ހަބަރު

ފްލެޓް ކެޓަގަރީއެއްގައި ލައްވާނުލާނެ އާއިލާއެއް ނޯންނާނެ: މުއިއްޒު

މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރޭގައި މިހާރު ހުޅުވާލާ ފްލެޓު ކެޓަގަރީތަކުގެ ތެރެއިން ކެޓަގަރީއެއްގައި ލައްވާ ނުލާނެ އާއިލާއެއް ނުހުންނާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު ވިދާޅުވީ މާލޭގައި ދިރިއުޅޭ އަތޮޅުތަކު ތެރޭ ރައްޔިތުންގެ ތެރެއިން އުމުރުން 41 އަހަރަށް ވުރެ މަތި އަދި އެއްވެސް ކެޓަގަރީއެއްގައި ނުހިމެނޭ ފަރާތްތަކަށް މިފަހަރު ކެޓަގަރީއެއް ނެތީ ކީއްވެގެންތޯ ގިނަ ބަޔަކު ސުވާލު އުފައްދަމުން އަންނަ ކަމަށެވެ. އޭގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ރަށްވެހިކަން ހާއްސަކޮށްފައި ވާނީ އެންމެ ދެ ކެޓަގަރީއެއްގައި ކަމަށާއި އެއީ މާލޭ ރަށްވެހިންގެ ކެޓަގަރީ އާއި ދަފްތަރުގައި ޖެހިފައި ހުންނަ ފަރާތްތަކުގެ ކެޓަގަރީ އެކަނި ކަމަށެވެ. އެހެން އެއްވެސް ކެޓަގަރީއެއްގައި އެ މީހެއްގެ ރަށްވެހިކަމަކަށް ތަފާތެއް ނުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން 41 އަހަރަކީ އުމުރުގެ ލިމިޓެއް ކަމަށް ކަނޑައަޅާފައި ވާނީ ހަމައެކަނި ކައިވެނިކޮށްގެން އުޅޭ ޒުވާނުންނަށް ހާއްސަކެޓަގަރީގައި ކަމަށެވެ. އަދި އެހެން ހުރިހާ ކެޓަގަރީއަކަށް ޝަރުތު ހަމަވާ 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ކުރިމަތިލެވޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އެހެންކަމުން ސީދާ ވަކި މީހަކަށް ފްލެޓެއް ލިބޭނެ ގޮތެއް އެއްވެސް ކެޓަގަރީއަކުން ނެތްކަމުގައިވީ ނަމަވެސް ކޮންމެވެސް ގޮތަކުން އެ މީހެއްގެ ދަރިން ނުވަތަ އާއިލާގެ އެހެން ފަރާތަކަށް ފްލެޓަށް ކުރިމަތިލެވޭނެ ކެޓަގަރީތައް ހުންނާނެ ކަމަށް ޔަގީންކަން އަރުވާ ކަމަށެވެ. އަދި މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރޭގައި އެތަނުން އެއްވެސް ކެޓަގަރީއަކަށް ލައްވާނުލާނެ އާއިލާއެއް ނުހުންނާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"މިސާލަކަށް ތިމާއަށް ކުރިމަތި ނުލެވެނީ، އެހެންވެއްޖެއާ ދަރިންނަށް ނުވަތަ އެއްކޮށް އުޅޭ އާއިލާގެ އެކި ފަރާތްތަކަށް ކުރިމަތިލެވޭނެ ކެޓަގަރީތައް ހުންނާނެ، މި ނެޓުން ނެއްޓިގެން ބޭރަށް ދާނެ އެއްވެސް މީހަކު ދިވެހި ރައްޔިތަކު ނުހުންނާނެ މާލޭ ސަރަހައްދުގައި އުޅޭ ފަރާތެއް ނަމަ، އެހެންވީމަ ކަންބޮޑުވެވަޑައިގަންނަވާނެ ކަމެއް ނެތް، އާއިލައަށް ލުއިއެއް ލިބިގެން ދާނެ، ދިރިއުޅުމަށް ރަނގަޅު ބަދަލެއް މި ފަހަރު އަންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ބޯހިޔާވެހިކަމުގެ މަޝްރޫއުގެ ދަށުން ރައީސް އަބްދުﷲ ޔާމީންގެ ދައުރުގެ ފުރަތަމަކޮޅު ވެސް ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލި އެވެ. އޭރު ދެ ކެޓަގަރީއަކަށް ހުޅުވާލި އިރު 15،000 އަކަށް މީހުން ފޯމްތައް ހުށަހެޅި އެވެ. އެ ފޯމްތައް މިބުރު ބަލައެއް ނުގަނެ އެވެ.

އެކަމާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ ކުރީގެ ފޯމްތައް ބަލައި ނުގަންނަން ނިންމާފައި ވަނީ އެއީ އޭގެ ފަހުން އަހަރުތަކެއް ހިނގައި ގޮސްފައިވާ ފޯމް ހުށަހެޅި މީހުންގެ ދިރިއުޅުމުގެ ހާލަތު ބަދަލުވެފައިވާނެތީ ކަމަށެވެ. އެހެންވެ އިންސާފުވެރި ގޮތަކީ ވެސް އެ މީހުންގެ ދިރިއުޅުމުގެ ހާލަތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތަށް ބެލުމަށް ފަހު ހަމަހަމަ އުސޫލެއްގެ މަތިން ފްލެޓުތައް ދޫކުރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެ ފަރާތްތަކުގެ ހައްގު ހިމާޔަތް ކުރެވޭނީ މިގޮތަށް ހަދައިގެން، ކުރީގައި ފްލެޓަށް ފޯމުލީ އެންމެނަށް ދޭން ޖެހޭ އެ މީހުންގެ ދިރިއުޅުމަށް އައި ބަދަލު ދެންނެވުމުގެ ފުރުސަތު، އެކަން ނުދީ ކުރިޔަށް ގެންދިޔުމަކީ އެ ބޭފުޅުން ވެސް ގަބޫލު ކުރެވޭނެ ގޮތެއް ނޫން،" މުއިއްޒު ވިދާޅުވި އެވެ.

ފަނަރަހާސް މީހުންގެ ހައްގު ހިމާޔަތްކޮށް ފުރުސަތު ދިނުމަށްޓަކައި ކުރިން ދެ ކެޓަގަރީއަކަށް އޮތް ނަމަވެސް މި ފަހަރު 17 ކެޓަގަރީއަކަށް ހުޅުވާލާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެންކަމުން އެ ފުރުސަތު މިފަހަރު އިތުރަށް ބޮޑުވެގެން ދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.