ރިޕޯޓް

އަހަރެންގެ ކެޓަގަރީއެއް ނެތް!

އިއްޔެ މެންދުރު 2:00 އެހާއިރު އަހަރެން ވެސް ދަރުބާރުގެއަށް ދިޔައީ ސަރުކާރުން އާންމުންނަށް ދޭން އިއުލާން ކުރި 7،000 ފްލެޓަށް ކުރިމަތި ލުމަށް ވީހާވެސް އަވަހަކަަށް ފޯމު ނަގާށެވެ. ދަރުބާރުގެ ބޭރާހަމަޔަށް މަގުމައްޗަށް ދަމާލާފައި އޮތް ދިގު ކިޔޫއަށް އަހަރެން ވެސް ގުޅުނީ ފްލެޓެއް ހޯދުމަށް އޮތް ބޮޑު އުންމީދެއްގަ އެވެ. ވަގުތު ޖެހުމާ އެކު ކިޔޫ ދޫކޮށް އެންމެން ވެސް ދަރުބާރުގެ ރަންނަބަނޑޭރި މާލަމަށް ޖަމާވީ ހިނި ބައިގަނޑެއް ޖަމާވާ މިސާލުގަ އެވެ. މުޅި ދަރުބާރުގެ ހޯލު ފުރާލީ ބޯހިޔާވަހިކަމަށް ސަލާން ޖަހަން ޖެހިފައި ތިބި އެތައް ހާސްރައްޔިތުންނެކެވެ. ވަކި ޕާޓީއެއް، ފިކުރެއް ނުވަތަ ކުލައެއް ނެތެވެ. އެންމެންގެ މޫނުމަތިން ވެސް ފެންނަނީ ބޯހިޔާވެހިކަމަށް ފެންބޮވައިގެންފައި ހުރި މިންވަރެވެ. ފިތި ބާރުވެގެން ވެސް، ކޮންމެ މީހަކު ވެސް ބޭނުން ވަނީ އެ މީހުންގެ އެ ސަލާމް ޖެހުމަށް ނިމުމެއް ގެންނާށެވެ.

އެއް ކަމެއް ވަރަށް ސާފެވެ! އެއީ ގެދޮރުވެރިކަމަކީ ހަމައެކަނި ވަކި ހާއްސަ ކެޓަގަރީތަކެއްގެ ބަޔަކަށް ހައްގުވާ އެއްޗެއް ނޫންކަމެވެ. އެންމެ ކެޓަގަރީއެއްގައި ނުފެތުނަސް އެންމެ ދަތި ހާލުގައި އުޅޭ މީހުންނަށް ފްލެޓް ލިބެން ޖެހޭ ކަމަށް އެންމެން ވެސް ގަބޫލު ކުރެ އެވެ. މިނިސްޓްރީ އިން 17 ކެޓަގަރީއެއް ބަހާލާފައި ހުރި ގޮތުން އޭގެ އެންމެ ހައްގުވެރި ފަރާތްތަކަށް މިފަހަރު ފްލެޓް ލިބޭނެ ކަމާމެދު ސުވާލު އުފެދި ޝަކުވާތައް މީހުން ދިޔައީ އޮއްސަމުން އެވެ. އަދި މިފަހަރު އެއްވެސް ކެޓަގަރީއެއްގައި ލައްވާ ނުލާ މީހުންނަށް ދެން ފްލެޓެއް ލިބޭނީ ކޮން އިރަކުތޯ ސުވާލު ކުރާ މީހުން ވެސް ނުހަނު ގިނަ އެވެ. ފްލެޓް ލިބޭ މީހުން 17 ކެޓަގަރީއެއްކަށް "ފައްތާލާ" އިރު އެންމެ ބޮޑަށް ބޯހިޔާވަހިކަމަށް އެދޭ މީހުންނަށް ފްލެޓެއް ލިބިދާނެތޯ އެއީ އެތައް ބަޔަކު ކުރާ ސުވާލެކެވެ.

ކަންބޮޑުވުން ފެށެނީ ކެޓަގަރީތަކާ ހިސާބުން!

"އަހަރެން ވެސް ފްލެޓެއް ބޭނުން. އެކަމަކު މީގައި ބުނާ އެއްވެސް ކެޓަގަރީއެއްގައި މަށެއް ލައްވައެއް ނުލާ. އެކަމަކު އުމުރުން މިވީހާ ދުވަސް މިވީ މި މާލޭގައި ކުއްޔަށް މިހެން ގަނަތެޅޭތާ،" ދަރުބާރުގޭ ކައިރީ ހުއްޓިލައިގެން ހުރި މެދު އުމުރުގެ ފިރިހެނަކު ބުންޏެވެ. އޭނާ ބުނި ގޮތުގައި ފްލެޓު ލިބޭނެ ކަމުގެ އެއްވެސް ގެރެންޓީއެއް ނެތެވެ. އެއީ އަމިއްލަ ކުންފުންޏެއްގައި މަސައްކަތް ކުރާތީ ސިވިލް ސާވަންޓުންނާއި ސިފައިން ނުވަތަ ޑޮކްޓަރުން ފަދަ އެއްވެސް ކެޓަގަރީއެއްގައި އޭނާ ލައްވާ ނުލާތީ އެވެ. ކިރިޔާވެސް އުންމީދު އޮތީ އުމުރުން 18-40 އަހަރުގެ ކައިވެނިން ކޮށްގެން އުޅޭ ޒުވާނުންގެ ކެޓަގަރީ އެވެ. ނަމަވެސް މީހަކާ ކައިވެނިކޮށްގެން ނޫޅޭތީ އެ ފުރުސަތު ވެސް އޭނާއަކަށް މިފަހަރަކު ނެތެވެ.

"މިނިސްޓަރު މިއަދު ވަރަށް ސާފުކޮށް ބުނި ކެޓަގަރީތަކަށް ކުރިމަތިލެވޭނީ ހަމައެކަނި މީހުންނާ އިނދެގެން އުޅޭ މީހުންނަށޭ، އެކަމަކު އުޅޭނެ ތަނެއް ނެތީއާ ކިހިނެތް މީހަކާ އިންނާނީ، އަހަންނަށް ކުރިމަތިލެވޭނެ އެއްވެސް ކެޓަގަރީއެއް ނެތް، ދެން ޓިކު ޖަހާލާފައި ލޯމަރާލާފަ ލާނީ ކޮންމެވެސް އެކައްޗައް، އޭރުން މަސައްކަތް ކުރިކަން އޮންނާނެތާ،" ކަންބޮޑުވުންތައް "އަވަސް"އާ ހިއްސާ ކުރަމުން ޒުވާނަކު ބުންޏެވެ.

މާލޭ ރަށްވެހިންނަށް ހާއްސަ ކެޓަގަރީއަކާއި ދަފްތަރުގައި ޖެހިފައި ތިބި މީހުންނަށް ހާއްސަ ކެޓަގަރީއެއް އޮންނަ އިރު ޒާމާނުއްސުރެއް މާލޭގައި ދިރިއުޅެމުން އަންނަ އަތޮޅުތަކު ތެރޭ މީހުންނަށް އޮތް ތަފާތު ކުރުމެވެ. އެ މީހުންނަށް ހާއްސަ ކެޓަގަރީއެއް ނެތެވެ. ނަމަވެސް އޭގެ ތެރެއިން ވެސް ދަތި ހާލުގައި އެތަށް ބަޔަކު ދިރިއުޅެމުން ދާއިރު ހަމަހަމަ ކަމުގެ ހައްގުން އެ މީހުން މަހުރޫމްވެ އެވެ.

ހާއްސަ ދާއިރާތަކެއްގައި ވަޒީފާ އަދާ ކުރާ މީހުންގެ ކެޓަގަރީތަކެއް ގޮތުގައި ކަނޑައަޅާފައިވާ ގޮތާ މެދުވެސް އެތަށް ބައެއް ކަންބޮޑުވުން އެބައޮތެވެ. މިސާލަކަށް ސިފައިންނާއި ފުލުހުންނަށް ހާއްސަ ފްލެޓުތަކެއް ސަރުކާރުން މިހާރުވެސް އަޅަމުން އަންނަ އިރު، އެތަށް ހާސް ބަޔަކު އިންތިހާޒު ކުރަމުން އައި ސޯޝަލް ހައުސިން ފްލެޓުތަކުގެ 600 ޖާގަ އެ ފަރާތްތަކަށް ހާއްސަ ކުރުމަކީ ކޮން ކަހަލަ އިންސާފެއް ހެއްޔެވެ؟ އޭގެ އިތުރުން ޓީޗަރުންނާއި ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ ކެޓަގަރީތަކެއް ހަމަޖައްސާފައިވާއިރު އެ މީހުންނާއެކު މަސައްކަތް ކުރާ، އަދި މާ ގިނަ ދުވަހު ހިދުމަތްކޮށްފައިވާ އެހެން އިދާރީ މުވައްޒިފުންނަށް މިކަމުން ބޮޑެތި ހައްގުތަކެއް ގެއްލެ އެވެ.

ގޯތިގެދޮރަށް އެންމެ ބޭނުން ޖެހިފައިވާ މީހުން ބެލުމުގެ ބަދަލުގައި ވަކިވަކި ދާއިރާތަކުން އެންމެ ބޭނުން ޖެހިފައި ހުރި މީހުންތައް ކަނޑައެޅުމުގެ ސަބަބުން އެކަށީގެންވާ ނަތީޖާއެއް ނެރެވޭނެ ކަމާމެދު ސުވާލު އުފައްދަން ފުރުސަތު ބޮޑެވެ. ނަމަވެސް ސަރުކާރުން ބުނަމުން ގެންދަނީ މީގެ ކުރިޔާ ހިލާފަށް ކެޓަގަރީތަކުން ގިނަ ބަޔަކަށް އެ ފުރުސަތު ހުޅުވިގެން ދާނެ އެވެ. ނަމަވެސް އެއްވެސް ކެޓަގަރީއެއްގައި ލައްވާ ނުލާ މީހުންނަށް ވާނެ ގޮތަކަށް ސަރުކާރަށް ވެސް އަދި ޖަވާބެއް ނުދެވެ އެވެ.

ތައުރީފު ހައްގު، އެކަމަކު ދެފުށް ފެންނަން ޖެހޭ!

ބޯހިޔާވެހިކަމުގެ މަޝްރޫއުގެ ދަށުން ސަރުކާރުން ސޯޝަލް ފްލެޓުތައް ދޫކުރުމުގެ ނަތީޖާއެއް ފެންނަން ފަށާފައި މިވަނީ ރައީސް އަބްދުﷲ ޔާމީންގެ މި ދައުރުގެ އެންމެ ފަހު ދުވަސްތައް ގުނަމުންދާ ދަނޑިވަޅުގަ އެވެ. ލަހުން ނަމަވެސް އެމަނިކުފާނުގެ ސަރުކާރުން ފްލެޓުތައް ކުރިޔަށް ގެންދާ ސްޕީޑާއި ފްލެޓު އަޅައި ޖުމުލަ އަދަދަށް ބެލިޔަސް އަދި ދޫކުރާ އަގުތަކަށް ބެލިޔަސް އެހެން ސަރުކާރުތަކާ އަޅައި ބަލާފައި މާ ބޮޑަށް ވެސް ރަނގަޅުކަން އެއީ ގަބޫލުކޮށްލަން ޖެހޭ ހަގީގަތެވެ. ނަމަވެސް ސުވާލު އުފެދޭ ހިސާބަކީ އާންމުންގެ ލޯތަކައް ނުފެންނަ ހިސާބުން ނިމިގެންދާ ކަންކަމެވެ.

އެންމެ ފަހުން ހުޅުވާލި 700 ފްލެޓަށް ކުރިމަތިލި މީހުންގެ ތެރެއިން ފައިނަލް ލިސްޓު އާންމު ކުރި އިރު އެތަށް ބައެއްގެ ޝަކުވާތައް އޮތީ އިންތިހާއަށް ބޮޑުވެފަ އެވެ. އެ މައްސަލަ ނުހިނގާ މިނިވަން މުއައްސަސާއެއް ނެތެވެ. މައްސަލައަކަށްވީ ފްލެޓު ލިބުނު މީހުންނަށް ޕޮއިންޓުތައް ލިބުނު ގޮތާއި އެންމެ ކުޑަ މިނުން ފްލެޓު ލިބުނީ ކޮން ބަޔަކަށް ކަމެއް ވެސް އަންގާ ނުލާ "އަޑިއަޑިން" ހުރިހާ ކަމެއް ނިމިގެން ދިޔައީމަ އެވެ.

ސަރުކާރުން ދައްކާ ހުއްޖަތަކީ އެއީ މީހުންގެ ޒާތީ ކަމެއްކަމަށް ވުމުން ފްލެޓް ލިބޭ މީހުންގެ މައުލޫމާތު އާންމު ކުރަން ބޭނުން ނުވަނީ އެވެ. ނަމަވެސް އެހާ ޒާތީ އަދި ލަދުވެތިކަމެއް ނަމަ އެތަށް ސަތޭކަ ބައެއްގެ ކުރިމަތީ ފިތި ބާރުވެގެން ފޯމް ނަގަން މީހުން ކިއޫ ހަދަންވީ ސަބަބެއް ވެސް ނެތެވެ.

އޭގެ އިތުރުން އޭރު ފްލެޓުތައް ދޫކުރި ދުވަސްކޮޅާ ބަލާފައި ޕީޕީއެމްގެ ކެމްޕެއިން އޮފީހުން އާއިލާތަކަށް ގުޅައި ދިރިއުޅުމުގެ ހާލު އޮޅުން ފިލުވައި ރައީސް ޔާމީންއަށް ތާއީދު ކުރޭތޯ ސުވާލު ކުރަމުން ދިޔަ އެވެ. އެފަދަ ކަންކަން އެއްފަހަރާ ހިނގުމުގެ ސަބަބުން ފްލެޓު ލިބުނީ އޭގެ އެންމެ ހައްގުވެރި ފަރާތްތަކަށް ކަމާމެދު އޮތީ ވަރަށް ބޮޑަށް ސުވާލު އުފެދި ޝައްކެއްގެ ތެރޭގަ އެވެ. މިއަދާ ހަމަޔަށް ވެސް އެ މައްސަލަ އޮތީ ހަމަ އެގޮތަށެވެ.

ވޯޓަށް ޖަހާ މަޅިއެއް!؟

"މިފަހަރު 18 އަހަރު ފުރުފައިވާ ފަރާތްތަކަށް ވެސް މި ފްލެޓަށް ފޯމު ލެވޭނެ. ކުރިން މިލެވެނީ 21 އަހަރުވީމާ. އެކަމަކު 18 އަހަރު ވީމާ ވޯޓް ވެސް ލެވޭ. އެހެންވެ އަޅުގަނޑުމެން 18 އަހަރުން މަތިން ފެށިގެން ފްލެޓަށް ވެސް ލެވޭ ގޮތަށް މި ހެދީ،" މިނިސްޓަރު މުހައްމަދު މުއިއްޒު އިއްޔެގެ ޕްރެސްގައި ވިދާޅުވި އެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް މަދު ދުވަސްތަކެއް އޮތް އިރު، މިނިސްޓަރުގެ މި ވިދާޅުވީ ވަރަށް ވެސް ބޮޑު ވާހަކައެކެވެ. ވޯޓާ ދިމާކޮށް ސަރުކާރުން މިކަން ކުރުމުގެ ނިޔަތް އޮތް ކަމަށް ބަޔަކަށް މާނަ ކުރެވިދާނެ ވާހަކަ އެކެވެ. އެގޮތަށް މާނަ ކުރާ މީހުން ވެސް މިހާރު އެބަ ތިއްބެވެ.

ބޯހިޔާވަހިކަމަށް ސަލާން ޖަހާ އެތައް ނިކަމެތި ރައްޔިތުންނެއްގެ ހިތުގެ އުދާސްތަކުގެ ފައިދާ ސިޔާސީ މީހުން ނަގާތާ ކިތަންމެ ދުވަހެއް ވެއްޖެ އެވެ. މި ސަރުކާރުން ވެސް ހުޅުމާލޭގައި އަޅަން ފެށި 7،000 ފްލެޓްގެ މަސައްކަތް އަދި ފަށައިގަތީ އެވެ. މި ދައުރުގެ ކުރިން އެ ތަންތަނުގެ މަސައްކަތް ނިމި އާންމުންނަށް ތަޅުދަނޑިފަތި މި ދައުރު ނިމުމުގެ ކުރިން ލިބޭނެ ކަމެއް ނޭނގެ އެވެ. މިހެން އޮތް ކަމެއްގައި ސަރުކާރުން މިހާ އަވަހަށް މި ފްލެޓްތަކަށް ކުރިމަތިލާ އެ ތަންތަން ލިބޭ ބަޔަކު ހޮވަން އުޅެނީ ރިޔާސީ އިންޔިހާބަށް ރައްޔިތުން ހައްލައި އެ މީހުންގެ ތާއީދު ހޯދާކަމަށް ބުނާނެ ޖާގަ އޮންނާނެ އެވެ. އެއީ މީގެ ކުރީ ސަރުކާރުތަކުގައި ވެސް އެކަން ވެފައި އޮތް ގޮތުން އެވެ. އެކަމަކު ހައުސިން މިނިސްޓަރު މުއިއްޒު ޔަގީންކަން ދެއްވާ ގޮތުގައި މިއީ ރައްޔިތުންނަށް ގެނެސްދޭ އުންމީދުތަކެކެވެ. ހަމަ ޔަގީނުން ވެސް މި ފަހަރު ރައްޔިތުން މާޔޫސް ކޮށެއް ނުލާނެ އެވެ.

ބޯހިޔާވަހިކަމެއް ލިބޭނެ ކަމުގެ އިންތިޒާރުގައި ތިބި އެތައް ނިކަމެތި ރައްޔިތުންނަކަށް މިކަހަލަ އުންމީދުތައް ދޭތާ ކިތަންމެ ދުވަހެކެވެ. ރައްޔިތުންގެ މި އުންމީދުތަކަށް މި ސަރުކާރަށް ވެސް އެކަށީގެންވާ ފަރުވާއެއް އަދި ހޯދައެއް ނުދެވެ އެވެ. އަދި އެންމެ ފަހުން ފްލެޓްތަކުގެ ކަންކަން ދިޔަ ގޮތުން މާޔޫސް ވެފައި ތިބި މީހުންނާއި ޝައްކުގެ ނަޒަރަކުން ބަލާ މީހުން ވެސް ކިތަންމެހާ ވެސް ގިނަ އެވެ. އެންމެން އުފައްދާ ސުވާލަކީ މި ސަރުކާރުން މި ހިންގާ ބީ ހިޔާވަހިކަމުގެ މަޝްރޫއުގައި އޮތީ ކޮން އިހުލާސްތެރިކަމެއް ހެއްޔެވެ؟