ފިލްމު އުފެއްދުންތެރިޔާ ކަރަން ޖޯހަރްއަކީ ގިނަ މަސައްކަތްތަކެއް އެއްފަހަރާ ކުރަން ކެރޭ ކުޅަދާނަ އުފެއްދުންތެރިއެކެވެ. ޝޯތައް ހޮސްޓް ކުރުމާއި، ފިލްމު ޕްރޮޑިއުސްކުރުމާއި ޑައިރެކްޓު ކުރުމާއެކު ފިލްމީ ދާއިރާގައި އޭނާގެ ނެތް ހުނަރެއް ނެތެވެ.
މި ހުރިހާކަމެއް ކުރަމުން ކަރަން ވަނީ ފިލްމުތަކުގައި އެކްޓްވެސް ކޮށްފަ އެވެ. އޭނާ އެންމެ ފުރަތަމަ ފިލްމަކުން ފެނުނީ 2015 ގައި އަނޫރާގް ކަޝްޔަޕްގެ "ބޮންބޭ ވެލްވެޓް" އިންނެވެ. ކަރަން ގަބޫލު ކުރަނީ އެ ފިލްމަކީ ވެސް ފްލޮޕެއް ކަމަށެވެ.
އެންމެ ފަހުން ކަރަން ފިލްމަކުން ފެނިގެންދިޔައީ "ވެލްކަމް ޓު ނިއު ޔޯކް" އިންނެވެ. ސޮނާކްޝީ ސިންހާ އަދި ދިލްޖީތް ދޮސާނީ ފެނިގެންދިޔަ އެ ފިލްމުވެސް އެހާ ކާމިޔާބު ފިލްމަކަށް ނުވި އެވެ.
ކަރަން ޕްރޮޑިއުސްކުރާ މަރާޓީ ފިލްމު "ބަކެޓް ލިސްޓް" ގެ ޓްރެއިލާ ލޯންޗު ކުރުމަށް އިއްޔެ ބޭއްވި ހަފްލާގައި ވާހަކަ ދައްކަމުން ކަރަން ބުނީ ފިލްމުތަކުގައި އެކްޓުކުރަން އޭނާ މިހާރު ބޭނުންނުވާ ކަމަށާއި އޭނާ އެކްޓުކުރާ ފިލްމުތަށް ވަނީ ފްލޮޕަކަށް ކަމަށެވެ. އޭނާ މިހެން ބުނީ މަރާޓީ ފިލްމެއްގައި އެކްޓުކޮށްފާނަންތޯ ނޫސްވެރިޔަކު ސުވާލު ކުރުމުންނެވެ.
"އަހަރެންނަކީ ބޮޑު ފްލޮޕް އެކްޓަރެއް. އަހަރެން ކުޅުނު އެއްވެސް ފިލްމެއް ކާމިޔާބެއް ނުވި. 'ބޮންބޭ ވެލްވެޓް' އަދި 'ވެލްކަމް ޓު ނިއު ޔޯކް' ވެސް ނާކާމިޔާބުވީ. އެއްވެސް މީހަކު އަހަރެން ފިލްމަކަށް އެކްޓުކުރަން ނަގައިގެން ކަމިޔާބެއް ނުވާނެ." ކަރަން ބުންޏެވެ. ނަމަވެސް ފިލްމުތަކުގެ ހާއްސަ ފެނިލުމަކުން ފެންނަން މައްސަލައެއް ނެތްކަމަށް އޭނާ ބުންޏެވެ.
މާދުރީ ޑިކްޝިޓް ފެނިގެންދާ ކަރަންގެ މަރާޓީ ފިލްމު "ބަކެޓް ލިސްޓް" މި މަހު 25 ގައި ރިލީޒްކުރާނެ އެވެ. ކަރަން މިހާރު ވަނީ އޭނާގެ ޑްރީމް ޕްރޮޖެކްޓް "ކަލަންކް" ގެ މަސައްކަތްވެސް ފަށާފަ އެވެ. އެ ފިލްމުގައިވެސް މާދުރީ ފެނިގެންދާނެ އެވެ.