ބާސެލޯނާ އާއި ރެއާލް މެޑްރިޑްގެ މެޗު 2-2 ން އެއްވަރު ވެގެން ނިމިއްޖެ އެވެ. މެޗުގެ ދެ ވަނަ ހަފު ބާސެލޯނާއިން ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ.
އެއީ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓްގައި އެޓީމުގެ ސާޖީ ރޮބޭޓޯއަށް ދެ ވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދެއްކުމުންނެވެ.
ބާސާގެ ކޭމްޕްނޯ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، ފުރަތަމަ ލީޑް ނެގީވެސް ބާސާއިންނެވެ. މެޗުގެ 10 ވަނަ މިނެޓްގައި ސާޖީ ރޮބޭޓޯ ތަނަވަސް ކޮށްދިން ފުރުސަތަކުން ލީޑް ނަގައިދިނީ ލުއިސް ސުއަރޭޒް އެވެ.
އޭގެ 14 މިނެޓް ފަހުން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ރެއާލް މެޑްރިޑަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އޭނާ ލަނޑު ޖެހީ ކަރީމް ބެންޒެމާ ބޮލުން ތަނަވަސް ކޮށްދިން ފުރުސަތެއް ގައެވެ. ދެ ވަނަ ހާފު ރެއާލުން ފެށީ ރޮނާލްޑޯގެ ބަދަލުގައި މާކޯ އެސެންސިއޯ ކުޅެން ނެރެގެންނެވެ.
ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން ބުނީ، ރޮނާލްޑޯގެ ކުޑަ ހުޅަށް ކުޑަ އަނިޔާއެއް ލިބިފައިވާ ކަމަށާއި ނަމަވެސް ޗެމްޕިއަންސް ލީގް ފައިނަލަށް އޭނާ ފިޓް ވާނެ ކަމަށެވެ. އޭނާ ބުނީ ރަތް ކާޑުގެ ކުރިން ރެއާލް މާ ރަނގަޅަށް ކުޅުނު ކަމަށާއި އެއް ކުޅުންތެރިޔަކު އިތުރަށް ކުޅެން ޖެހުމުން ކުޅުން މާބޮޑަށް ގޯސް ކަަމަށެވެ.
ބާސެލޯނާގެ ދެ ވަނަ ލަނޑު ދެ ވަނަ ހާފު ފެށިގެން ހަތް ވަނަ މިނެޓްގައި ކާމިޔާބު ކުރީ މެސީ އެވެ. އޭނާ ލަނޑު ޖެހީ ސުއަރޭޒް ތަަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. މެޗުގެ 72 ވަނަ މިނެޓްގައި މާކޯ އެސެންސިއޯ ތަނަވަސް ކޮށްދިން ފުރުސަތަކުން ރެއާލް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ގެރެތު ބޭލް އެވެ.