ހަބަރު

ޖެމްސް މައްސަލަ: އަލީ ހަމީދާއި ހަސަނުގެ ހެކިބަސް ނުނެގި

ދައުލަތުގެ ލިޔެކިޔުންތައް ބަދަލު ކުރުމަށް ގާއިމުކޮށްފައިވާ ނެޓްވޯކް، ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ހިދުމަތް ފެބްރުއަރީ ހަތަރު ވަނަ ދުވަހާއި ފަސް ވަނަ ދުވަހު މެދުކަނޑާލި މައްސަލާގައި ދިފާއީ ހެކިގެން ގޮތުގައި ހުށަހަޅާފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދުގެ ހެކިބަސް ނުނަގަން ކޯޓުން ނިންމައިފި އެވެ.

ޖެމްސްގެ ހިދުމަތް މެދުކަނޑާލައި ރައީސް އަބްދުﷲ ޔާމީން ފޮނުއްވި ސިޓީތަކެއް ބަލައިނުގަތް މައްސަލާގައި އުއްތަމަ ފަނޑިޔާރުގެ މައްޗަށް އުފުލާފައިވަނީ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ އެވެ. މިއަދުގެ ޝަރީއަތުގައި އޮތީ އުއްތަމަ ފަނޑިޔާރުގެ ދިފާއުގައި ހުށަހަޅާފައިވާ ހެކިވެރީންގެ ހެކި ބަސް ނެގުމެވެ.

ދިފާއީ ހެކީންގެ ގޮތުގައި ހުށަހަޅާފައިވަނީ ސުޕްރީމް ކޯޓުގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ވަހީދާއި އަލީ ހަމީދާއި ހަސަން ސައީދުގެ އިތުރުން ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ފާތުމަތު ޔުމްނާ އާއި ކޯޓުގެ އިދާރީ މުއައްޒަފެއް ކަމަށްވާ އާތިކާ އިބްރާހިމެވެ. ނަމަވެސް މިއަދުގެ ޝަރީއަތަށް ހާޒިރުވެފައިވަނީ އެންމެ ހެކިވެރިއެކެވެ. އެއީ އިބްރާހިމް ވަހީދެވެ.

މިއަދުގެ ޝަރީއަތުގައި ދިފާއުން ހުށަހަޅާފައިވާ ހެކިވެރީންގެ ހެކިބަސް ނެގުމާއި ގުޅޭގޮތުން ވަނީ ވަރަށް ބޮޑު ބަހުސަކަށް ގޮސްފަ އެވެ. އެގޮތުން ދައުލަތުން ވަނީ ދިފާއީ ވަކީލުންގެ ފަރާތުން ހުށަހަޅާފައިވާ ހެކިވެރީންނަކީ ދައުލަތުން ހުށަހަޅާފައިވާ މައްސަލަ ސާބިތު ކުރަން ހުށަހަޅާފައިވާ ހެކިވެރިން ނޫން ކަމަށެވެ. އެހެން ކަމުން އެފަރާތްތަކުގެ ހެކިބަސް ނަގަން ނުޖެހޭނެ ކަމަށާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހެކިވެރިން ބަލައިނުގަތުމަށް އެދިވަޑައިގެންނެވި އެވެ.

އެކަމަށް ރައްދު ދެއްވައި ދިފާއީ ވަކީލުން ވިދާޅުވީ، ދިފާއީ ވަކީލުންގެ ފަރާތުން ހުށަހަޅާފައިވާ ހެއްކަކީ މި މައްސަލައަށ ވަރަށް މުހިންމު ހެކި ކަމަށާއި ހެކިބަސް ނަގަން ޖެހޭނެ ކަމަށެވެ. ދިފާއީ ވަކީލުން ވަނީ ހެކިވެރިން ހުށަހެޅި ސަބަބުތައްވެސް ބަޔާންކޮށްފަ އެވެ.

އެގޮތުން ފަނޑިޔާރު އަލީ ހަމީދާއި ހަސަން ސައީދު ހެއްކެއްގެ ގޮތުގައި ހުށަހެޅުއްވީ މީގެ ކުރިން ޝަރީއަތުގައި ސިއްރު ހެއްކެއްގެ ހެކިބަހާއި ގުޅިގެން ނެވެ. އެފަރާތުން ބުނި އެއްޗެއް ސާބިތު ކުރުމަށް ކަަމަށް ވަކީލުން ވިދާޅުވި އެވެ.

ސިއްރު ހެކިވެރިޔާ މީގެ ކުރިން ބޭއްވި ޝަރީއަތުގައި ވަނީ ޖެމްސް ކަނޑާލުމަށް އުއްތަމަ ފަނޑިޔާރު އެ ހެކިވެރިޔާއަށް އެންގެވި ވަގުތު އުއްތަމަ ފަނޑިޔާރާއެކު އަލީ ހަމީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބުދުﷲ އަރީފާއި ހަސަން ސައީދު އެވަގުތު އިންނެވި ކަމަށް ވިދާޅުވެފައި އެވެ.

މައްސަލަ ބައްލަވާ ފަނޑިޔާރު އިބްރާހިމް އަލީ ވިދާޅުވީ، ފަސް ހެކިވެރީން ކޯޓަށް ހާޒިރުވުމަށް އެފަރާތްތަކަށް ޗިޓު ފޮނުވާފައިވާ ކަމަށެވެ. ހެކިވެރީން ކޯޓަށް ހާޒިރު ކުރުމަކީ ދިފާއީ ވަކީލުން ކުރައްވަން ޖެހޭ ކަމެއް ކަމަށެވެ. ކޯޓުން ކުރަން ޖެހޭ ކަމަކީ ހަމައެކިނި އެބޭފުޅުންނަށް ހާޒިރުވާން ޗިޓް ފޮނުވުން ކަމަށެވެ.

ދިފާއީ ވަކީލުން ވިދާޅުވީ، ފަނޑިޔާރު އަލީ ހަމީދާއި ހަސަން ސައީދު މިވަގުތު ހުންނެވީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ކަމާއި އެ ބޭފުޅުން ކޯޓަށް ހާޒިރު ކުރެވޭނެ އިތުރު އެއްވެސް ގޮތެއް ނެތް ކަމަށެވެ. އަދި މީގެ ކުރިން ކޯޓުގައި ބޭއްވި ޝަރީއަތްތަކުގައި ބަންދުގައި ތިބޭ ފަރާތްތައް ކޯޓަށް ހާޒިރު ކޮށްފައިވާ ކަމަށާއި އެކަން ކުރައްވާފައިވަނީ ކޯޓުގެ އެންގުމަށް ކަމަށްވެސް ވަކީލުން ވިދާޅުވި އެވެ.

މައްސަލަ ބައްލަވާ ފަނޑިޔާރު އިބްރާހިމް އަލީ ވިދާޅުވީ، ފަނޑިޔާރު އަލީ ހަމީދާއި ހަސަން ސައީދުގެ މައްޗަށް މިހާރުވެސް މިބާވަތުގެ މައްސަލައެއް ހިނގަމުންދާ ކަމަށާއި އެހެން ކަމުން އެދެބޭފުޅުން ކޯޓަށް ހާޒިރުކުރަން ނުޖެހޭނެ ކަމަށެވެ.

ދިފާއީ ވަކީލު ނޫރުއްސަލާމް ވިދާޅުވީ، ފަނޑިޔާރު އަލީ ހަމީދާއި ހަސަން ސައީދުގެ މައްޗަށް މި ބާވަތުގެ މައްސަލައެއް ހުށަހެޅި ކޯޓުގައި ކުރިއަށް ނުދާ ކަމަށާއި އެހެން ނޫންނަމަ އެދެބޭފުޅުންވެސް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ތިއްބަވާނެ ކަމަށެވެ.

ދައުލަތުގެ ވަކީލް ވިދާޅުވީ، އުއްތަމަ ފަނޑިޔާރުގެ މައްޗަށް އުފުލާފައިވަނީ ޖެމްގެ މައްސަލައަކީ ފެބްރުއަރީ އެއްވަނަ ދުވަހު ހިނގާދިޔަ ކަންކަމާއި ގުޅިގެން ކަމަށެވެ. ފަނޑިޔާރު އަލީ ހަމީދާއި ހަސަން ސައީދަކީ ވެސް އެކަންތައް ގަނޑުގައި ހިނގާ ދިޔަ ކަންކަމާއި ގުޅިގެން ދައުވާ ކޮށްފައިވާ ދެފަރާތް ކަމަށާއި އެދެބޭފުޅުންގެ ހެކިބަސް ނެގުމަކީ މަސްލަހަތަށް ފުށޫއަރާ ކަމެއް ކަމަށްވެސް ވަކީލް ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ، މި މައްސަލަ އަކީ ފާޅުކަން ބޮޑު ގޮތެއްގައި "ފެބްރިކޭޓެޑް" ކޮށްފައިވާ މައްސަލައެއް ވަރަށް ރަނގަޅަށް ސާފުވާ ކަމަށެވެ. އަދި ގާނޫނު އަސާސީގެ ދަށުން ކޮންމެ މީހަކަށްވެސް ކުށުން ބަރީއަތް ވުމުގެ ހައްގު ލިބިގެންވާ ކަމަށާއި ހެކިވެރީންގެ ހެކިބަސް ނުނެގުމަކީ އެމަނިކުފާނުގެ ހައްގުތައް ނިގުޅައިގަތުން ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ގެމްސްގެ "ވާގަނޑެއް ބުރިކޮށްލަން" އެއްވެސް ފަރާތަކަށް އަންގާފައިނުވާނެ ކަމަށާއި އެކަމަކީ ބުއްދިވެސް ގަބޫލުކުރާ ކަމެއްވެސް ނޫން ކަމަށެވެ. އަދި އެފަދަ ކަންކަމަކީ ފަސް ފަނޑިޔާރުންގެ ކޯރަމް ހަމަވެގެން ނިންމާ ކަންކަން ކަމަށާްއި މީގެ ކުރިން ހެކިބަސްދިން ސިއްރު ހެކިވެރިޔާގެ ހެކިބަހުންވެސް ޖެމްސް ކަނޑާލަން އެމަނިކުފާނު ވިދާޅުވިއިރު ކޯރަށް ހަމަނުވާކަން ސާބިތުވާ ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

"ހެކިވެރީންގެ ހެކިބަސްތަކުންވެސް ފާޅުކަން ބޮޑު ގޮތެއްގައި އިނގޭ ކަމަކީ މިއީ ފެބްރިކޭޓް ކޮށްފައިވާ މައްސަލައެއް ކަން، ވާގަނޑު ބުރިކޮށްލުން ކަހަލަ ކަންކަމަކީ ކުޅޭކުޅޭ ކަމަކަށް ކުރާ ކަންކަމެއް ނޫން، އަޅުގަނޑަކަށް ނޭންގެ ޖެމްސް ކަނޑާލިކަމެއް، އެކަމަކީ ސީރިއަސް ކަމެއް، އެފަދަ ކަމެއް ހިނގި ނަމަ އަޅުގަނޑަށް އެނގޭނެ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

ފަނޑިޔާރު ވަނީ ދިފާއުން ހުށަހެޅި ފަނޑިޔާރު އަލީ ހަމީދާއި ހަސަން ސައީދުގެ ހެކިބަސް ނުނެގުމަށް ނިންމާފަ އެވެ. އަދި މި މައްސަލާގައި ނަގަން ޖެހޭ ހުރިހާ ހެކިވެރިންގެ ހެކިބަސް ނަގާ ނިމިފައިވާ ކަމަށް ވިދާޅުވެ މާދަމާ އޮންނާނީ މައްސަލައިގެ ހުލާސާ ބަޔާން އިއްވުން ކަމަށް ވިދާޅުވެ މިއަދުގެ ޝަރީއަތް ވަނީ ނިންމާލާފަ އެވެ.

ބެލެވޭ ގޮތުގައި މާދަމާ އޮންނަ ޝަރީއަތުގެ އަޑުއެހުމުގައި އޮންނާނީ މި މައްސަލާގައި ހުކުމް އިއްވުމެވެ. އުއްތަމަ ފަނޑިޔާރުގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.