ޓެކްނޯލޮޖީ

ޓުވިޓާގެ ޕާސްވޯޑް ބަދަލުކުރަން އަންގައިިފި

މަޝްހޫރު ޝޯޝަލް މީޑިއާ ނެޓްވޯކް "ޓުވިޓާ" ބޭނުންކުރާ ހުރިހާ މީހުން، އެމީހެއްގެ އެކައުންޓުގެ ޕާސްވޯޑް ބަދަލު ކުރުމަށް އެ ކުންފުނިން އަންގައިފި އެވެ. އެ ކުންފުނިން މިހެން އެންގީ ޓްވިޓާ ބޭނުންކުރާ ބައެއް މީހުންގެ ޕާސްވޯޑުތައް ޓުވިޓާގެ އެތެރޭގެ ނެޓްވޯކެއްގެ ހާމައަށް ފެންނަ ގޮތަށް ހުރިކަން އެނގުމުންނެވެ.

ޓުވިޓާ ބޭނުންކުރާ މީހުން އަދަދު މިހާރު އުޅެނީ 330 މިލިއަނަށްވުރެ މަތީގަ އެެވެ.

"އަހަރެމެންގެ އެތެރޭގެ ނެޓްވޯކެއްގައި ޕާސްވޯޑުތައް ހާމައަށް ފެންނަ ގޮތަށް ހުރީ. މި މައްސަލަ މިހާރު ވާނީ ހައްލުކޮށްފައި" އެ ކުންފުނިން ޝާއިއުކުރި ބްލޮގް ޕޯސްޓެއްގައި ބުނެފައި ވެ އެވެ.

"އަހަރެމެން 'ހޭޝިން' ކިޔާ ޕްރޮސެސްއެއްގެ ދަށުން ޕާސްވޯޑުތައް އަބަދުވެސް ފޮރުވަން. އެ ޕްރޮސެސްގެ ދަށުން އަސްލު ޕާސްވޯޑް ބަދަލުވާނީ ނަމްބަރާއި އަކުރުތަކަކަށް. އޭރަށް އަހަރެމެންނަށް ވެސް ޓުވިޓާ ބޭނުންކުރާ މީހުންގެ ޕާސްވޯޑެއް ނުފެންނާނެ." ޓުވިޓާއިން ބުނީ މައްސަލަޖެހުނީ މި ޕްރޮސެސްގެ ތެރޭގައި ކަމަށެވެ.

ޓުވިޓާގެ ބާނީ، ޖެކް ކޮށްފައިވާ ޓުވީޓެއް.

މިކަމާއި ގުޅިގެން އެ ކުންފުނިން ހިންގި ތަހުގީގަށްފަހު ބުނީ، މިކަމަކީ އެއްވެސް ފަރާތަކުން ގަސްތުގައި ކޮށްފައިވާ ކަމެއްކަން ނޫންކަމަށާއި މިއީ ދިމާވި ޓެކްނިކަލް މައްސަލައެއް ކަމަށެވެ. ޓުވިޓާ ބޭނުންކުރާ މީހުންގެ ޕްރައިވެސީގެ ރައްކާތެރިކަމާއި މެދު އެކުންފުނިން އަބަދުވެސް ވިސްނާކަމަށާއި ކުރިއަށް އޮތް ތަނުގައި މިފަދަ ކަމެއް ވިޔަނުދިނުމަށްޓަކައި ޕްރައިވެސީ ވަރުގަދަކުރަމުން އަންނާނެ ކަމަށެވެ.

މައްސަލަ ހައްލުވިނަމަވެސް ރައްކާތެރިކަމަށްޓަކައި ހުރިހާ ފަރާތްތަކަކުންވެސް ޕާސްވޯޑު ބަދަލުކުރުމަށް ޓުވިޓާއިން ވަނީ އެދިފަ އެވެ.