ހަބަރު

ޔުމްނާ މައުމޫން ފުލުހަށް ހާޒިރުވާން އަންގައިފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫނަށް މާދަމާ ހަވީރު ފުލުހަށް ހާޒިރުވާން އަންގައި ޗިޓް ފޮނުވައިފި އެވެ.

ޔުމްނާއަށް އަންގާފައިވަނީ މާދަމާ ހަވީރު 4:00 އަށް ފުލުހަށް ހާޒިރުވުމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ސާފެއް ނުވެ އެވެ.

އެކަމަނާ ފުލުހަށް ހާޒިރުވާން އަންގާފައިވާއިރު ބައްޕާފުޅު މައުމޫން އަބްދުލް ގައްޔޫމާއި ފިރިކަލުން މުހައްމަދު ނަދީމް ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރިތާ މިހާރު ވަނީ ތިން މަސް ވެފަ އެވެ. އެ ދެ ބޭފުޅުން ވެސް ތިއްބެވީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

އޭގެއިތުރުން ކޮއްކޯފުޅު އަހުމަދު ފާރިސް މައުމޫން ބަންދުގައި ހުންނަވާތާ ވެސް އެތައް މަހެއް ވަނީވެފަ އެވެ. ފާރިސް ވެސް ހުންނެވީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން އެ ތިން ބޭފުޅުންނަށް ޓެރަރިޒަމްގެ ދައުވާ ކުރެ އެވެ.

އެ ތިން ބޭފުޅުންގެ ދިފާއުގައި އެންމެ ބޮޑަށް އަބަދުވެސް ވާހަކަ ދައްކަވަނީ ޔުމްނާ އެވެ. އެގޮތުން ކަންބޮޑުވުންތައް ފާޅު ކުރައްވައި ޔުމްނާ ކޮންމެ ދުވަހަކުހެން ޓްވީޓްތައް ކުރައްވަ އެވެ.