ހަބަރު

ފަތާ ޓްރެކް ބަންދުކޮށް ފުން ކުރަން ފަށައިފި

މާލޭގެ އެންމެ ގިނަ އެއްބަޔަކު މޫދައް އެރޭ އެއް ސަރަހައްދު ކަމަށްވާ ފަތާ ޓްރެކަށް އެރުން މަނާކޮށް އެތަން ފުން ކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީ އިން ފަށައިފި އެވެ.

ފަތާ ޓްރެކް ފުން ކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީ އިން ކުރަން ފެށީ އެތަނަށް ވެލި އަރައި އެ ސަރަހައްދު ވަރަށް ބޮޑަށް ތިލަވާތީވެ އާންމުންގެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ. އަދި އެ މައްސަލަ ޔޫތް މިނިސްޓްރީ އިން ހައުސިން މިނިސްޓްރީގެ ސަމާލު ކަމަށް ގެނައުމާ ގުޅިގެން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ތަން ފުން ކުރާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

އެގޮތުން މިއަދު ހަވީރުގެ ވަގުތެއްގައި އެސްކަވޭޓަރު އެތަނުގައި ބާއްވައިގެން ވެލި ނެގުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އަދި އެ މަސައްކަތް ކުރިޔަށް ދާއިރު މޫދު ލޮނުގަނޑު ކިލަނބުވެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ސިއްހީ ގޮތުން ގެއްލުމެއް ލިބިދާނެތީ އެސަރަހައްދަން މޫދަށް އެރި އުޅެން ވަނީ މަނާކޮށްފަ އެވެ.

އެ މަސައްކަތް ނިންމާނީ ކިހާ ދުވަހެއްގެ ތެރޭގައި ކަމެއް ހައުސިން މިނިސްޓްރީ އިން ނުބުނެ އެވެ. ނަމަވެސް އަލުން ހުޅުވާލަން ނިންމާފައި ވަނީ ފުން ކުރުމުގެ މަސައްކަތް ނިންމާ ލޮނުގަނޑު އެއްކޮށް ސާފުވުމަށް ފަހުގަ އެވެ.