ހަބަރު

ފްލެޓް ފޯމް ދޫކުރުން މެންދުރުފަހު 2 ގައި

May 6, 2018
2

ބޯހިޔާވެހިކަމުގެ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 7000 ފްލެޓަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމް ދޫކުރުން މިއަދު މެންދުރުފަހު 2:00ގައި ފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފްލެޓް ފޯމް ދޫކުރަން ފަށާނީ މިއަދު މެންދުރުފަހު 2:00 ގައި ކަމަށެވެ. ފޯމް ދަރުބާޜުގެއިންނާއި އޮންލައިން ކޮށްވެސް ލިބެން ހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ފްލެޓަށް ފޯމް ދޫކުރުމުގެ މަސައްކަތް މީގެ ކުރިން ކުރިޔަށް ދިޔައީ 15،000 އަކަށް މީހުން ހައުސިން މިނިސްޓްރީ ކުރިމަތީ ކިއޫ ހަދާލައިގެން ކިއޫ ތަރުތީބުންނެވެ. ނަމަވެސް ލުއި ފަސޭހަ ގޮތަކަށް އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި ހައުސިން މިނިސްޓްރީ އިން ވަނީ ވަކި ތަރުތީބެއް ނޯންނަ ގޮތަަށް ދަރުބާރުގެއިން ފޯމު ދުކުރާ ގޮތަށް ހަމަޖައްސާފަ އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ހައުސިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މިފަހަރު ފޯމުތައް ކުރީބައިގައި ނެގުމަށް ފަހު އަވަހަށް ހުށަނޭޅޭނެ ކަމަށާއި ފޯމު ބަލައިގަތުން އޮންނާނެ ތާރީހެއް ފަހުން އިއުލާން ކުރެވޭނެ ކަމަށެވެ.

"އެހެން ފަހަރުތަކާ ހިލާފަށް މިފަހަރު މިނިސްޓްރީ އިން ރާވާފައި މިވަނީ ރައްޔިތުންނަށް ވަރަށް ފަސޭހަވާނެ ގޮތަކަށް، އެކްސްޕޯއެއް ހެން ދަރުބާރުގޭގައި ކުރިޔަށް ދާނީ ވަކި އަަވަސް އަރުވާލައިގެން ފޯމް ނަގަން ޖެހޭ ސަބަބެއް ނެތް، ފޯމްތައް ލިބޭނެ އަދި އެއާއެކު މައުލޫމާތު ދިނުމަށް މިނިސްޓްރީގެ މުއައްޒިފުން ވެސް ހަރަކާތްތެރިވާނެ،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފޯމުތައް ބަލައިގަތުމަށް ދަރުބާރުގެއަށް އަންނަ އިރު އައިޑީ ކާޑެއް ނުވަތަ އެފަދަ އެހެން އެއްޗެއް ވެސް ބޭނުމެއް ނުވާނެ ކަމަށެވެ. އޭގެ އިތުރުން އަންނަ ކޮންމެ މީހަކަށް ބޭނުން އަދަދަކަށް ފޯމު ލިބެން ހުންނާނެ ކަމަށާއި އޮންލަައިންކޮށް ވެސް ފޯމްތައް ޑައުންލޯޑު ކުރެވޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ފްލެޓު ދޫކުރާ ކެޓަގަރީތައް

ސިވިލް ސާވަންޓުން - 1000 ފްލެޓު
މާލޭގެ ރަށްވެހިން - 1000 ފްލެޓު
ދަފްތަރުގައި ހިމެނޭ މީހުން - 1044 ފްލެޓު
ޑޮކްޓަރުންނާއި ނަރުހުން - 475
ޓީޗަރުން - 625
ފުލުހުން - 300
ސިފައިން - 300
ކައިވެނިކޮށްގެން އުޅޭ 18-40 ދެމެދުގެ މީހުން - 1،000
އެކަނިވެރި މައިންނާއި ބަފައިން - 400
ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކު ހިމެނޭ އާއިލާތަކަށް - 200
ގުޅީފަޅުން ފްލެޓަށް ފައިސާ ދައްކައި ނުލިބުނު މީހުންނާއި ޓާޓާ ފްލެޓަށް ފައިސާ ނުދެއްކުނު މީހުން - 300
މާފަންނު ހުޅަނގު ދާއިރާގައި އުޅޭ ބަޔަކަށް ހާއްސަ - 256

ހައުސިން މިނިސްޓްރީ އިން ބުނެފައި ވަނީ ފްލެޓު ލިބޭ މީހުންގެ ފައިނަލް ލިސްޓު ތައްޔާރުކޮށް ފްލެޓު ލިބޭނެ ކަމަށް ބުނާ ލިޔުމެއް އަންނަ އޮގަސްޓު މަހުގެ ކުރިން އެ ފަރާތްތަކާ ހަވާލު ކުރާނެ ކަމަށެވެ.