ވާހަކަ

ބުނެދޭށޭރުހެމޭ

(3 މެއި 2018 އާ ގުޅޭ) ނިމްރާގެ އަތަށް ދަމާލަމުން އެހެން މީހުންގެ ގާތަށް ދިއުމަށް ހިނގައިގަތެވެ. ނަމަވެސް އޭނާގެ ސިކުނޑީގައި މިޢުވާނާމެދު އުފެދިފައިވާ ސުވާލުތައް ފުނިޖެހެމުންދިޔައެވެ. އެ ސުވާލުތައް ނިމްރާއާ ކުރިމަތިކުރުވާ އެ އަންހެންކުއްޖާގެ ސިކުނޑި ހާސްކުރުވަން މިވަގުތު އަރްސަލް ބޭނުމެއްނޫނެވެ. އެކަމަށް ވެސް އޭނާ ވަގުތެއް ކަނޑައަޅާނެއެވެ.

މުޅި ބާބެކިއު ނިމޭންދެން ވެސް ނިމްރާގެ ހުރިހާ ހަރަކާތަކަށް އަރްސަލް ފާރަވެރިވިއެވެ. ހަމައެއާއެކު ދުރުގައި ހުރެ ނިމްރާއަށް ބަލަމުން ދިޔަ މިޢުވާނުގެ ހަރަކާތްތައް ވެސް އަރްސަލްގެ ލޮލުން ކަސިޔާރުވެގެން ނުދެއެވެ. ކިރިޔާ ފަރާތަކަށް ނިމްރާ ޖެހިލިޔަސް ކޮންމެވެސް ގޮތަކުން އޭނާ ގެނެސް އަރްސަލްގެ ގާތުގައި ބަހައްޓައެވެ. މިޢުވާނު ނިމްރާއާ ގާތްވާން ފުރުޞަތެއް ދޭން އަރްސަލް ބޭނުންނޫނީއެވެ. ނިމްރާގެ ފޯނުގައި ހުރި ފޮޓޯތައް ފިޔަވާ އެ ޒުވާނާއާ ގުޅުން ހުރި އެއްވެސް އެއްޗެއް އަރްސަލްއަށް ފެނިފައެއްނުވެއެވެ. ނިމްރާގެ ހަޔާތާ ބެހޭގޮތުން އެކައްޗެއް ވެސް އަރްސަލްއަށް އެ ފޯނުން އެނގޭ ގޮތެއް ނުވިއެވެ. ވައިބާރއާއި ސްނެޕްޗެޓްގެ އިތުރުން އިންސްޓަގްރާމާއި ފޭސްބުކް ފަދަ ސޯޝަން މީޑިއާ އެޕްތައް ހުއްޓެވެ. އެހެންނަމަވެސް އެ އިން އެއްވެސް އެޕަކަށް ނިމްރާ ލޮގިންވެފައެއްނުވެއެވެ. ފޯނަށް ފައިސާ އެޅުމުން އެކަން ޔަގީންކޮށްދިނުމަށް އައިސްފައި ހުރި މެސެޖު ފިޔަވާ އިތުރު މެސެޖެއްހާ ހިސާބު ވެސް ނުފެނުނެވެ. އެހެންވިޔަސް އެ ފޯނުން ފެނުނު ފޮޓޯތައް އަރްސަލް ކައިރީ ވާހަކައެއް ބުނެދީފިއެވެ. ނިމްރާގެ ހަޔާތުން އެ ޒުވާނާއަކީ ރަޙުމަތްތެރިއަކަށްވުރެ ގާތް މީހެއްކަމެވެ. އަރްސަލްއަށް އުނދަގޫ ކުރަނީ ވެސް އެ ޚިޔާލެވެ. ނިމްރާގެ ދިރިއުޅުމުގައި ފިރިހެނެއްގެ ޚިއްޞާއެއް އެއްވެސް ސިފައެއްގައި އޮވެދާނޭ ކަމާމެދު މީގެ ކުރީން އެއްފަހަރު ވެސް ވިސްނާލެވިފައެއް އޭނާއަށް ނެތެވެ. މި ނޫނީ ނިމްރާގެ ދިރިއުޅުމާ މެދު ކުޑަކޮށް ވެސް އަރްސަލް ޝައުގެއް ވެސް ނުއުފެދެއެވެ. ރާދިން ވެސް ދޭތެރެއަކުން މިޢުވާނު ހުރި ދިމާއަށް ބަލާލައެވެ. އެ މީހުންނަށް ވެސް ޔަގީންވީ އެ މީހުންނެކޭ އެއްގޮތަށް މިޢުވާނުގެ ނަޒަރު ދޭތެރެއަކުން ނިމްރާއަށް ހުއްޓޭކަމެވެ. ރާދިންގެ އެދުމަށް ޝިހާނާއާއި ހަލަފް ވެސް ހިނގައިދިޔަ ކަންތަކާ ގުޅުވާފައި އެއްވެސް ސުވާލެއް ނިމްރާއާ ނުކުރެއެވެ. އެކަމުގެ ޚަބަރެއް ނުވެ ހުރި ކީފާގެ މޫނުމަތި މިލާފައިވީ އަރްސަލް ކުއްލިއަކަށް އޭނާ ވަރަށް ބޮޑަށް ދުރުކޮށްލުމުންނެވެ. އަރްސަލް ނުރުހުންވެފައި ބަލާލާ ގޮތުން އޭނާއާ ގާތަށް އަންނާކަށް ކީފާއަކަށް ނުކެރުނެވެ.

ގެއަށް އައި މަގުމަތީ ކީފާގެ ގެއަށް އޭނާ ލާފައި އަރްސަލްއާއި ރާދިންއާއެކު ނިމްރާ އައީ ގެއަށެވެ. ޝިހާނާ ވެސް ގެއަށް ދިޔައީ ހަލަފްއާއެކުއެވެ. ބާބެކިއުއެއް ބާއްވާލިޔަސް ޗުއްޓީއަކަށް ނުވާތީ އެމީހެއްގެ މަސައްކަތަށް އެނބުރި ދާން ޖެހޭނޭތީވެ ސަކަރާތުގައި އިތުރަށް މަޑުކުރުމުގެ ޚިޔާލެއް އެކަކުގެ ވެސް ނެތެވެ.

އެޕާޓްމެންޓަށް ވަދެވުމުން ހަޑިވެފައި ހުރި ތަށިތަކާއި މޫދަށް އެރުނު ހެދުންތައް ދޮންނަން ނިމްރާ އަވަސްވެލިއެވެ. އެއްޗެހި ދޮންނަ ކޮޓަރިއާ ދިމާއަށް ނިމްރާ ހިނގައިގަތް ވަގުތު އަރްސަލް އޭނާ ހުއްޓުވިއެވެ. ސިޓިންރޫމުގައި ހުރެ އަރްސަލް އޭނާގެ ގަމީސް ބާލާ ނިމްރާގެ އަތަށް ދިނެވެ. މީގެ ކުރީން ދުވަހަކު ވެސް އަރްސަލް އެފަދަ ކަމެއް ނުކުރެއެވެ. ރާދިން ވެސް ބަލަން ހުރެފައި ދެފަރާތަށް ބޯހޫރާލިއެވެ.

"އަހަރެންގެ އެއްޗެހި ފަހުން ގެންގޮސްދޭނަން... ނިމް ހެލްޕެއް ބޭނުންތަ؟" ރާދިން އަހާލިއެވެ. އެއާއެކު ނިމްރާ ދެފަރާތަށް ބޯހޫރާލުމުން ރާދިން ގޮސް އޭނާގެ ކޮޓަރިއަށް ވަނީއެވެ.

"ނޫޅެން މިތާ ހުންނާކަށް" ރާދިން ލޯ ކުރިމަތިން ގެއްލުނު ހިނދު އަރްސަލް ލައިގެން ހުރި ސޯޓުގެ ގޮއް ނައްޓާލިތަން ފެނުމުން ނިމްރާ ދެ ލޯ ބޮޑުކޮއްލިއެވެ. އަދި ނިކަން އަވަހަށް އެތެރެއަށް ދާން ހިނގައިގަތެވެ. ނިމްރާއަށް ވީގޮތް ބަލަން ހުރި އަރްސަލް ފެށީ ހޭށެވެ. އޭނާގެ އެފަދަ ޢަމަލުތަކުން ނިމްރާއަށް ވާގޮތް ރަނގަޅަށް އަރްސަލް ދެނެހުއްޓެވެ. އެ ފަދަ ސަމާސާއެއް ކުރީ އެހެންވެއެވެ.

ފެންވަރައިގެން އަރްސަލް ކޮޓަރިން ނުކުތް އިރު ކޮފީއެއް ހިފައިގެން ރާދިން އިނީ ސޯފާގައެވެ. އޭނާގެ ކުރިމަތީ ހުރި ބިއްލޫރި ކޮފީ މޭޒުގައި ހުޅުވާފައި ހުރި ލެޕްޓޮޕާއި ފައިލްތައް ހުއްޓެވެ. އޭނާ ކޮންމެވެސް ފުން ވިސްނުމެއްގައި އިން ކަހަލައެވެ. އަރްސަލް ވެސް ހަށިގަނޑަށް ލިބިފައި ހުރި ލޮޑުކަމާއި ކަންނެތްކަން ހޫނު ކޮފީއަކުން ފިލުވާލުމުގެ ނިޔަތުގައި ކޮފީއެއް ހެދިއެވެ. ކޮފީ ޖޯޑު ހިފައިގެން އައިސް ރާދިން އިން ސޯފާގައި އިށީނެވެ.

"މުއްޠުބެ ބުނިހެން ބައްޕަގެ ކޮންސްޓްރަކްޝަން ޓީމްގެ އެހީ ހޯދުނުކަން ރަނގަޅު. އެހެންނޫނީ މަސައްކަތް އެހާ އަވަހެއްނުވީސް" ރާދިން ފެށީ ކުރިއަށްދާ ޕްރޮޖެކްޓު ވާހަކައެކެވެ.

"ކޮބާ ރަތްޖިންނި" އަރްސަލް އަޑު ލައްވާލާފައި ހޫނު ކޮފީތަށީގައި ކިރިޔާ ތުންޖަހާ އެތިފޮދެއް ބޯލަމުން އަހާލިއެވެ.

"ކޮޓަރީގަހެން ހީވަނީ. އެއްޗެހި ދޮވެ އަދި ނުނިމޭ" ރާދިން ބުންޏެވެ.

"އެއީ ކާކުތަ؟ އަރްސަލް އޭނާ ދަންނަނީ ކިހިނެއް؟" އިރުކޮޅަކު ހިމޭނުން އިނދެފައި ރާދިން ސުވާލުކުރިއެވެ.

"ނޭނގެ" ވިސްނަން އިން ފަދަ ގޮތަކަށް އަރްސަލް ޖަވާބު ދިނެވެ.

"އަޖައިބެއް!... އަރްސަލްއެއްނު ބުނީ އޭނާ ދަންނަމޭ" ސޯފާގައި ޖައްސާލައިގެން އިން ބުރަކަށި ސީދާ ކޮއްލަމުން އަރްސަލްއާ ދިމާއަށް ރާދިން އެނބުރިލިއެވެ.

"މީ އަހަންނަށް ވެސް އެނގޭ މިންވަރު" ކޮފީމޭޒުމަތީ އަތުގައި އޮތް ޖޯޑު ބަހައްޓާފައި ސޯޓުގެ އަރިމަތީ ޖީބުން ނެގި ފޯނުން ރާދިންއަށް ދެތިން ފޮޓޯ އަރްސަލް ދެއްކިއެވެ.

"ކިހިނެއް އަރްސަލްއަށް މި ފޮޓޯތައް ލިބުނީ" އަރްސަލްގެ ފޯނަށް ބަލަން އިނދެ ރާދިން ވަގުތުން ސުވާލުކުރިއެވެ.

"މީ ސްކާލެޓްގެ ފޯނުގައި ހުރި ފޮޓޯތަކެއް. އަހަންނަކަށް ނޭނގޭ އޭނާއަށް ކިޔާނަމެއް. އޭނާއާއި ސްކާލެޓާ ދެމެދު އޮތީ ކޮންކަހަލަ ގުޅުމެއްކަމެއް. ރާދުއަށް ތި ފޮޓޯތައް ބަލާފައި ސިފަވޭތަ އެ ދެ މީހުންނަކީ ޖަސްޓް ފްރެންޑްސްހެން" އަރްސަލް ވެސް ބޭނުންވީ ހިތުގައި އޮތް އެއްޗެއް ޔަގީން ކުރާށެވެ.

"މި ފޮޓޯތައް ފެނުމުގެ ކުރީން ވެސް އަހަންނަށް އެނގުނު ނިމް އެ މީހާއަށް ބަލަން ހުރި ގޮތުން ވެސް އެ ދެ މީހުންނަކީ ފްރެންޑްސް ނޫންކަން. ނިމް އެއްގޮތަކަށް ވެސް އެ ޒުވާނާއާ ގަޔާނުވާކަން އޭނާއަށް ވެފައި ހުރި ގޮތުން އެނގޭ. ހީ އިޒް ބޭޑް ނިއުސް... މި ފޮޓޯތައް ފެނުނީމަ އަހަންނަށް ވަކިން ބޮޑަށް ޔަގީންވެއްޖެ. ނިމްގެ ކުރީގެ ބޯއީފްރެންޑަށް ވެދާނެހެން ހީވަނީ" ރާދިން ބުނެލިއެވެ. އަރްސަލްގެ ނިތަށް ރޫގިނަވުމާއެކު ދަތްކުނޑިވިކާލެވުނެވެ.

"އަހަރެން ކަމެއް އޮޅުން ފިލުވަން އުޅެފިނަމަ ސްކާލެޓް ވަގުތުން ސިއްރުކުރާނެ. އެކަމަކު ރާދު ގާތުގައި އޭނާ ފަހަރެއްގައި އޯޕަންވެދާނެ... ބަލާބާ އެ ދެ މީހުންގެ ދެމެދުގައިވީ ކިހިނެއްތޯ" އިރުކޮޅަކު އިނދެފައި އަރްސަލް ލަފާ ދިނެވެ. ރާދިން އެކަމާ އެއްބަސްވިއެވެ.

* * * *

އަރްސަލްގެ ފުށުން ފެންނަމުން ދިޔަ ބަދަލު ނިމްރާއަށް ކަމުދިޔައެވެ. ހެނދުނު އޮފީހަށް ދާން އެޕާޓްމެންޓުން ނުކުތުމުގެ ކުރީން ނިމްރާގެ ކޯތާފަތުގައި ފިރުމާލާ ގޮތާއި އަވަހަށް އޮފީސް ނިންމާފައި އާދެވޭތޯ ބަލާނަމޭ ބުނެލާ ކޮންމެ ފަހަރަކު ނިމްރާގެ ހިތުން އަރްސަލްއަށް ޓަކައި ޖާގައެއް ހުސްކުރެވިގެންދިޔައެވެ. ހަރުކަށިކަމުގެ ބަދަލުގައި އަރްސަލްގެ މަދުން ވިޔަސް ހަމައެކަނި ނިމްރާއަށް ޓަކައި ބަދަލުކޮށްލާ ލާނެތް ހިނިތުންވުން ނިމްރާގެ ހިތް އަވަސްކުރުވާ ގޮތްވެއެވެ. ކުރީން އަރްސަލްގެ ސަމާސާ ބީހުންތަކުން ރުޅި އައި ނަމަވެސް އެ ރުޅި ފިލައި ދިޔައީ ކިހިނެއް ކޮންއިރަކު ކަމެއް ޚުދު ނިމްރާއަށް ވެސް ނޭނގެއެވެ.

ހަވީރު ފަހެއްޖެހިފަހުން އެޕާޓްމެންޓުގެ ދޮރުހުޅުވާލާފައި އެތެރެއަށް ވަނީ އަރްސަލްއެވެ. ކަންފަތުގައި ފޯނު ޖައްސާލައިގެން ހުރިއިރު އެ މޫނުމަތިން ފެންނަނީ ހިތްހަމަނުޖެހިފައި ހުރި ކަމުގެ އަސަރެވެ. ފޯނުގެ އަނެއްކޮޅުން ވާހަކަދައްކަނީ ކާކުކަން ނޭނގުނަސް އަރްސަލްގެ ވާހަކަތަކުން އޭނާ އެ ހުރީ ރުޅި އައިސްފައިކަން ދޭހަވެއެވެ. ސޯފާގައި އިނދެފައި ނިމްރާ ތެދުވިއެވެ. އަރްސަލްއާ ހަތަރުކަޅި ބައްދަލުވި ނަމަވެސް އަރްސަލް އަޅައެއްނުލިއެވެ.

"އެތަނުން އެންމެ ހިލަ ބަސްތާއެއް ވެސް އަހަރެމެން ބޭނުމެއްނުކުރާނަން... ލޯ ކޮލަޓީގެ ހިލަކަން އަހަރެމެންނަށް އެނގޭތީއޭ މިބުނީ. އުފުލުމުގެ ޚަރަދު މިކޮޅުން ދޭކަށް ނުޖެހޭނެ. ތިކޮޅުގެ މިސްޓޭކެއް އެއީ..." އަރްސަލް ފޯނުން ވާހަކަދައްކަމުން ދިޔައިރު ދޭތެރެއަކުން ނިތްކުރީގައި ހިފަހައްޓާލައެވެ. ދެ ކޮޅަށް ހިނގާލާފައި މަޑުކޮށްލައެވެ. އެ ހުރިހާ ހަރަކާތަކަށް ބަލަން ނިމްރާ ހުއްޓެވެ.

ފޯނުކޯލު ނިންމާލި ގޮތަށް އަރްސަލް އައިސް ކާމޭޒު މަތީ ލެޕްޓޮޕް ބަހައްޓާލާފައި ގޮނޑި ދަމާލާ އިށީނެވެ. ދެފަރާތަށް ބޯހޫރާލާފައި ގަމީހުގެ މަތީ ދެ ގޮށް ނައްޓާލާ ފުންނޭވާއެއްލިއެވެ. މޭޒުގައި ވައަތު އުޅަންބޮށިކޮޅު ވިއްދާލައި ނިތްކުރިއާއި ނޭފަތާ ގުޅުނު ހިސާބުގައި ހިފަހައްޓާލަމުން އަރްސަލް ދެ ލޯ މަރާލިއެވެ. އެ މޫނުމަތިން ވަރުބަލިކަމުގެ އަސަރު ފާޅުވަމުންދިޔައެވެ. ގޮނޑިއަށް ހަށިގަނޑު ދޫކޮށްލާ ފަހަތަށް ކަނދުރާ އެލުވާލީ ވެސް ދެ ލޯ މަރާލައިގެން އިނދެއެވެ. އެހެން އިންދާ އޭނާގެ ފުރަގަހުން މީހަކުގެ ހިލަންވިއެވެ. ހިމަ އިނގިލިތަކަކުން ނިތްކުރީގެ ދެ ފަރާތުގައި ޖައްސާލާ މަސާޖުކޮއްލި ހިނދު އަރްސަލްގެ ދެތުންފަތުން އަރާމުކަމެއް އިހުސާސްވިކަމުގެ އަޑެއް ނުކުތެވެ. ނިމްރާގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލިއެވެ. އޭނާއަކީ މަސާޖުކުރަން އެނގޭ މީހަކަށް ނުވިޔަސް އޭނާގެ ހަރަކާތްތަކުން އަރްސަލްގެ "ޓެންސް"ވެފައިވި ހަށިގަނޑަށް އަރާމެއް ލިބި މީހާ ހަމަޖެހޭކަން އެނގުމުން ހިތަށް ފިނިކަމެއް ލިބުނެވެ. މަޑުމަޑުން އަރްސަލްގެ ކަނދުރާއާއި ކޮނޑު ވެސް މަސާޖުކޮށްދޭން ނިމްރާ ފެށިއެވެ. މިފަހަރު ވެސް އަރްސަލް ލައްވާލީ ގަޔާވިކަމުގެ އަޑެކެވެ. އެ ދެ ލޯ މަރާލައިގެން އޮވެ ވިސްނަނީ ކޮންކަމަކާތޯ އެނގެން ނިމްރާ ބޭނުންވިއެވެ. ނަމަވެސް ސުވާލު ކުރިޔަސް އަރްސަލް ތެދަށް ނުބުނާނޭކަން އެނގޭތީ ހިމޭނުން ހުރީއެވެ. އެހެން ހުރިއިރު އަރްސަލްގެ މޫނަށް ނިމްރާ ވަރަށް ރަނގަޅަށް ބެލިއެވެ. ޤުދުރަތުން އަރްސަލްއަށް ލިބިފައިވާ ފުރިހަމަކަން އޭނާގެ ފިރިހެންވަންތަކަން އިތުރުކޮށްދެއެވެ. އަންހެން ކުދީންގެ ހިތްތައް އެއްވެސް ހުރަހަކާނުލާ ފަތަހާ ކުރާނޭކަން ގައިމެވެ. އެ މޫނަށް ބެލި ވަރަކަށް ނިމްރާއަށް އޭނާގެ ހިތުގެ އިހުސާސްތައް ހިފެހެއްޓުން އުނދަގޫވިއެވެ. ލޯ މަރާލައިގެން އަރްސަލް އިން ގޮތުން އެ މޫނުމަތީގައިވާ ހިތްގައިމުކަން އިތުރުވެފައިވިއެވެ. އަރްސަލްގެ ތުންފަތަށް ނިމްރާގެ ނަޒަރު ސީދާވެފައި ހުރިއިރު އެ ތުންފަތުގެ ބީހުން ނިމްރާއަށް އިހުސާސް ކުރެވިފައި ވިއެވެ. ނަމަވެސް ކޮންމެ ފަހަރަކު އެ ބީހުން ތަފާތުވާންވީ ގޮތެއް އޭނާއަކަށް ނުވިސްނެއެވެ. ބޭއިޚްތިޔާރުގައި އަރްސަލްގެ މޫނާ ދިމާއަށް ނިމްރާއަށް ގުދުވެލެވުނެވެ. އޭނާގެ ނޭވާގެ ހޫނުކަން އިހުސާސްވި ހިނދު އަރްސަލް ދެ ލޯ ހުޅުވާލިއެވެ. އަވަސް ހަރަކާތެއްގެ ގޮތުން ދެތުންފަތް ބީހިލި ނަމަވެސް ނިމްރާ ވަގުތުން ކޮޅަށް ތެދުވިއެވެ. އަރްސަލް ތެދުވެ ބަލާލަން ވާއިރަށް ނިމްރާ ދުވެފައި އެތެރެއަށް ހިނގައްޖެއެވެ. ހައިރާންވެފައި ހުރި މީހަކު ފަދައިން އަރްސަލްއަށް އިރުކޮޅަކު ހުރެވުނެވެ. ނަމަވެސް ނިކަން އަވަހަށް އެއްމިޔަކަނުން ހިނިތުންވެލިއެވެ.

"ޔޫ ސްޓީލް އަ ކިސް ސްކާލެޓް... މިހާތަނަށް އެއްވެސް އަންހެންކުއްޖަކު ކުރިކަމެއްނޫން ތީ" އަރްސަލް މަޑުމަޑުން ބުނެލިއެވެ.
އިޝާ ނަމާދަށް ގޮވި ފަހުން ނިމްރާ ނުކުތީ ރޭގަނޑު ކާން ނަގަންވެގެންނެވެ. އޭރު ފެންވަރާ ތާޒާ ވެލައިގެން އިން އަރްސަލް މަސައްކަތުގައި ކާޕެޓުމަތީ ކޮފީމޭޒު ދޮށުގައި އިނެވެ. މޭޒުމަތީ ކޮފީ ހުސްކުރި ޖޯޑާއި އެންމެ ބޮޑު ސައިޒުގެ ފެރާރީ ޗޮކުލެޓު ފޮއްޓެއް ހުއްޓެވެ. ފަސްވަރަކަށް ޗޮކުލެޓު އެ ފޮށިން މަދުވެފައި ހުރިއިރު އޭގެ ކަރުދާސްތައް ކޮފީ މޭޒުމައްޗާއި ކާޕެޓުމަތިން ފެނުނެވެ. ރާދިން ވެސް އިނީ ކޮފީމޭޒުގެ އަނެއްފަރާތުގައި އަރްސަލްއަށް ކުރިމަތިވާނޭ ހެނެވެ. މިވީ ދުވަސްތަކުގައި އެ ދެ ޒުވާނުން ފެންނަނީ ދުވަހަކުވެސް ނިމްރާ ނުދެކޭހާ ބުރަކޮށް އުޅޭ ތަނެވެ. އޮފީހުގެ މަސައްކަތް ކުރުމުގައި އުޅޭއިރު ބައެއް ރޭ ރޭ ކީފާ ވެސް އެގެއަށް އާދެއެވެ. އެފަދަ ރޭ ރޭ ނިމްރާ ބަލަނީ އެ މީހުންގެ ތެރޭގައި ނޫޅެވޭތޯއެވެ. މިހާތަނަށް ނިމްރާ މީހަކު ފެނިގެން ފޫހި ނުވާވަރަށް ކީފާދެކެ ފޫހިވެއެވެ.

"ޑާލިންގް!... މިރޭ ތަންކޮޅެއް ފަހުން ކާނީ. ޑާލިންގް ބަނޑުހައިނަމަ ކާލާ" ރާދިންގެ ބެލުމުގައި އަބަދުވެސް ގާތްގޮތެއް ހުންނަކަން ނިމްރާއަށް ފާހަގަވެއެވެ. އެ ގާތްކަން ނިމްރާގެ އުނދަގޫ ދުވަސްތައް ފަސޭހަކޮށް ލުއިކޮށްދެއެވެ. ރާދިންގެ އެންމެ ކަމުދާ ކަމަކީ އެއީއެވެ. ދުވަހަކު ވެސް ނުރުހުންވެފައި ހުއްޓާ ނިމްރާ ނުދެކެއެވެ.

"ބަނޑުހައެއްނޫން... ފަހުން ކާނީ" ނިމްރާ ބުނެލިއެވެ. ސޯފާގައި އިށީންނަން އުޅެފައި ވެސް އަރްސަލްމެންނަށް އުނދަގޫވެދާނޭހެން ހީވެ ނިމްރާ ހިނގައިގަތީ އެތެރެއަށެވެ.

"ކަމް ހިއާ!... ސިޓް" އަރްސަލްގެ އަމުރުވެރި އަޑު އިވި ނިމްރާ ބަލާލިއެވެ. އޭނާ ކާޕެޓުމަތި ދައްކާލާފައި އިށީނުމަށް ބުނުމުން ނިމްރާ އައިސް އިށީނެވެ. ސޯފާގައި ބުރަކަށި ޖައްސާލައިގެން ދެފައި ވަށްކޮށްލައިގެން އިނެވެ. އޭނާ ކުރަންވީ ކަމެއް ނޭނގެއެވެ. ހުޅުވާފައި ހުރި ޓީވީއަށް ނިމްރާ ނަޒަރު ހުއްޓާލިއެވެ. ރާދިންއާއި އަރްސަލްގެ ކުޑަ ވެސް ސަމާލުކަމެއް އެ ޓީވީއަށް ހުއްޓިފައެއް ނެތެވެ. ނެޝޭނަލްޖޮގްރަފީގެ ޕީޕަލް ޗެނަލް އަޅުވާފައި ހުރިއިރު އަންނަމުން ދިޔަ ޕްރޮގްރާމަށް ނިމްރާ ޝައުގުވެރިވިއެވެ. ކާއެއްޗިއްސާ ބެހޭ ޕްރޮގްރާމެއްވީމައެވެ. އިރުކޮޅަކު އެގޮތަށް އިންދާ މަސައްކަތުގައި އިނދެފައި އަރްސަލް ދިއްކޮށްލީ ޗޮކުލެޓެކެވެ. އެއްބައި ކާލާފައި އޮތް ފެރާރީ ޗޮކުލެޓު ދިއްކޮށްލައިގެން އަރްސަލް އިން ގޮތުން އެއަށް ހަދަންވީ ގޮތެއް ނޭނގިފައި ނިމްރާ ބަލާލިއެވެ. އެހިނދު އަރްސަލް ލޮލުން އިޝާރާތްކޮއްލީ އޭގައި ހިފުމަށެވެ. ނިމްރާ އޭގައި ހިފުމަށްފަހު އަތުގައި އޮތް ޗޮކުލެޓަށް ބަލާލާފައި އަނެއްފަހަރު ލެޕްޓޮޕަށް ސަމާލުކަން ހުއްޓާލައިގެން އިން އަރްސަލްއަށް ބަލާލިއެވެ.

"އީޓް" ހަރުކަށި ރާގެއްގައި އަރްސަލް ބުނެލިއެވެ. ދެ ޚިޔާލެއްގައި އިނދެ ވެސް ނިމްރާ ޗޮކުލެޓު ކާލިއެވެ.

އެރޭ ކޮފީ މޭޒުމަތީ ހުރި ޗޮކުލެޓު ފޮށިން އަރްސަލް ކާން ނެގި ކޮންމެ ޗޮކުލެޓެއްގެ އެއްބައި ކާލާފައި ދިނުމުން ނިމްރާއަށް ކާންޖެހުނެވެ. މާބޮޑު އެއްޗެއް އަރްސަލް ނުބުނި ނަމަވެސް އޭނާގެ އެފަދަ ކުދިކުދި ޢަމަލުތަކުން ނިމްރާގެ ތުންފަތަށް ހިނިތުންވުން ވެރިވަނީ ޚުދު އޭނާ ވެސް ނުދެނަހުއްޓައެވެ. ސިކުނޑި ގަދަބާރު ދެއްކި ނަމަވެސް ހިތުގެ އިހުސާސްތައް އެ ސިކުނޑި މައިތިރިކުރަނީ ހީވެސް ނުކުރާފަދަ ގޮތަކަށެވެ. ނުރުހުންވެ ރުޅި އައުމުގެ ބަދަލުގައި އަރްސަލްއާ މެދު ނިމްރާގެ ހިތް ބަދަލުވެއްޖެކަން ޚުދު އޭނާއަށް ވެސް އެނގޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެ އިހުސާސްއަކީ އުފެދުން ރަނގަޅު އިހުސާސްއެއްކަމެއް ނޫނީ އެއީ ނިމްރާއަށް އަނެއްކާ ވެސް ހެދޭ ގޯހެއްކަމެއް ނޭނގެއެވެ. އެހެންވިޔަސް ނަފްސަށް ހަމަޖެހުން ގެނެސްދޭ އުފާވެރި އިހުސާސެކެވެ. އެ ޖަޒުބާތު ވަރުގަދަވަމުން ދަނީ ހަލުވިކަމާއެކު ހީނުކުރާހާ އަވަހަށްކަން ވެސް އެނގެއެވެ. ނަމަވެސް ހިފެހެއްޓުމުގެ ބާރެއް ނިމްރާގެ ނެތްފަދައެވެ. އެފަދަ އުފާވެރިކަމަކަށް ނިމްރާ ބޭނުންވެފައި ހުރި ކަހަލައެވެ.

* * * *

އެއްޗެހި ދޮންނަން ހުރެފައި މެޝިނަށް ލާން ނެގި އަރްސަލްގެ ޑެނިމް ގަމީސް ދެއަތުން ނިމްރާ ހިފަހައްޓާލައިގެން ހުއްޓެވެ. ހަފްތާތަކެއް ކުރީން މޫދަށް އެރެން ދާންވެގެން ނިމްރާގެ ކުރިމަތީގައި ހުރެފައި އަރްސަލް އެ ގަމީހުގެ ގޮއްތަށް ނެއްޓީ ގަސްދުގައި ނިމްރާއާ ކުރިމަތިލައިގެން ހުރެކަން ނިމްރާއަށް އެނގެއެވެ. އެ ދުވަހުގެ ޚިޔާލުތަކުން ނިމްރާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އެހެންނަމަވެސް ހިތުގައި އުފެދުނު ޖަޒުބާތުތައް ހިފަހައްޓަން މަސައްކަތް ކުރާ ފަދައިން ތިރީތުންފަތުގައި ދަތްއަޅާލިއެވެ. އެހިނދު ކޯތާފަތާއި ކަންފަތަށް އަރައިގެން ދިޔަ ބީޓްރޫޓު ކުލައިގެން އެ ޖަޒުބާތުތަކުގެ އަސަރު ފާޅުވެގެން ދިޔައެވެ. އިޚްތިޔާރަކާއިނުލާ އަރްސަލްގެ ގަމީސް ގެނެސް ނޭފަތާ ކައިރިކޮއްލިއެވެ. އަދިވެސް އެ ގަމީހުގައި އަރްސަލްގެ ވަސް ނުފިލާ ހުއްޓެވެ.

"ޑެވިލް!... އަހަންނަށް ކީއްތަ ތި ކުރަނީ؟ އައި ފީލް ލައިކް އައި އޭމް ލޫސިންގް މައިސެލްފް" ނޭފަތުގައި ގަމީސް ޖައްސާލައިގެން ހުރެ ނިމްރާ ބުނެލިއެވެ. އެވަގުތު ލައިގެން ހުރި ސްކްނީ ޖީންސުގެ ޖީބުން ފޯނު ވައިބްރޭޓްވިކަމުގެ އިހުސާސް ކުރެވި ކުޑަކޮށް ނިމްރާ ސިހުނެވެ.

"ހަލަފް" ހައިރާން ކަމާއެކު ފޯނުގެ އިސްކުރީނުގައިވާ ނަން ނިމްރާ ކިޔާލިއެވެ. ހަލަފް އާދޭސް ކުރާވަރުން ނިމްރާގެ ފޯނު ނަންބަރު އޭނާއަށް ދިންތާ ދުވަސްކޮޅެއް ވެއްޖެއެވެ.

"ރެޑް!... ބިޒީތަ؟" ފޯނުކޯލަށް ޖަވާބުދޭން ނިމްރާ އުޅުނު ހިނދު ހަލަފްގެ އަޑު އިވިގެން ދިޔައެވެ. ހަލަފްއަށް ޖަވާބު ދިނުމުން އޭނާ އެދުނީ ރައްޓެހިންނާއެކު އޮތް ޕާޓީއަކަށް މަޖާކޮށްލަން އައުމަށެވެ. އެ މީހުންނަކީ ސައިކަލު ރޭސްޖަހަން އެ ދުވަހު ހުޅުމާލެއަށް ދިޔަ ގުރޫޕުކަން ވެސް ހަލަފް އޮޅުން ފިލުވައިދިނެވެ. އެމީހުން ވެސް ނިމްރާ ކޮބޯތާ އަހާ ވާހަކަ ވެސް ހަލަފް ބުންޏެވެ.

"އައި ކާންޓް!... ހަލަފްގެ ދޮންބެ ގޮތް އެނގޭނެ ހަމަ ރަނގަޅަށް. އެހާ ލަސްކޮށްފައި ދާންވީމަ. އަރްސަލް އެއްގޮތަކަށް ވެސް ޤަބޫލެއްނުވާނެ" ނިމްރާ ދެކޮޅު ހެދިއެވެ.

"ދެޓް ޑެވިލް!... ދޮންބެ ކީއްވެތަ ރެޑްގެ ލައިފް އެހާ ކޮންޓްރޯލު ކުރަނީ. އަހަރެން ދޮންބެ ގާތު ބުނަންތަ؟" ހަލަފް ބުންޏެވެ.

"ނޯ!ނޯ!ނޯ!.... ތި ދެ މީހުން ބޮޑު ޒުވާބެއް ކުރާކަށް ބޭނުމެއްނޫން. ޕްލީޒް ހަލަފް... އަންޑަސްޓޭންޑް ވެބަލަ. އަހަރެން... އަހަރެން ބޭނުމެއްނޫން އަރްސަލް ރުޅި އަންނާކަށް. ޕްލީޒް... މިފަހަރަކު ނޫން އިނގޭ" ނިމްރާގެ އާދޭސް ހަލަފް އަޑުއެހިއެވެ. ފޯނުކޯލު ކަނޑާލީ ވަރަށް އަވަހަށް ނިމްރާ ދުށުމަށް އަންނާނަން ކަމުގައި ހަލަފް ބުނެފައެވެ.

ހުރިހާ ކަމެއް ނިންމާލާފައި ނިމްރާ އައިސް ސޯފާގައި އޮށޯވެލީ ޓީވީއިން ދައްކަމުން ދިޔަ ފިލްމެއް ބަލާށެވެ. ބިއުޓީއެންޑް ދި ބީސްޓު ބަލަން އޮއްވާ ނިމްރާއަށް ނިދި ޖެހުނީ ކޮންއިރަކު ކަމެއް ނޭނގެއެވެ.

ޓީވީ ހުޅުވާފައި ހުރިއިރު އެތަނުން މީހަކު ނުފެނުމުން އަރްސަލް ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ. ތަންކޮޅަކަށް އާދެވުނު ވަގުތު ސޯފާގައި ނިދާފައި އޮތް ނިމްރާ ފެނުމުން ހުއްޓިލެވުނެވެ. އެ އަންހެންކުއްޖާއަށް ބަލާލާފައި ހިނިތުންވެލަމުން އަރްސަލް ކޮޓަރިއަށް ދިޔައެވެ. އޮފީސް ހެދުން ބަދަލުކޮއްލައިގެން ނުކުމެ ނިމްރާގެ ގާތުގައި ސޯފާގައި އިށީނެވެ. ނިމްރާއާ ދިމާއަށް އެނބުރިލައިގެން އިނދެ ސޯފާގެ ލެނގޭ ބައިގައި ކަނާއަތް އަޅުވާލިއެވެ. އިރުކޮޅަކު ބަލަން އިނުމަށްފަހު މަޑުމަޑުން ނިމްރާގެ ކޯތާފަތުގައި ފިރުމަން ފެށިއެވެ.

"ސްކާލެޓް!... ޔޫ ސްޓޯލް އަ ކިސް އެންޑް ޑޫ ޔޫ ހޭވް އެނީ އައިޑިއާ ވަޓް ޔޫ އާ ޑުއިންގް ޓު މީ... އަހަރެން މީ ޑެވިލްކަން ހަނދާންނެތުނީތަ؟ އައި ކާންޓް... ޑެވިލް ވޯންޓް ފޯލް" މަޑުމަޑުން ނިމްރާގެ ކޯތާފަތުގައި ފިރުމަމުން އަރްސަލް ބުނެލިއެވެ.

"އައި ލަވް ޔޫ" ނިމްރާގެ މޫނު އަރްސަލްއާ ދިމާއަށް އަނބުރާލަމުން ބުނެލިއެވެ. އެހިނދު އަރްސަލްގެ ހުރިހާ ޚިއްސެއް މަސައްކަތް ކުރުން ހުއްޓާލި ފަދައެވެ. ހަރަކާތެއްކޮށްލަން ނޭނގިފައި ނިމްރާއަށް ބަލަން އިނދެވުނީއެވެ.

"ރިއަލީ... ރިއަލީ ސްކާލެޓް" ލޯ މަރާލައިގެން ނިމްރާ އޮންނަން ފެށުމުން އަނެއްކާ ވެސް އޭނާގެ ކޯތާފަތުގައި އަރްސަލް ފިރުމަމުން އަހާލިއެވެ. އޭނާގެ ނިތްކުރީގައި ދެވަނަ ފަހަރަށް އަރްސަލް ބޮސްދިނެވެ.

"ބީސްޓް... އައި ލަވް ޔޫ ބީސްޓް" ނިމްރާ އަނެއްކާ ވެސް ބުނެލިއެވެ. އެހިނދު އަރްސަލްގެ ނަޒަރު ޓީވީއަށް ހުއްޓުނެވެ. އަދި ނިމްރާ އެ އޮތީ ނިދީގައިކަން އެނގުނީ ދެނެވެ. ބޭއިޚްތިޔާރުގައި ވައަތްތިލަ މޫނުގައި އަޅާލެވުމާއެކު ބާރަށް ހީނގަނެވުނެވެ.

"ވަޓް އާ ޔޫ ސްކާލެޓް" ހެމުންހެމުން އަރްސަލްގެ ހިތަށް އެރިއެވެ.

ކުޑަކޮށް ލޯ ހުޅުވާލެވުމާއެކު ނިމްރާގެ ކަންފަތުގައި ޖެހުނީ އަރްސަލްގެ ހުނުމުގެ އަޑެވެ. އަވަސްއަވަހަށް އެސްފިޔަ ޖަހާލުމާއެކު ނިމްރާ ސޯފާއިން ތެދުވިއެވެ. ނަމަވެސް އަރްސަލް ހުސިޔާރުކަމާއެކު ނިމްރާގެ އުނަގަނޑުގައި ދެއަތުން ހިފާލުމާއެކު ގާތަށް ދަމާލިއެވެ. އެއާއެކު ނިމްރާ ވެއްޓުނީ އަރްސަލްގެ އުނގަށެވެ.

"ކޮންއިރަކު އައީ؟ ކީއްވެ ތި ހެނީ؟" އަރްސަލްގެ މޭގައި އޭނާގެ އަތުގެ ތެރޭގައި ހައްޔަރުވެފައި އޮތް ނިމްރާ އަހާލިއެވެ.

"ބީސްޓުދެކެ ލޯބިވުމުގެ ހައްޤު ސްކާލެޓްއަށް ދިނީ ކާކު" އަރްސަލް ބުނި އެއްޗެއް ނިމްރާއަކަށް ނުވިސްނުނެވެ. އޭނާ ދެން ބަލާލީ ޓީވީއަށެވެ. އޭރު ފިލްމު ނިމުމަކާ ކައިރިވެއްޖެކަން އެނގުނެވެ.

"ބިއުޓީ އެންޑް ދި ބީސްޓު" މަޑުމަޑުން ނިމްރާ ބުނެލިއެވެ.

"ސްކާލެޓްއަކީ ޑެވިލްގެ މިލްކެއް. ހަމައެކަނި ޑެވިލްގެ... އޭނާއަށް ހުއްދައެއް ނޯންނާނެ އެހެން ފިރިހެނަކާމެދު ޚިޔާލުކުރުމުގެ" އަރްސަލް ބުނެލިއެވެ. އެ ދެ ލޮލުގެ ކަޅީގެ ކުލަ ގަދަވިއެވެ. ފުންކަނޑެއް ފަދައެވެ. އެސްފިޔަ ޖަހާލުމެއްނެތި އެ ދެ ލޮލަށް ގެއްލިފައި ނިމްރާއަށް އޮވެވުނެވެ. އަރްސަލްގެ ދެއަތް އެ ހަށިގަނޑު ވަށާލާ ގާތްކުރަމުން ދިޔަކަން އިހުސާސް ވިއެވެ. ހިނދެއް ހިނދަކަށް ދިޔައީ ދެ ހަށިގަނޑު ޖެހި ފިތިބާރުވަމުންނެވެ.

"ޔޫ ސްޓޯލް އަ ކިސް އެންޑް ރޭން އަވޭ. އައި ވޯންޓް އިޓް ބެކް" ވައި އަޑުން އަރްސަލް ބުނެލިއެވެ. އޭރު އޭނާގެ ދިގު ނޭފަތުގެ ކޮޅު ހުރީ ނިމްރާގެ ނޭފަތުގައި ޖެހިފައެވެ. އަރްސަލްގެ ފަރާތުން އެ ހުންނަ ދަމާ ބާރަށް ދެކޮޅު ހެދުމުގެ އެއްވެސް ބާރެއް ނިމްރާގެ ނެތްފަދައެވެ. އެ ދެ ލޯ މަރާލީ އިތުރަށް އަރްސަލްގެ ލޮލަށް ބަލަން ކުޅަދާނަ ނުވެގެންނެވެ. އަރްސަލް އިތުރު ސިކުންތެއް ބޭކާރެއްނުކުރިއެވެ.

އެޕާޓެމެންޓުގެ ދޮރު ހުޅުވާލި ރާދިންއަށް ވެސް ސިހުން ލިބުނީ ސޯފާގައި ތިބެފައި ކުއްލިއަކަށް ދުރަށް ޖެހުނު އަރްސަލްއާއި ނިމްރާ ފެނިފައެވެ. އޭނާއަށް ދެ ޒުވާނުންގެ ހަރަކާތްތައް ފާހަގަވިއެވެ. އަރްސަލްގެ ފުންވެފައިވާ ނޭވާ ހަމައަކަށް އަޅުވަމުން އޭނާ އިސްތަށިގަނޑުގައި ތިން ހަތަރު ފަހަރަށް އަތް ހިންގާލިއެވެ. މޫނުގައި ދެއަތްތިލަ ހާކާލިއެވެ. ތުންފަތުގައި ދޫހިންގާލާ އަވަސްއަވަހަށް ތިރީތުންފަތުގައި ދަތްއަޅާލިއެވެ. ހިނގައިދިޔަ ކަމެއް ނުވާ ކަމަށް ހަދަން އަރްސަލް މަސައްކަތް ކުރަމުން ކޮފީމޭޒު މަތީ އޮތް ޓިވީ ރިމޯޓު ނެގިއެވެ. ނިމްރާއަށް ހަރަކާތެއްކޮށްލަން ނުކެރި ގަނޑުވެފައި އިނދެވުނީއެވެ. ރާދިން އަނގައިން ނުބުނެ އެތެރެއަށް ވަދެގެން އައިސް އޭނާގެ ކޮޓަރިއަށް ވަނީއެވެ.

"އަރްސަލް! އާދެބަލަ" ހެދުން ބަދަލުކޮށްގެން ކޮޓަރިން ނުކުމެގެން އައި ރާދިން ގޮވާލިއެވެ. އަރްސަލް ދެބުމަ ހިއްލާލާ ކިހިނެއްވީތޯ އަހާލާ ފަދަ އިޝާރާތެއްކޮށްލިއެވެ.

"ވާހަކައެއް ދައްކާލަން... އާދެބަލަ" ރާދިން ބުންޏެވެ. އެއާއެކު އަރްސަލް ތެދުވެގެން ރާދިންއާއެކު ދިޔައެވެ

ނިމްރާ ބަލާލިއިރު ސިޓިންރޫމުއިން ނުކުމެވެން ހުރި ބެލްކަންޏަށް ދެ ޒުވާނުން ނުކުންނަނީއެވެ. ރާދިން ބިއްލޫރި ދޮރު ދަމާލާ ލައްޕާލި ގޮތުން އެ ދެ ޒުވާނުން ދައްކާ ވާހަކައެއް އިތުރު މީހަކަށް އިވެން ބޭނުންނުވަނީއޭ ނިމްރާއަށް ހީވިއެވެ. ލަދުން މަރުވާވަރުވެފައި ހުރި ނިމްރާ ހަލުވި ފިޔަވަޅުގައި އޭނާގެ ކޮޓަރިއަށް އައީއެވެ. އަރްސަލްގެ ތުންފަތުގެ ބީހުމާއެކު ދެ މީހުން ވެސް މަސްތުކަމެއްގެ ތެރެއަށް ގެނބިގެންދާން ގިނައިރެއްނުނެގިއެވެ. ތިބެވުނު ތަން ވެސް ހަނދާންނެތި އެ ވަގުތުކޮޅު ދިގު ދެމިގެން ދިއުމަށް އަރްސަލް މަސައްކަތް ކުރުމުން އެކަން ހުއްޓުވަން ނިމްރާ ވެސް ބޭނުންނުވީއެވެ.

އެރޭގެ ވަގުތުތައް ދިގުވިހެން ނިމްރާއަށް ހީވިއެވެ. އަރްސަލް ވެސް ރާދިން ވެސް އޭނާއާ ވާހަކައެއް ނުދެއްކިއެވެ. އަރްސަލް ދެތިން ފަހަރަކު ނިމްރާއަށް ނަޒަރު ހުއްޓާލައިގެން ހުއްޓާ ފެނުނެވެ. ނަމަވެސް އަނގައިން ބުނާކަށް ގަސްދެއްނުކުރިއެވެ. ނިމްރާގެ ހިތް ނުތަނަވަސްވިއެވެ. ނަމަވެސް ހިތްހަމަޖައްސާލީ އަރްސަލް ހަމަޖެހިގެން ވާހަކަދައްކާނޭ ހިތަށް އަރުވާލައިގެން ހުރެއެވެ.

ދެ ދުވަސް ފާއިތުވެގެން ދިޔައިރު ގޭތެރެއިން އެކަކު ވެސް ނިމްރާއާ ވާހަކައެއް ނުދައްކައެވެ. އެކަމާ ނިމްރާ މާޔޫސްވެ ކުށެއްކުރެވިއްޖެ ކަމުގެ އިހުސާސް އޭނާ ވަށާލިއެވެ. ފަތިސް ނަމާދުން ފައިބައިގެން އައިސް އެޕާޓްމެންޓަށް ވަން ރާދިންއަށް ކޮފީއެއް ހަދައިގެން ނިމްރާ އަވަހަށް ގެނެސްދިނެވެ.

"ސޮރީ..." ރާދިން ކޮފީ ޖޯޑުގައި ހިފުމުން އިރުކޮޅަކު އޭނާގެ ކުރިމަތީ ހުރެފައި ނިމްރާ ބުނެލިއެވެ. ހަޤީޤަތުގައި މަޢާފަށް ރާދިންގެ ގާތުގައި އެދެންޖެހުނީ ކީއްވެކަމެއް ނިމްރާއަށް ނުވިސްނުނު ނަމަވެސް އޭނާއަށް އިތުރު ގޮތެއް ނޭނގުނީއެވެ. ރާދިންއަށް ފެނުނީ ނިމްރާ ވެސް އޭނާއަށް ފެންނަން ނޭދޭ މަންޒަރެކެވެ.

"އައި އޭމް ރިއަލީ ސޮރީ" ރާދިން އަނގައިން ނުބުނުމުން ނިމްރާ ދެވަނަ ފަހަރަށް މަޢާފަށް އެދުނެވެ.

"ޑާލިންގް... އިޓްސް ނޮޓް ޔޯ ފޯލްޓް. އަރްސަލް..." ރާދިން ބުނަން އުޅުނު އެއްޗެއް ފުރިހަމައެއް ނުކުރިއެވެ. ނިމްރާގެ ސިކުނޑީގައި ތަފާތު ސުވާލުތައް އެކަމުގެ ސަބަބުން އުފެދުނެވެ. ރާދިން ހީކުރަނީ އަރްސަލް ގަދަކަމުން ކަމެއް ކުރަން އުޅުނީ ކަމުގައިވާނަމަ އެކަން ދޮގު ކުރަން ނިމްރާ ބޭނުންވިއެވެ. އެ ދެމެދުގައި އެފަދަ ގާތްކަމެއް ހިނގީ ދެ މީހުންގެ ވެސް އަމިއްލަ އިޚުތިޔާރުގައެވެ.

"ނިމްއަށް ބާވީސް އަހަރު ދޯ" ރާދިން އަހާލިއެވެ. އެއާއެކު ނިމްރާ ބޯޖަހާލިއެވެ.

"ބާބެކިއު ހަދަން ދިޔަ ދުވަހު ފެނުނީ ކާކުކަން ބުނެދީފާނަންތަ؟" ރާދިން އަނެއްކާ ވެސް ސުވާލުކުރިއެވެ.

"އެ... ބުނީމެއްނު ކުރީގެ ފްރެންޑެކޭ" ނިމްރާ ވަގުތުން ޖެހިލުންވިކަން ރާދިން ނަގައިގަތެވެ.

"ކޮންނަމެއް ކިޔަނީ؟" ރާދިން އެހިއެވެ.

"އޭނާގެ ވާހަކަދައްކާކަށް އަހަރެން ބޭނުމެއްނޫން" ނިމްރާ ވަގުތުން ދެކޮޅު ހެދިއެވެ.

"ނަން ބުނެވިދާނެއެއްނު. ޑާލިންގް އެ ވާހަކަދައްކަން ބޭނުންނުވަންޏާ އޯކޭ ކިޔައިނުދިނަސް. ހަމަ އަހާލީ" ރާދިން ކޮފީ ޖޯޑުން އެތި ފޮދެއް ބޯލިއެވެ. ނިމްރާއާ ނަޒަރު ސީދާ ނުކުރި ނަމަވެސް އޭނާއަށް އަންނަމުންދިޔަ ބަދަލު ރާދިންއަށް ފާހަގަވިއެވެ.

"މި... މި.ޢު.ވާ.ނު" އުނދަގުލުން ނިމްރާ ނަން ކިޔާލިއެވެ. އިތުރަށް އެއްވެސް އެއްޗެއް ނުބުންޏެވެ.

ހެނދުނުގެ ނާސްތާގައި ރާދިން ކޮންމެވެސް ވަރަކަށް ވާހަކަދެއްކިއެވެ. ނަމަވެސް އަރްސަލްއަށް ނިމްރާ ފެންނަ ކަމަކަށް ނުހެދިއެވެ. ނިކަން އަވަހަށް ސައިބޮއެގެން އެޕާޓްމެންޓުން ނުކުމެއްޖެއެވެ.

މުޅި ދުވަހު ކަހަލަ ގޮތަކަށް ނިމްރާއަށް އަރްސަލްއެއް ނުފެނެއެވެ. ރާދިން ހިނިތުންވެ ވާހަކަދައްކައެވެ. ނަމަވެސް އަރްސަލް ވީތަނެއް އަހާލާކަށް ނުކެރުނެވެ. އެހެން ހުއްޓާ އިރުއޮއްސުނު ފަހުން އަރްސަލް ގެއަށް އައިސް ހެދުން ބަދަލުކޮށްލައިގެން ބޭރަށް ނުކުތްތަން ނިމްރާއަށް ފެނުނެވެ. ހީވަނީ ވާހަކައެއް ދައްކާނޭ ފުރުޞަތު ވެސް ނިމްރާއަށް ނުދޭން އަރްސަލް އުޅޭ ހެނެވެ.

އެނދުގައި ދެއަތަށް ފުރޮޅެމުންދިޔަ ނިމްރާއަށް ނިދިފައި ހޭލެވުމާއެކު ފޯނު ބަލާލިއެވެ. ދަންވަރު ދޭއްޖަހައި އިރުކޮޅެއް ވެއްޖެއެވެ. އޭނާއަށް ނިދުނީ އަރްސަލްއާ މެދު ވިސްނަން އޮއްވައެވެ. ހޭލެވުމާއެކު އަނެއްކާ ވެސް ސިކުނޑީގެ ހަމަޖެހުން އެ ޚިޔާލުތައް ނަގާލައިފިއެވެ. ފުންނޭވާއެއްލާފައި ނިމްރާ ތެދުވީ ސިޓިންރޫމަށް ނުކުތުމަށެވެ. ކޮޓަރީގައި އޮތުމުން އިތުރަށް ސިކުނޑި ހާސްވާގޮތްވާހެން ހީވާތީއެވެ. ދެ ލޮލުން ނިދި މުޅިން ފިލައިފައި ވުމުންނެވެ.

ކޮޓަރިން ނުކުމެ ސިޓިންރޫމާ ހަމައަށް އާދެވުމުގެ ކުރީން އެ ތަނުގައި ބަޔަކު އުޅޭކަމުގެ ހިލަންވިއެވެ. އަންހެންކުއްޖެއްގެ ލުއި ހީނލުމުގެ އަޑު ވެސް އިވުނެވެ. ބެލްކަނިން އެޅިފައި ހުރި އަލިކަން ފިޔަވާ އިތުރު އަލިކަމެއް އެތަނުގައި ނުވެއެވެ. ނިމްރާ މަޑުމަޑުން އައިސް ބަދިގެއާ ވީފަޅިން ފާރުގައި ހުރި ސުވިޗު ޖައްސާލިއެވެ. އެއާއެކު ވެރިވެގެން ދިޔަ ހުދު އަލީގެ ތެރޭގައި ފެނުނު މަންޒަރުން ނިމްރާގެ ނޭވާ ހުއްޓިއްޖެއެވެ. ހީވީ ނުފެންނަ އަތަކުން އޭނާގެ ވައިނޮޅީގައި ހިފީ ހެނެވެ. ކަޅުކުލައިގެ ސްކްނީ ޖީންސަކާއި ރަތްކުލައިގެ "އޯފް ޝޯލްޑާ" ޓޮޕެއް ލައިގެން ހުރި ދޮން ރީތި އަންހެންކުއްޖަކު އަރްސަލްގެ އަތުގެ ތެރެއިން ނުކުތްތަން ނިމްރާ ބަލަން ހުރީ އެސްފިޔަ ޖަހާލަން ވެސް ހަނދާންނެތިފައެވެ. އަރްސަލްގެ ނަޒަރު ނިމްރާއަށް ހުއްޓުނު ވަގުތު އެ ދެ ލޮލުން ސިހުން ފެނިގެންދިޔައެވެ. ނަމަވެސް އެ އަސަރު ނިކަން އަވަހަށް ފިލައިގެން ހިނގައްޖެއެވެ. ދެބުމަ ކައިރިކޮށްލާ ފޫހިކަން އެ މޫނަށް ވެރިވެގެންދިޔައެވެ. ގަދަ ނޫކުލައިގެ ފޭދިފައި ހުރި ޖީންސުގައި އަރްސަލް ހުރިއިރު އެ ހަށިގަނޑުގެ މަތީކޮޅުގައި އެއްވެސް ނިވާކަމެއް ނެތެވެ. އުނދަގުލުން ނަމަވެސް ނިމްރާއަށް ހިންދިރުވާލެވުނެވެ.

"މީ ކޮން ގާލްއެއް؟" އަރްސަލްއާ ދުރަށް ޖެހުނު އަންހެންކުއްޖާ ނިމްރާއަށް ބަލާލަމުން ސުވާލުކުރިއެވެ. ރީތި ސިފައަކާއި ހަށިގަނޑުގެ ބައްޓަންތައް ފުރިހަމަ އަންހެންކުއްޖެކަން ނިމްރާ ޤަބޫލުކުރަން ބޭނުންނުވި ނަމަވެސް އެއްބަސްވާން ޖެހުނެވެ. އަރްސަލް ފަދަ ފުރިހަމަ ޒުވާނަކާ އެފަދަ ރީތި އަންހެންކުއްޖަކު އެކަށީގެންވެއެވެ. ކަޅުކަން ގަދަ ރީތި ފަން އިސްތަށިގަނޑު ނިއުޅާލާފައި އޮތްއިރު އުނަގަނޑާ ހަމައަށް އާދެއެވެ. އެ ދެ ޒުވާނުން ނުހަނު ގުޅެއޭ އަމިއްލަ ޟަމީރު އެއްބަސްވިއެވެ. އެހެންނަމަވެސް ނިމްރާގެ ހިތަށް ތަދުވަމުންދިޔައެވެ. މޭކަށިތަކުގެ ތެރޭގައި ހިތް ފިތެމުންދަނީއޭ ހީވިއެވެ.

"އޯ! ޝީ އިޒް ނަތިންގް... ޑޯންޓް މައިންޑް ހާ" ތުންފަތުގެ އެއްފަރާތް މައްޗަށް ދެމިލި ހިނދު އަރްސަލްގެ ދުލުން އިވިގެން ދިޔަ ބަސްތައް ހީވީ ނިމްރާގެ ކޯތާފަތުގައި ވިހެލި ބާރު އެތިފަހަރެއް ހެންނެވެ. ދެތުންފަތް ފޫއަޅުވާލާފައި ހިމޭން އާހެއްނުކުތެވެ.

"ލީވް... ލީވް ނައު... ގެޓް ލޮސްޓް" އަރްސަލްގެ ބާރު އަޑާއެކު ނިމްރާ ސިހުނެވެ. ނަމަވެސް ހުރި ފިޔަވަޅު މަތިން ގުޑިލުމުގެ ބާރެއް ނެތް ފަދައެވެ. ހަޤީޤަތުގައި އެ ހަރުކަށި ބާރު އަޑުން ލިބުނު ސިހުމަށްވުރެ ނަފްސަށް އެ ވަގުތު ލިބިފައި ހުރި ސިހުން މާ ބޮޑެވެ.

"އާދޭ ކޮޓަރިއަށްދާން... މިތާ އަހަރެމެންނަށް ޕްރައިވެސީއެއްނެތް" އަރްސަލް އެ އަންހެންކުއްޖާގެ އުނަގަނޑުގައި ހިފާ ގާތަށް ދަމާލާފައި ބުނެލިއެވެ. އަދި ސޯފާތަކުން އެކަކަށް އިށީނދެވޭނޭހެން ހުރި ގޮނޑީގެ ލެނގޭބައިގައި އޮތް އަރްސަލްގެ ގަމީސް ނެގިއެވެ. ނިމްރާ އިސްޖަހާލި ވަގުތު އޭނާގެ ލޮލުން ފުރޮޅިގެން ކޯތާފަތުން ލާފައި ވޭނުންފުރިގެންވި ކަރުނަތިއްކެއް ވެއްޓުނީ އޭނާގެ އަމިއްލަ އިޚުތިޔާރުން ބޭރުގައެވެ. އަރްސަލްގެ ސަމާސާއާއެކު އެ އަންހެންކުއްޖާގެ ހުނުމުގެ އަޑު އިވިގެންދިޔަ ހިނދު ނިމްރާ ދެ ލޯ މަރާ ބާރުކޮށްލިއެވެ. ހަމައާއެކު ދެތުންފަތް ޖައްސާ ބާރުކޮށްލިއެވެ. އޭނާގެ ގާތުން ލާފައި އަރްސަލް އެ އަންހެންކުއްޖާ ގޮވައިގެން ދިޔައިރު ނިމްރާގެ ކޮނޑާ ދިމާއިން އަރްސަލް ޖެހިލާފައި ދިޔަ ގޮތް އިހުސާސް ވިއެވެ. އެ ބީހުމުން މިފަހަރަކު ނިމްރާގެ ހަށިގަނޑަށް ކަށިތަކެއް ހެރިގެން ދިޔަ ފަދައެވެ. އިތުރަށް ދެ ލޯ މަރާ ބާރުކޮށްލެވުނީ އަރްސަލްގެ ކޮޓަރީގެ ދޮރު ލައްޕާލި އަޑު އިވުމުންނެވެ. (ނުނިމޭ)