ހަބަރު

ފްލެޓްފޯމް ބަލައިގަތުން ޖޫން 3 އަކުން 30 އަށް!

ބޯހިޔާވެހިކަމުގެ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 7000 ފްލެޓަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމުތައް އަންނަ މަހުގެ ތިންކުން ފެށިގެން 30 އާ ހަމަޔަށް ބަލައިގަންނަނާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"ހިޔާ" މަޝްރޫއުގެ ދަށުން އަޅަމުން އަންނަ ފްލެޓުތަކަށް ފޯމް ދޫކުރަން ފެށުމުގެ ގޮތުންް ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ މިއަދުން ފެށިގެން ކުރިޔަށް ދާނީ ފްލެޓަށް ކުރިމަތިލުމުގެ ފޯމްތައް ދޫކުރުމުގެ މަސައްކަތް އެކަނި ކަމަށެވެ. އެގޮތުން މިއަދު މެންދުރު ފަހު 2:00 އަކުން އިރުއޮއްސި 6:00 އަކަށް އަދި ރޭގަނޑު 8:00 އަކުން 11:00 އަށް ދަރުބާރުގެއިން ފޯމްތައް ލިބެން ހުންނާނެ ކަމަށެވެ. އަދި އެހެން ބަންދު ނޫން ކޮންމެ ދުވަހެއްގައި ހެނދުނު 9:00 އަކުން މެންދުރުފަހު 2:00 އަށް އަދި ހަވީރު 4:00 އަކުން އިރުއޮއްސި 6:00 އަކަށް އަދި ރޭނގަޑު 8:00 އަކުން 11:00 އަށް ފޯމްތައް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭގެ އިތުރުން ފްލެޓު ފޯމްތައް އޮންލައިންކޮށް ލިބޭނެ ގޮތް ވެސް ހަމަޖައްސާފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުމެއް ނޫން ރައްޔިތުން އަބަދު އުނދަގުލެއްގެ ތެރޭގައި ތަކުލީފެއް ނަންގަވައިގެން މިކަމުގައި ވަގުތުތަކެއް ހޭދަ ކުރައްވާކަށް، އެހެންވެ ވީހާވެސް ފަސޭހަ ގޮތަކަށް މިކަން ކުރެވޭނެ ގޮތް ވާނީ ހަމަޖައްސާފައި،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ފޯމްތައް ބަލައިގަންނަން އަންނަ ފަރާތްތަކުންް އައިޑީ ކާޑެއް ނުވަތަ އެ ނޫން ވެސް އެއްޗެއް ގެންނާކަށް ނުޖެހޭނެ ކަމަށާއި އެންމެ މީހަކަށް ވެސް ބޭނުން ވަރަކަށް ފޯމުތައް ނެގުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އޭގެ އިތުރުން ކެޓަގަރީތަކާ ބެހޭ ތަފްސީލުތަކާއި މައުލޫމާތު އޮޅުންފިލުވާދިނުމަށް ހައުސިން މިނިސްޓްރީގެ މުއައްޒިފުން ވެސް އެތަނުގައި ހަރަކާތްތެރިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަންނަ މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ފޯމްތައް ބަލައިގަންނަން ފަށާނެ ކަމަށާއި އެ މަހުގެ ނިޔަލަށް ފޯމްތައް ބަލައިގަންނާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ފޯމްތައް ބަލައިގަތުން ކުރިޔަށް ގެންދާނި ނަމްބަރު ނަގައިގެން އަންނަ ނިޒާމެއްގެ ތެރެއިން ކަމަށާއި އެކަމާ ބެހޭ ތަފްސީލުތައް ފަހުން އާންމު ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ހުށަހަޅާ ފޯމްތަކާއެކު ދިރިއުޅުމުގެ ހާލަތު ބަޔާން ކުރާ ލިޔުމެއް ހުށަހެޅުމުގެ ފުރުސަތު ކޮންމެ ފަރާތަކަށް ވެސް ލިބޭނެ ކަމަށެވެ. އޭރުން އެ ބައެއްގެ ހަލަތު ދެނެގަންނަން ފަސޭހަވެ ފްލެޓުތައް ދެނީ އޭގެ އެންމެ ހައްގުވެރި ފަރާތަށް ކަން ކަށަވަރު ކުރެވޭނެ ކަމަށެވެ.

ފްލެޓު ދޫކުރާ ކެޓަގަރީތައް

ސިވިލް ސާވަންޓުން - 1000 ފްލެޓު
މާލޭގެ ރަށްވެހިން - 1000 ފްލެޓު
ދަފްތަރުގައި ހިމެނޭ މީހުން - 1044 ފްލެޓު
ޑޮކްޓަރުންނާއި ނަރުހުން - 475
ޓީޗަރުން - 625
ފުލުހުން - 300
ސިފައިން - 300
ކައިވެނިކޮށްގެން އުޅޭ 18-40 ދެމެދުގެ މީހުން - 1،000
އެކަނިވެރި މައިންނާއި ބަފައިން - 400
ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކު ހިމެނޭ އާއިލާތަކަށް - 200
ގުޅީފަޅުން ފްލެޓަށް ފައިސާ ދައްކައި ނުލިބުނު މީހުންނާއި ޓާޓާ ފްލެޓަށް ފައިސާ ނުދެއްކުނު މީހުން - 300
މާފަންނު ހުޅަނގު ދާއިރާގައި އުޅޭ ބަޔަކަށް ހާއްސަ - 256

ބައެއް ކެޓަގަރީތަކަށް ފްލެޓު ދޫކުރާނެ ގޮތުގެ ތަފްސީލަށް އަލިއަޅުވާލަމުން މުއިއްޒު ވިދާޅުވީ ފްލެޓަށް ކުރިމަތިލުމުގައއި 40 އަހަރުގެ އުމުރުގެ ލިމިޓެއް ކަނޑައަޅާފައި ވާނީ ހަމައެކަނި ޒުވާނުންގެ ކެޓަގަރީގައި ކަމަށެވެ. އެ ނޫން އެހެން ހުރިހާ ކެޓަގަރީއަކުން 18 އަހަރުން މަތީ ކޮންމެ ފަރާތަކަށް ވެސް ކުރިމަތިލެވޭނެ ކަމަށެވެ. އަދި ހުރިހާ ކެޓަގަރީއަކުން ވެސް ފްލެޓު ދޫކުރާނީ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް އެކަނި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އަލަތު ކައިވެނިކޮށްގެން އުޅޭ މީހުންގެ ގޮތުގައި ބަލާނީ 11 ނޮވެމްބަރު 2013 އިން ފެށިގެން 31 ޖުލައި 2018 އާ ހަމަޔަށް ކައިވެނިކޮށްފައިވަ ފަރާތްތަކަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެކަނިވެރި މައިންނާއި ބަފައިންގެ ގޮތުގައި ބަލާނީ އޭޕްރިލް މަހުގެ 30 ވަނަ ދުވަހުގެ ކުރިން ވެރި ސާބިތު ކުރުން ފަދަ މަރުހަލާތައް ނިމިފައި ހުރި މީހުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ޑޮކްޓަރުންނާއި ނަރުހުން އަދި ޓީޗަރުން ފަދަ ވަޒީފާތަކުގެ ކެޓަގަރީތަކުގައި އިސްކަމެއް ދެވޭނީ އެ ވަޒިފާއެއް އަދާކުރާތާ 10 އަހަރުވެފަައިވާ ފަރާތްތަކަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް އުމުރުން ދުވަސްވީ މީހެއް ނަމަ ވަޒީފާގައި ހޭދަ ކުރި އަހަރުތަކަށް ބަލާފައި ފްލެޓުތައް ދޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ކޮންމެ މީހަކަށް ވެސް ހުށަހެޅޭނީ އެއް ކެޓަގަރީއަކުން ކަމަށެވެ. އެހެންވެ ފޯމްތައް ހުށަހަޅާ ފަރާތްތަކުން ވީހާވެސް ރަނގަޅަށް ބެލުމަށް ފަހު އެމީހަކަށް އެންމެ ގެރެންޓީވާ ކެޓަގަރީއަކަށްލުމަށް މިނިސްޓަރު އެދިވަޑައިގަތެވެ. ސިވިލް ސާވަންޓުންނާއި ސިފައިން އަދި ފުލުހުން ވެސް އެނޫން އެހެން ދާއިރާއަކުން ފުރުސަތު މާ ބޮޑު ކަމަށް ގަބޫލު ކުރާނަމަ އެ ކެޓަގަރީ ދޫރުކުރުމަށް ފަހު ބޭނުން ކެޓަގަަރީއަކަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޓާޓާ އާއި ގުޅިފަޅުން ފްލެޓު ލިބެން ޖެހޭ ފަރާތްތަކުން އަލުން ފޯމް ހުށަހަޅާން ޖެހިވަޑައި ނުގަންނާނެ ކަމަށާއި ސިފައިންނާއި ފުލުހުންނަށް ފޯމް ދޫކުރާނީ އެ މަސައްކަތް މަރުކަޒަކުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ސީދާ ތިމާއަށް ފްލެޓެއް ލިބޭނެ ގޮތެއް މީގެން އެއްވެސް ކެޓަގަރީއެއްގައި ނެތް ނަމަވެސް އަޅުގަނޑުމެންނަށް ވަރަށް ޔަގީން ކޮންމެވެސް ގޮތަކުން އެމީހާގެ އާއިލާގެ ކޮންމެވެސް ބޭފުޅަކަށް ފްލެޓަށް ކުރިމަތިލެވޭނެ ކެޓަގަރީތައް ހުންނާނެ، ތިމާއަށް ކުރިމަތި ނުލެވުނަސް ދަރިންނަށް ކުރިމަތިލެވޭނެ ކެޓަގަރީތައް ހުންނާނެ ތިމާގެ އާއިލާގެ އެހެން މީހުންނަށް ކުރިމަތިލެވޭނެ ކެޓަގަރީތައް ހުންނާނެ، މި ނެޓުން ނެއްޓިގެން ދާނެ އެއްވެސް ދިވެހި ރައްޔިތަކު ނުހުންނާނެ،" މުއިއްޒު ވިދާޅުވި އެވެ.

ފްލެޓު ފޯމްތައް ބަލައިގަތުމުގެ މަސައްކަތް ނިމުމަށް ފަހު ގެތަކަށް ސާވޭ ކުރުމަށް މިނިސްޓްރީގެ މުއައްޒިފުންތައް ދާން ފަށާނެ ކަމަށެެވެ. އަދި ފްލެޓު ލިބޭ މީހުންގެ ފައިނަލް ލިސްޓު ތައްޔާރުކޮށް ފްލެޓު ލިބޭނެ ކަމަށް ބުނާ ލިޔުމެއް އަންނަ އޮގަސްޓު މަހުގެ ކުރިން އެ ފަރާތްތަކާ ހަވާލު ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.