ކުރިން ފޯމް ނެގުމަކީ ފްލެޓް ދިނުމުގައި އިސްކަން ދޭނެ ކަމެއް ނޫން ވިދާޅުވެ ފާޑުކިޔުންތަކަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ރައްދު ދެއްވައިފި އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ސަރުކާރުން ފަށާފައިވާ ހިޔާ މަޝްރޫއުގެ ދަށުން ފުރަތަމަ ދޫކުރަން ހަމަޖެހިފައިވާ 7،000 ފްލެޓަށް ހުޅުވާލުމުން މިއަދު ދިގު ކިޔުއެއް ހެދުމާ ގުޅިގެން ފާޑުކިޔުން އަމާޒުވުމުންނެވެ. މިއަދު ދަރުބާރުގެ ތޮއްޖެހި ބައެއް މީހުންނަށް ފޯމް ނުލިބުމުން ގިނަ ބައެއްގެ ޝަކުވާތައް ލިބުނެވެ.
އެކަމާ ގުޅިގެން މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުރިން ފޯމް ނެގުމަކީ ފްލެޓް ދިނުމުގައި އިސްކަން ދޭނެ ކަމެއް ނޫން ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ ހިތްތަކުގައި ކަންބޮޑުވުމާއި ހާސްކަން މިކަމުގައި ފެތުރުމަށް ދައްކާ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށާއި އެފަދަ ވާހަކަތައް ހުއްޓާލުމަށް މިނިސްޓަރު އިލްތިމާސް ކުރެއްވި އެވެ.
އިދިކޮޅު ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ، ރައްޔިތުންނަށް ބޯހިޔާވެހިކަން ފޯރުކޮށްދޭން މި ސަރުކާރުން ބޭނުންނުވާ ކަމަށެވެ.
މި ސަރުކާރުގެ ބޭނުމަކީ ރައްޔިތުންނަށް ހުރިހާ ކަމެއް ވެސް އޮޅުވާލުން ކަމަށް ވެސް އިންތި ވިދާޅުވި އެވެ.
އިންތި ވިދާޅުވީ، މިއަދު ކުރިމަތިލާން ހުޅުވާލި ފްލެޓްތަކަކީ މިހާތަނަށް ބިންގާ ވެސް އަޅާފައިވާ ފްލެޓްތަކެއް ނޫން ކަމަށެވެ. މިހާތަނަށް މި ސަރުކާރުން އަޅާ، ރައްޔިތުންނަށް ދިން ފްލެޓެއް ނުހުންނާނެ ކަމަށް ވެސް އިންތި ވިދާޅުވި އެވެ.
މިއަދު ފޯމް ދޫކުރަން ފެށި 7000 ފްލެޓަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމުތައް އަންނަ މަހުގެ ތިނަކުން ފެށިގެން 30 އާ ހަމަޔަށް ބަލައިގަންނަނާނެ އެވެ. މިއަދުން ފެށިގެން ކުރިޔަށް ދާނީ ފްލެޓަށް ކުރިމަތިލުމުގެ ފޯމްތައް ދޫކުރުމުގެ މަސައްކަތެވެ. އެގޮތުން މިއަދު މެންދުރު ފަހު 2:00 އަކުން އިރުއޮއްސި 6:00 އަކަށް އަދި ރޭގަނޑު 8:00 އަކުން 11:00 އަށް ދަރުބާރުގެއިން ފޯމްތައް ލިބެން ހުންނާނެ އެވެ. އަދި ބަންދު ނޫން ކޮންމެ ދުވަހެއްގައި ހެނދުނު 9:00 އަކުން މެންދުރުފަހު 2:00 އަށް އަދި ހަވީރު 4:00 އަކުން އިރުއޮއްސި 6:00 އަކަށް އަދި ރޭނގަޑު 8:00 އަކުން 11:00 އަށް ފޯމް ލިބޭނެ އެވެ. އޭގެ އިތުރުން ފްލެޓު ފޯމްތައް އޮންލައިންކޮށް ލިބޭނެ ގޮތް ވެސް ހަމަޖައްސާފައި ވެއެވެ.