީ"އަށް މައުލޫމާތު ދެއްވަމުން އެ ޕާޓީގެ ޗެއާ ޕާސަން ހަސަން ލަތީފް ވިދާޅުވީ އެމްޑީީގެ ގައުމީ މަޖިލީހުން އެ ފަސް މެންބަރުން ކޮމިޓީއަށް މެންބަރުން ކަނޑައަޅާފައިވާ ކަމަށެވެ.

އެ ކޮމިޓީގައި ހިމެނެނީ ހަސަން ލަތީފް އާއި ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް އާއި ޒުވާނުންގެ ގޮފީގެ ރައީސް މީކާއިލް ނަސީމް އާއި މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު އަދި އިންތިޚާބާ ބެހޭ ކޮމެޓީގެ މުގައްރިރު މުހައްމަދު އިބްރާހިމް މަނިކު ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅުއްވި ގަރާރަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ފަހު އެ ޕާޓީ އިން މި ހަފްތާގެ ތެރޭގައި ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެމްޑީޕީގެ ޕްރައިމެރީއަށް ކުރިމަތިލުމުގެ ފުރުސަތު މި މަހު 15 ގައި ހުޅުވާލާނެ ކަމަށެވެ. އަދި މި މަހުގެ 30 ވަނަ ދުވަހު ޕްރައިމެރީ ބޭއްވުމަށް ވެސް އެ ޕާޓީ އިން ނިންމެވި އެވެ.