ކުޅިވަރު

ގައުމީ ކެރަމް ޗެމްޕިއަންކަން ވިދާދު އާއި ހާމިދު

ގައުމީ ކެރަމް މުބާރަތުގެ އަންހެން ޗެމްޕިއަންކަން އާމިނަތު ވިދާދު ޖެހިޖެގެން ދެ ވަނަ ފަހަރަށް ހޯދައިފި އެވެ. ފިރިހެން ޗެމްޕިއަންކަން ހޯދީ އަހްމަދު ހާމިދު އެވެ.

އަންހެން ސިންގަލްސްގެ ވިދާދު ކާމިޔާބު ކުރީ ފައިނަލުގައި އާމިނަތު ވިޝާމާ އާ ދެކޮޅަށް ކުޅެ ކާމިޔާބު ހޯދައިގެންނެވެ. ފިރިހެން ފައިނުގައި އަހްމަދު ހާމިދު ކާމިޔާބު ކުރީ ޝާފީ މުހައްމަދު ބަލި ކުރުމަށް ފަހު އެވެ.

އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އާމިނަތު ޝޫބާ އާދަމް އާއި ފާތިމަތު ރާޔަންގެ ޕެއާއެވެ. އެ ދެ ކުޅުންތެރިން ފައިނަލުގައި ކާމިޔާބު ކުރީ އައިޝަތު ފައިނާޒު އާއި ވިޝާމާގެ ޕެއާ ބަލި ކުރުމަށްފަހު އެވެ.

ފިރިހެން ޑަބަލްސްގައި މުހައްމަދު މުންތަސިރު އާއި އިސްމާއީލް އަޒްމީން (ނީލް) ގެ ޕެއާ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ހުސައިން ނީޝަމް އާއި ހަސަން ނިޒާމްގެ ޕެއާގެ މައްޗަށް ކާމިޔާބު ހޯދައިގެންނެވެ.

މިކްސް ޑަބަލްސްގެ ޗެމްޕިއަންކަން ހޯދީ ހަސަން ނާޒިމް އާއި ފައިނާޒްގެ ޕެއާ އެވެ. ފައިނަލުގައި އެދެ ކުޅުންތެރިންނާ ވާދަ ކުރީ އާދަމް އަދީލް އާއި ފާތިމަތު ރާޔަންގެ ޕެއާއެވެ. ސިންގަލްސް ޗެމްޕިއަންކަން ހޯދި ވިދާދު އާއި ހާމިދުގެ ޕެއާ ލިބުނީ މިކްސް ޑަބަލްސްގެ ތިން ވަނަ އެވެ.

ޓީމު އިވެންޓްގެ އަންހެން ޗެމްޕިއަންކަން ހޯދީ ކުޑަ ހެންވޭރު ޔުނައިޓަޑެވެ. ފައިނަލުގައި އެ ޓީމު ނިކުތީ، ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. ތިން ވަނަ ހޯދީ ގްރީން ސްޓްރީޓްގެ ޓީމުންނެވެ.

ފިރިހެން ޗެމްޕިއަންކަން ހޯދީ ޓީސީ އެވެ. ފައިނަލުގައި އެތީޓީ ނިކުތީ މާޒިޔާ އާ ދެކޮޅަށެވެ. ތިން ވަނަ ހޯދީ ކުޑަ ހެންވޭރު ޔުނައިޓަޑެވެ.