ބޮލީވުޑް

ސޯނަމްގެ ކައިވެނީގެ ރަސްމިއްޔާތުތައް ފަށައިފި

May 7, 2018

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސޯނަމް ކަޕޫރާއި ދިއްލީ އަށް ނިސްބަތްވާ ޒުވާން ވިޔަފާރިވެރިޔާ އާނަންދަ އަހޫޖާގެ ކައިވެނީގެ ރަސްމިއްޔާތުތައް އިއްޔެ މުމްބައިގަ ހުންނަ ސޯނަމްގެ ގޭގައި ފަށައިފި އެވެ.

ބޮލީވުޑްގެ ފެޝަނިސްޓާގެ ގޮތުގައި މަޝްހޫރު ވެފައިވާ ސޯނަމްގެ ކައިވެނީގެ ރަސްމިއްޔާތުތަކުގެ ތެރެއިން އިއްޔެ އޮތީ ހީނާ އެޅުމުގެ ރަސްމިއްޔާތެވެ. އާއިލާ އާއި އެންމެ ގާތް އެކުވެރިންގެ އިތުރުން ބޮލީވުޑްގައި ތިބި ސޯނަމް އާއި އޭނާގެ ބައްޕަ އަނިލް ކަޕޫރުގެ ވަރަށް ގާތް ފިލްމީ ތަރިން ވެސް ވަނީ ބައިވެރިވެފަ އެވެ. އޭގެ ތެރޭގައި ބަތަލާ ރާނީ މުކަރްޖީ އާއި ޕްރޮޑިއުސަރު ކަރަން ޖޯހަރު ހިމެނެ އެވެ.

ސޯނަމްގެ ކޮއްކޮ ރީއާ ކަޕޫރާއި އާއިލާގެ ބައެއް އެހެން ކުދިންނާއި މި ހަފްލާގައި ބައިވެރިވި ތަރިންގެ ތެރެއިން ކަރަން ވެސް ވަނީ ހަފްލާގެ ބައެއް ފޮޓޯތައް އާންމުކޮށްފަ އެވެ. ސޯނަމްގެ ބޮޑު ބޭބެ ސަންޖޭ އާއި ދެބެއިންގެ ދެދަރި ކުދިންނާއެކު ނަގާފައިވާ ފޮޓޯއެއް އާންމުކުރަމުން ކަރަން ވަނީ ސޯނަމްގެ ކައިވެނީގެ ރަސްމިއްޔާތުތައް ފެށުނީ ކަމަށް ލިޔެފަ އެވެ.

ހީނާ އެޅުމުގެ ރަސްމިއްޔާތުގައި ސޯނަމް ފިޔާތޮއްޓާއިި ލައިލަކް ކުލައިގެ ޓްރެޑިޝަނަލް ހެދުމެއް ލައިގެން ހުރިއިރު، އާނަންނަ ލައިގެން ހުރީ ފިޔާތޮށި ކުލައިގެ ޓްރެޑިޝަނަލް ޓިއުނިކް އެކެވެ. މި ރަސްމިއްޔާތުގައި ސޯނަމް ލައިގެން ހުރީ މަޝްހޫރު ޑިޒައިނަރު އަބޫ ޖާނީ ސަންދީޕް ކޯސްލާ ފަރުމާކޮށްފައިވާ ހެދުމެކެވެ. އަދި ސަންގީތް އާއި ކައިވެނީގެ ރަސްމިއްޔާތުގައި އޭނާ ލުމަށް ހަމަޖެހިފައިވަނީ އަނާމިކާ ކަންނާ އާއި އަނޫރާދާ ވާކިލްގެ ހެދުމެވެ.

މާ ކުލަ ގަދަކޮށް ބޮޑު ހަފްލާއެއްގެ ގޮތުގައި ސޯނަމް އާއި އާނަންދްގެ ކައިވެނީގެ އެއްވެސް ހަފްލާއެއް ކުރިއަށް ނުގެންދާނެ އެވެ. މާދަމާ ރީނދޫލުމާއި ނެށުމުގެ ހަރަކާތްތައް އޮންނައިރު، ކައިވެނީގެ ރަސްމިއްޔާތު އޮންނާނީ އަށް ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގަ އެވެ. ކައިވެނީގެ ހަފްލާ އޮންނާނީ ސޯނަމްގެ މަންމަ ފަރާތު ބޮޑުދައިތަގެ ގޭގަ އެވެ. އަދި އެ ރޭ ކައިވެނީގެ އުފަލުގައި ބާއްވާ ޕާޓީ އޮންނާނެ އެވެ. އެ ހަފްލާގައި ބޮލީވުޑްގެ މަޝްހޫރު ގިނަ ތަރިންތައް ބައިވެރިވާނެ ކަމަށްވެ އެވެ.

ގާތްގަނޑަކަށް ދެ އަހަރަށް ވުރެން ގިނަ ދުވަސްވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ސޯނަމް އާއި އާނަންދް ކައިވެނި މި މަހުގެ އަށް ވަނަ ދުވަހު އޮންނާނެ ކަމުގެ ވާހަކަތައް މީޑިއާގައި ދެކެވެމުން ދަނިކޮށް އެ ވާހަކަ ދެ ފަރާތުގެ އާއިލާއިން ނެރުނު ބަޔާނެއްގައި ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ޔަގީންކޮށްދީފަ އެވެ.

ކައިވެންޏަށް ފަހު ޖެހިގެން އަންނަ ދުވަހު ސޯނަމް އޭނާ ބްރޭންޑް އެމްބެސެޑަރުކަންކުރާ މޭކަޕް ބްރޭންޑް ލޯރިއަލް ތަމްސީލުކުރަން ފްރާންސްގައި އޮންނަ ކާންސް ފިލްމު ފެސްޓިވަލްގައި ބައިވެރިވުމަށްދާނެ އެވެ.