ކުޅިވަރު

ދިވެހި މޮޅު ކީޕަރުން އެބަތިބި، ނެތީ ރޫހު!

ވަރަށް ހުނަރުވެރި ދިވެހި ގޯލްކީޕަރުން އެބަތިބި ކަމަށާއި ނަަމަވެސް އެ ކުޅުންތެރިންގެ ނެތީ މަސައްކަތް ކުރުމުގެ ރޫހެއް ކަމަށް ޓީސީގެ ކޯޗް މުހައްމަދު ނިޒާމު ބުނެފި އެވެ.

އޭނާ ބުނީ ދިވެހި ކިޕަރުންނަށް އިތުބާރު ކުރާ ކަމަށާއި ނަމަވެސް ވަދަ ކޮށްގެން ފުރަތަމަ 11 އިން ޖާގަ ހޯދުމުގެ ވިސްނުން ގެންގުޅޭ ކީޕަރުން މަދު ކަމަށެވެ.

"މީ ބުނަން ބޭނުންވެސް ނުވާ އެއްޗެއް، ނަމަވެސް ތެދުތެދަށް ބުނަންޏާ ބުނަން ޖެހޭނީ އެ ކޮމިޓްމެންޓޭ ނެތީ ދިވެހި ކީޕަރުންގެ، އަސްލު ދިވެހި ކީޕަރުންގެ ތެރޭގައި ވަރަށް ހުނަރުވެރި ހަމަ ވަރަށް ރަނގަޅު ކީޕަރުން އެބަތިބި، އެކަމަކު އެމީހުންގެ ކޮމިޓްމެންޓް ނެތީ،" ނިޒާމު ބުންޏެވެ.

"އަޅުގަނޑު ދަންނަ ވާނީ އިމްރާން [މުހައްމަދު] (ގައުމީ ޓީމު) އަންގި ބާލައިގެން ހާސްވާކަށް ނުޖެހުނީހޭ އަޅުގަނޑުމެން އޭނަގެ ފަހަތުން އަރަން ތިބި ކުޅުންތެރިން، މިސާލަކަށް ރައްޖޭގެ އޭޖް ކެޓަގަރީގައި 14 އަހަރުން ދަށުން ފެށިގެން ގޮސް 19 އަހަރުން ދަށުން ފެށިގެން، 20 އަހަރުން ދަށުން ފެށިގެން ކުޅެމުން އައި ކުޅުންތެރިން އެ ކުޅުންތެރިން އެތަށް ޓީމެއްގެ ކުޅެމުން އައިއްސަ މިއަދުގެ ބޭރުގެ ކީޕަރުން ފެންނަނީ އެ ސަބަބާ ހެދި (100 ޕަސަންޓް ކޮމިޓްމެންޓް ނުދެވޭތީ)."

"ދިވެހި ކީޕަރުންނަށް އިތުބާރު ނޯންނީކީ ނޫން، މިއަދު އޭނަ ހުރެދާނެ ވަރަށް ރަނގަޅަށް ނަމަވެސް މާދަމާ އޭނަ މެޗަށް އައިސްދާނެ ކޮންމެ ފަދަ ގޮތަކަށް ވެސް، ވާގޮތަކީ އެހެން ޕޮޒިޝަންތަކާ ހިލާފަށް ގޯލްކީޕިން ޕޮޒިޝަންއަކީ ޓީމުން އެންމެ ވިސްނަން ޖެހޭ ޕޮޒިޝަން، އެގޮތަށް ކަންތައް ފެންނަން ފެށީމަ އެއްވެސް ކޯޗަކު ބޭނުމެއް ނުވޭ ރިސްކެއް ނަގާކަށް."

ފުރަތަމަ ޑިވިޝަން ޓީމެއްގެ ގޯލްކީޕަރު ޓްރެއިނަރަކު ކުރިން ބުނެފައި ވަނީ، ކީޕަރަކަށް ކުޅެން ބޭނުން ވެގެން އަންނަ ކުޅުންތެރިން ޕްރެކްޓިހަށް އައުމުގައި ފަރުވާތެރި ނޫން ކަމަށެވެ.

"އޭނަ ގާތު އެބަ ބުނެވޭ ޕްރޮފިޝަނަލް ކުޅުންތެރިޔަކަށް ވުމަކީ ވަކި ގަޑިއަކަށް ކައިގެން ވަކި ގަޑިތަކެއްގެ ނިދައިގެން ކުރެވޭ ކަމެކޭ، ނަމަވެސް ކީޕަރު ޕްރެކްޓިހަށް އެބައާދޭ ހަވީރު ވަންދެން ނިދާފައި، އަނެއް ބައި ކީޕަރުން އެބައާދޭ ޕްރެކްޓިސް ގަޑި ޖެހެން ކައިރިވާއިރު ކައިގެން." ފުރަތަމަ ޑިވިޝަންގެ ގޯލްކީޕަރު ޓްރެއިނަރަކު ބުނެފައި ވެއެވެ.

ނިޒާމު ބުނީ ބިދޭސީ ކީޕަރުންގެ ފަރާތުން 100 ޕަސަންޓް ކޮމިޓްމެންޓް ފެންނަ ކަމަށާއި ޕްރެކްޓިހަށް އޭނާ އަންނާނީ ރަނގަޅަށް ތައްޔާރު ވެގެން ކަމަށެވެ. އޭނާ ބުނީ ޓީމުގައި ތިބޭ ދެންތިބި ކީޕަރުން ބިދޭސީ ކީޕަރުންނާ ވާދަކޮށްގެން ފުރަތަމަ 11 އަށް އެރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ.

ނިޒާމު ވަނީ ޓީސީގެ ކީޕަރު ނަދީމު (ރިކޫ) އަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފަ އެވެ. އޭނާ ބުނީ ބިދޭސީ ކީޕަރެއް ހުއްޓަސް އޭނާ އަކީ ގޮތްދޫކުރާ ކީޕަރެއް ނޫން ކަމަށެވެ. ބިދޭސީ ކީޕަރާ ވާދަކޮށް ވަރުގަދަ ފައިޓެއް ދީގެން ފުރަތަމަ 11 އިން ޖާގަ ހޯދަން އޭނާ ބޭނުންވާ ކަމަށެވެ.