ކުޅިވަރު

ފާގަސަން ސިކުނޑީގެ ސާޖަރީއެއް ހައްދައިފި

މެންޗެސްޓާ ޔުނައިޓަޑްގެ ކުރީގެ ކޯޗް އެލެކްސް ފާގަސަންގެ ސިކުޑިއަށް ލޭ ފޮނޮނުވުމުގައި ޓިޝުތަކަށް ދިމާވި މައްސަލައަކާ ގުޅިގެން ސިކުނޑީގެ ސާޖަރީއެއް އިއްޔަ ހަދައިފި އެވެ.

މެންޗެސްޓާ ޔުނައިޓަޑުން ކުރި ޓްވީޓެއްގައި ބުނީ، ސިކުނޑީގެ ސާޖަރީ ވަރަށް ކާމިޔާބު ކަމާއެކު ނިމިގެން ދިޔަ ކަމަށެވެ. ނަމަވެސް މުޅިން ރަނގަޅު ވުމަށްޓަކައި ޑޮކުޓަރުންގެ ބެލުމުގެ ދަށުން ހޮސްޕިޓަލުގައި އޮންނަން ޖެހޭ ކަމަށް ޔުނައިޓަޑްގެ ޓްވީޓްގައި ބުނެފައި ވެއެވެ.

ފާގަސަން،76 ވަނީ 27 އަހަރު ވަންދެން ޔުނައިޓަޑަށް ކޯޗު ކޮށްދީފަ އެވެ. އޭނާ ފާހަގަ ކުރެވިފައި ވަނީ ފުޓްބޯޅައިގެ ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކޯޗުގެ ގޮތުގަ އެވެ.

މެންޗެސްޓަ ޔުނައިޓަޑާ ވާދަވެރި ލިވަޕޫލުން ވެސް ވަނީ ފާގަސަންއަށް ހާއްސަކޮށް މެސެޖެއް އާންމު ކޮށްފަ އެވެ. އެ ކުލަބުން ބުނެފައި ވަނީ 1989 ހިނގި ހިލްސްބާގް ސްޓޭޑިއަމްގެ ހާދިސާއާ ގުޅިގެން ފާގަސަން އެ ކުލަބަށް ވަރަށް ބޮޑަށް އެހީތެރިވި ކަމަށެވެ.

ހިލްސްވާގް ސްޓޭޑިއަމް ހާދިސާއަކީ ސްޓޭޑިއަމްގެ ސްޓޭންޑް ތޮއްޖެހި، 96 ސަޕޯޓަރުން މަރުވުމުގެ ހާދިސާއެވެ. އެހާދިސާގެ ސަބަބުން އިތުރު 162 މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދީފައި ވެއެވެ.

ފާގަސަންގެ ކޯޗު ކަމުގެ ދަށުން މެންޗެސްޓާ ޔުނައިޓަޑަށް ކުޅުނު ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ވަނީ އޭނާ އާއި ފާގަސަންގެ ފޮޓޯއެއް ޓްވީޓް ކުރުމަށް ފަހު ފާގަސަން އަށް ޓްރިބިޔުޓެއް ފޮނުވާފަ އެވެ.