ވިޔަފާރި

ބީއެމްއެލް "ވައު ކިޑްޒް" ދުވުމުން ވަރަށް ކާމިޔާބު

May 6, 2018

ބޭންކް އޮފް މޯލްޑިވްސް އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އާ ގުޅިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ "ބީއެމްއެލް ވައު ކިޑްޒް ރަން" ގެ މިއަހަރުގެ ދުވުން ވަރަށް ކާމިޔާބު ކަމަށް ބުނެފި އެވެ.

ބީއެމްއެލް އިން ބުނީ ތިން އުމުރުފުރާ އަކުން 900 ކުދިންނާއި އެކުދިންގެ ބެލެނިވެރިންނާއެކު ޖުމްލަ 1800 ބައިވެރިން ބައިވެރިވި މި އަހަރުގެ ދުވުން ބޭއްވި އިއްޔެ ކަމަށެވެ. މި އަހަރުގެ ދުވުމުގައި ތިން އަހަރާއި ފަސް އަހަރާއި ދެމެދުގެ ކުދިންގެ ދުވުން ފެށީ ބޭންކް އޮފް މޯލްޑިވްސް މަޖީދީމަގު ބްރާންޗް ކުރިމަތިންނެވެ. ފަސް އަހަރާއި ހަތް އަހަރާއި އަދި ހަތް އަހަރާއި ނުވަ އަހަރާ ދެމެދުގެ ކުދިންގެ ދުވުން ފެށީ މަޖީދީ މަގު އާޓިފިޝަލް ބީޗު ކުރިމަތިންނެވެ.

ދުވުމުގައި ބައިވެރި ކުދިންނަށް މެޑަލް ހަވާލުކުރުން އޮތީ ކޮންމެ ކުއްޖަކު ވެސް ދުވުން ނިންމި ވަގުތު ސޯޝަލް ސެންޓަރު ކުރިމަތިންނެވެ. ކުދިންނަށް މެޑަލް ހަވާލުކޮށްދެއްވީ ބޭންކް އޮފް މޯލްޑިވްސްއާއި ޓީއެފްޖީގެ އިސްވެރިންނެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފްކުރި ފަންޑް ރެއިޒިން ޕްލެޓްފޯމް މެދުވެރިކޮން ދުވުމުގައި ބައިވެރިވި ކުދިން ހޯދި ފައިސާ، މި ދުވުން ނިންމުމުގެ ރަސްމިއްޔާތުގައި އެކުދިން ވަނީ ކެއަރ ސޮސައިޓީ އާއި ހަވާލުކޮށްފަ އެވެ.

މި ފައިސާ ކެއާ ސޮސައިޓީ އާއި ހަވާލުކޮށްދެއްވީ ދުވުމުގައި ބައިވެރިވި ކުދިންނާއި ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީއެވެ. މި ފައިސާގެ އިތުރުން ދުވުމުގައި ބައިވެރިވުމަށް ޓީއެފްޖީގައި ރަޖިސްޓްރީ ކުރި ކުދިންގެ ރެޖިސްޓްރޭޝަން ފީގެ 15 އިންސައްތަ ގެ ގޮތުގައި ލިބުނު 30،150 ރުފިޔާ ވެސް ޓީއެފްޖީ އިން ވަނީ ކެއާ ސޮސައިޓީ އަށް ހަދިޔާކޮށްފަ އެވެ.