ކުޅިވަރު

ލިވަޕޫލު ބަލިކޮށް ޗެލްސީއަށް އުންމީދެއް

ލިވަޕޫލްގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން މޮޅުވުމުން، ޗެމްޕިއަންސް ލީގް ޖާގަ ހޯދުމުގެ މަސައްކަތަށް ޗެލްސީއަށް އުންމިީދެއް ލިބިއްޖެ ކަމަށް، އެ ޓީމުގެ ކޯޗް އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

މެޗުގެ ހަމައެކަނި ލަނޑު 32 ވަނަ މިނެޓްގައި ވިކްޓާ މޫސަސް ތަނަވަސްކޮށް ދިން ފުރުސަތަކުން ކާމިޔާބު ކުރީ އޮލިވާ ޖިރޫޑް އެވެ.

ހުޅަނގު ލަންޑަނަށް ނިސްބަތްވާ ޓީމު ވަނީ ލީގްގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުންވެސް މޮޅުވެފަ އެވެ. އެ ޓީމަށް ބާކީ އޮތީ ހަޑާސް ފީލްޑް ޓައުން އާއި ނިއުކާސަލްއާ ދެކޮޅަށް ކުޅޭ މެޗު ތަކެވެ.

"އެއް މަސް ކުރިން އަހަރެމެން އޮތީ ގަދަ ހަތަރެއް އަތުނުވާނެ ހިސާބުގައި، ނަމަވެސް މިހާރު އުންމީދެއް އެބައޮތް،" މެޗަށް ފަހު ވާހަކަ ދައްކަމުން ކޮންޓޭ ބުންޏެވެ.

"ކޮންމެ މެޗަކުން އަހަރެމެން މިދަނީ ޕޮއިންޓް ހޯދަމުން އަހަރެމެންގެ ވާދަވެރި ޓީމުތައް އަތުން އެ ދަނީ ޕޮއިންޓްތައް ގެއްލެމުން، ނަމަވެސް ކުރިމަގު އޮތީ އަހަރެމެން އަތަކު ނޫން، ކުރިއަށް ހުރި މެޗުތަކުން މޮޅުވުމަކީ އަހަރެމެންނަށް ވުރެ ކުރީގައިވާ ޓީމުތަކަށް ޕްރެޝަރެއް ދެވޭނެ ކަމެއް."

"ގަދަ ހަތަރަކަށް ވަންނަން ބޭނުންވާ އުންމީދު ދަމަހައްޓައި އެކަމަށް މަސައްކަތް ކުރަން ޖެހޭނެ، އަހަރެމެންގެ ޓާގެޓަކީ ޗެމްޕިއަންސް ލީގް ޖަގަ ކަށަވަރު ކުރުން."

މެޗުން މޮޅުވުމުން، ޗެލްސީ އާއި ހަތަރު ވަނައިގައި މިހާރު އޮތް ޓޮޓެންހަމް ހޮސްޕާއާ ދެމެދު މިހާރު ހުރީ ދެ ޕޮއިންޓްގެ ފަރަގެވެ. ޗެލްސީ އޮތީ ފަސް ވަނައިގަ އެވެ.

ތާވަލުގެ 16 ވަނައިގައި އޮތް ހަޑާސް ފީލްޑް ޓައުން ވަނީ ވަރުގަދަ މެންޗެސްޓާ ސިޓީ ލަނޑެއް ޖެހިޔަ ނުދީ ހިފަހައްޓާލާފަ އެވެ. އާސެނަލް ވަނީ ބާންލީގެ މައްޗަށް 5-0 ތަފާތު ބޮޑު ނަތީޖާ އަކުން މޮޅުވެފަ އެވެ.