ހޮލީވުޑް

11 ދުވަސްތެރޭގައި އެވެންޖާސްއަށް 1 ބިލިއަން

މިއީ މިހާތަނަށް ދުނިޔޭގައި ފިލްމަކަށް މިހާ ބޮޑު ރެކޯޑެއް މުގުރާލެވުނު ފުރަތަމަ ފަހަރެވެ. މިހާތަނަށް އެއް ބިލިއަން ލިބިފައި ހުރި ފިލްމުތަކުގެ ތެރެއިން ގިނަ ފިލްމުތަކަށް މި ވަރުގެ އާމްދަނީއެއް ލިބިފައި ވަނީ ގާތްގަނޑަކަށް މަހެއްހާ ދުވަސް ތެރޭގަ އެވެ. މި ރެކޯޑާއި އެންމެ ގާތުން ވާދަކުރަނީ ޑިޒްނީގެ "ސްޓާ ވޯޒް: ދަ ފޯސް އަވޭކެންސް" އެވެ. އެ ފިލްމަަށް އެއް ބިލިއަން ލިބުނީ 12 ދުވަސް ތެރޭގަ އެވެ.

"އެވެންޖާސް: އިންފިނިޓީ ވޯ" އަށް އުތުރު އެމެރިކާއިން މިހާތަނަށް 369 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި ދައްކައިގެންނެވެ. އެގޮތުން އެކި ގައުމުތަކުގައި ދައްކައިގެން 974 މިލިއަން ޑޮލަރު ލިބިފަައިވެ އެވެ. މި ފިލްމަކީ މިހާތަނަށް އެއް ބިލިއަން ލިބުނު 34 ވަނަ ފިލްމެވެ.

މާވެލް ސްޓޫޑިއޯސް އިން ގެނެސްދިން މި ފިލްމަކީ މިހާތަނަށް އެންމެ ބޮޑު އޯޕެނިންގެއްވެސް ލިބުނު ފިލްމެވެ. އޯޕެނިންގައި މި ފިލްމަށް 250 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. މީގެ ކުރިން މި ރެކޯޑު އޮތީ "ސްޓާ ވޯޒް: ދަ ފޯސް އެވޭކެންސް" އަތުގަ އެވެ. އެއީ 2015 ވަނަ އަހަރު 248 މިލިއަން ޑޮލަރުގެ އާމްދަނީއަކާއެކު އެވެ.

އިންފިނިޓީ ވޯ ތައްޔާރުކޮށްފައި ވަނީ 300 މިލިއަން ޑޮލަރާއި 400 މިލިއަން ޑޮލަރާއި ދެމެދުގެ ބަޖެޓަކުންނެވެ. މި ފިލްމު ސީރީޒްގެ ފުރަތަމަ ފިލްމަށް ބޮކްސް އޮފީހުގެ ޖުމްލަ އާމްދަނީގެ ގޮތުގައި 623 މިލިއަން ޑޮލަރު ލިބުނުއިރު، ދެ ވަނަ ފިލްމަށް ލިބުނީ 459 މިިލިއަން ޑޮލަރެވެ. އެނަލިސްޓުން ލަފާކުރާ ގޮތުގައި މި ފިލްމަށް ލިބޭނެ ޖުމްލަ އާމްދަނީ އުޅޭނީ މި ފިލްމު ސީރީޒްގެ ކުރީގެ ފިލްމުތަކާއި އަޅާ ނުކިޔޭހައި މަތީގަ އެވެ.

"އެވެންޖާސް: އިންފިނިޓީ ވޯ" އަކީ މާވެލްގެ ފުރަތަމަ ފިލްމު ނިކުތްތާ 10 އަހަރު ފަހުން، އެ 10 އަހަރު ތެރޭގައި މާވެލް ސިނެމަޓިކް ޔުނިވާސް އިން ފައްކާކުރި މާވެލްގެ ހުރިހާ ސުޕަހީރޯތަކެއް ބޭނުން ކޮށްގެން ގެނެސްދިން ފިލްމެކެވެ. މި ފިލްމަކީ މާވެލްގެ ފުރަތަމަ ފިލްމު "އަޔަން މޭން" ނިކުތް ހިސާބުން ފެށިގެން ވެސް ޕްލޭން ކުރެވެމުން އައިސްފައިވާ ފިލްމެކެވެ. މިއީ އެ ސްޓޫޑިއޯ އިން މިހާތަށް ގެނެސްދިން އެންމެ ބޮޑު ފިލްމެވެ.

"އެވެންޖާސް: އިންފިނިޓީ ވޯ"ގެ ޓްރެއިލާ.

ޖޯއީ އަދި އެންތޮނީ ރުއްސޯ ޑައިރެކްޓުކުރި މި ފިލްމުގެ ސްކްރިޕްޓު ތައްޔާރުކުރީ ކްރިސްޓޮފާ މާކަސް އަދި ސްޓީފެން މެކްފްލީ އެވެ. "އިންފިނިޓީ ވޯ" ފެށެނީ "ކެޕްޓެން އެމެރިކާ: ސިވިލް ވޯ" ކުރިއަށްދިޔަތާއި ދެ އަހަރު ފަހުންނެވެ. މި ފިލްމުގައި އެވެންޖާސްގެ ހުރިހާ ސުޕަހީރޯތަކެއް އެ އެންމެންގެ ދުޝްމަނު ތޭނޯސް (ޖޯޝް ބްރޯލިން) އާއި ދެކޮޅަށް ހަނގުރާމަކުރެ އެވެ.

މި ފިލްމުގައި ފެނިގެންދާ މާވެލް ސިިނަމެޓިކް ޔުނިވާސްގެ ސުޕަހީރޯ ކެރެކްޓާސްތަކުގެ ތެރޭގައި ސްޕައިޑާ މޭން، ތޯރް، ހަލްކް، އަޔަން މޭން، ކެޕްޓަން އެމެރިކާ، ބްލެކް ޕެންތާ، ބްލެކް ވިޑޯ، ބަކީ އަދި އޮކޮއޭ އާއި އިތުރު ކެރެކްޓާސްތައް ހިމެނެ އެވެ.

މި ކެރެކްޓާސްތަކުގެ ރޯލުންވެސް ފެނިގެންދަނީ ހަމަ މާވެލްގެ ފިލްމުތަކުގައި އެ ކެރެކްޓާސް ކުޅެފައިވާ އެކްޓަރުންނެވެ. އޭގެ ތެރޭގައި ކްރިސް އީވާން، ކްރިސް ޕްރެޓް، ޗެޑްވިކް ބޯސްމަން، ސްކާލެޓް ޖޮނަސަން، ކްރިސް ހެމްސްވޯތް އަދި ޓޮމް ހޮލެންޑާއި އިތުރު ތަރިންވެސް ހިމެނެ އެވެ.